Roadha Mihaaru
ފެނަކަ މުވައްޒަފުން ވައްކަމެއް ނުކުރާނެ: ސައީދު

ފެނަކައިގެ މުވައްޒަފުން ވައްކަމެއް ނުކުރޭ، ނުވެސް ކުރާނެ: ސައީދު

28 މެއި 2023

ފެނަކަ ކޯޕަރޭޝަނުގެ އެއްވެސް މުވައްޒަފަކު ވައްކަން ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފެނަކަ ކޯޕަރޭޝަނުގެ އެއްވެސް މުވައްޒަފަކު ވައްކަން ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފ. ބިލެއްދޫގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައާ ގުޅުވައިގެން އެކަހަލަ ވާހަކަތައް ބަޔަކު ދައްކަނީ އެ ކުންފުންޏަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކުންފުނި ކަމަށް ވާތީ ކަމަށެވެ.

ފެނަކައިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަކީ އެ ކުންފުންޏާ ދޭތެރޭ އެކަހަލަ ވާހަކަތައް ދައްކާ އެއް ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެނަކަ ވާހަކަ ދައްކަން ޖެހޭ ބައިވަރު ސަބަބު އެބަހުރި. އެއީ އެތައް ބަޔަކަށް ނުކުރެވި އޮތް އެތައް ހާސް ކަމެއް ކޮށްފައި އޮތީމަ. ނޭޝަނަލް ލައިބްރަރީގެ ވާހަކައެއް މިތާކު ނުދައްކާނެ. ނޭޝަނަލް އާޓް ގެލެރީގެ ވާހަކައެއް ނުދައްކާނެ. އެއީ އެތަން ހުންނަކަން، ކަމެއް ކުރާކަން ވެސް ރައްޔިތުންނަށް އެނގެނީއެއް ނޫން،" ސައީދު ވިދާޅުވި އެވެ.

ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމާއި ފެނަކަ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ އެމްޑީ ސައީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމް ކުރައްވަނީ: ސައީދު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަތަކާ ގުޅިގެން ހިތަށް އެއްވެސް އެއްޗެއް ނާރާކަމަށް.-- ފޮޓޯ: ރައީށް އޮފީސް

ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމާއި ފެނަކަ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ އެމްޑީ ސައީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމް ކުރައްވަނީ: ސައީދު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަތަކާ ގުޅިގެން ހިތަށް އެއްވެސް އެއްޗެއް ނާރާކަމަށް.-- ފޮޓޯ: ރައީށް އޮފީސް

"ކަން ކުރާ ތަނެއްގެ ވާހަކަ ދެއްކާނެ. ފެނަކައާ ދޭތެރޭ އެ ކަހަލަ ވާހަކަ ދައްކާނެ. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ ފެނަކައިން ވައްކަމެއް ނުކުރޭ. ވައްކަމެއް ނުކުރާނެ."

ރާއްޖޭގެ ގިނަ ޒުވާނުން ފެނަކައިން ވަޒީފާ ލިބުމަކީ އާއިލާތަކަށް ލިބޭ ހަމަޖެހުމެއް ކަމަށާއި އެކަން ބަލައިގަތުމަށް ވާދަވެރިންނަށް އުނދަގޫ ވަނީ ކަމަށް ސައީދު ވިދާޅުވި އެވެ.

އެކަހަލަ ވާހަކަތައް ފަތުރަނީ އެ ވާހަކަތައް ދައްކަމުން އަންނަ މީހުންނަށް ލިބެމުން އަންނަ ނާޖާއިޒް ފައިދާ ލިބުން ހުއްޓުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ވާހަކަތަކާ ގުޅިގެން ހިތަށް އެއްވެސް އެއްޗެއް ނާރާ ކަމަށާއި ތިބީ ވަރަށް ސާބިތުކަމާ އެކު ކަމަށް ސައީދު ވިދާޅުވި އެވެ.

ފެނަކައަކީ ހުޅުވާލައިފައި އޮތް ތަނެއް ކަމަށާއި މައްސަލައެއް އޮތިއްޔާ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެކަން ބެލުމަށް ސައީދު ގޮވާލެއްވި އެވެ. އެކަމަކު، އެއްވެސް ވައްކަމެއް ފެންނަން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ސިޔާސީ ބައެއް ފަރާތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ވެސް ފެނަކައިގެ ކޮރަޕްޝަންތަކުގެ ވާހަކަތައް އެކި ފަހަރުމަތިން ވަނީ ދައްކަވައިފަ އެވެ. ބައެއް ބޭފުޅުން ސިފަކުރައްވާފައިވާ ގޮތުގައި، ފެނަކަ އަކީ ސިޔާސީ ބޭނުމަކަަށް ޓަކައި ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކުޅެން ގެންގުޅޭ ކުންފުންޏެކެވެ. އަދި ވައްކަމާއި ފަސާދަ އެ ކުންފުނީގެ ތެރޭގައި އޮތީ އަޑި ނޭނގޭ ވަރަށް ކަމަށް އެ ބޭފުޅުން އެކި ޖަލްސާތަކުގައި އެކި ފަހަރު ވިދާޅުވެފައި ވެ އެވެ.

ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް 2021 ވަނަ އަހަރު އޭސީސީން ރައީސަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ކުންފުނިން ބުނެފައި ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށާއި އެއީ އެ ކުންފުނީގެ މަސައްކަތްތަކާ މެދު ހަސަދަވެރިވެގެން ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.