Roadha Mihaaru
ދޭތިން އެކައްޗަށް ގޮސް މެޑަލް ހޯދައިދޭން އެދިއްޖެ

މެޑަލް ނުލިބޭ ކުޅިވަރުތަކުން މެޑަލް ހޯދައިދޭން މަހުލޫފް އެދިވަޑައިގެންފި

29 މެއި 2023

ބައިނަލްއަގްވާމީ ކުޅިވަރު މައިދާނުގައި ރާއްޖެ އަށް މިހާތަނަށް މެޑަލް ނުލިބޭ ކުޅިވަރުތަކުން މި އަހަރުގެ ގޭމްސްތަކުގައި މެޑަލް ހޯދައި ދިނުމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ހިތްވަރު ދެއްވައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބައިނަލްއަގްވާމީ ކުޅިވަރު މައިދާނުގައި ރާއްޖެ އަށް މިހާތަނަށް މެޑަލް ނުލިބޭ ކުޅިވަރުތަކުން މި އަހަރުގެ ގޭމްސްތަކުގައި މެޑަލް ހޯދައި ދިނުމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ހިތްވަރު ދެއްވައިފި އެވެ.

އޭނާ އެ ކަމަށް ހިތްވަރު ދެއްވީ، ކުޅުންތެރިންނާ ބައްދަލު ކުރެއްވުމަށް ގޮތުން ޔޫތު ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ސީނިއާ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމާއި ޖޫނިއާ ޓޭބަލްޓެނިސް (ޓީޓީ) ޓީމާއި ޖޫނިއާ އަންހެން ހޭންޑްބޯޅަ ޓީމުތަކުގެ އިތުރުން ސީނިއާ އަންހެން ވޮލީބޯޅަ ޓީމާއި ފިރިހެން ބާސްކެޓްބޯޅަ ޓީމާއި އެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ވެސް އެ ހަފްލާގައި ބައިވެރިވި އެވެ.

މިއީ ދިވެހި ކުޅިވަރުގެ ގައުމީ ޓީމުތައް ބައިނަލްއަގްވާމީ ގިނަ ގޭމްސްތަކެއްގައި ބައިވެރިވާ އަހަރެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްގެ އިތުރުން ވޯލްޑް ބީޗް ގޭމްސް އާއި އޭޝިއަން އިންޑޯ އެންޑް މާޝިއަލް އާޓްސް ގޭމްސް ވެސް ކުރިއަށް އެބަ އޮތެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުން އަންނަނީ އެ މުބާރާތްތަކުން ކާމިޔާބު ހޯދުމަށް ޓީމުތައް ތަމްރީނު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައިއެޗްއެފް ޓްރޮފީ އިން ލޯ މެޑަލް ހޯދި ޖޫނިއާ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން ރޭ ބޭއްވި ހަފްލާގައި ބައިވެރި ވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އައިއެޗްއެފް ޓްރޮފީ އިން ލޯ މެޑަލް ހޯދި ޖޫނިއާ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން ރޭ ބޭއްވި ހަފްލާގައި ބައިވެރި ވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޖޫނިއާ ޓީޓީ ޓީމުން ވަނީ މި މަހު އިންޑިއާގައި އޮތް ދެކުނު އޭޝިއާގެ ޖޫނިއާ ޗެމްޕިއަންޝިޕްގައި ދެ ރިހި މެޑަލާއި ހަތަރު ލޯ މެޑަލް ރާއްޖެ އަށް ހޯދައި ދީފަ އެވެ. ހޭންޑްބޯޅައިގެ 17 އަހަރާއި 19 އަހަރުން ދަށުގެ އަންހެން ދެ ޓީމު ވެސް ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކޮށް، މެޑަލް ހޯދައިފަ އެވެ. މި މަހު ބަންގްލަދޭޝްގައި އޮތް އައިއެޗްއެފް ޓްރޮފީ އޭޝިއާ ބައްރުގެ ޒޯން 2 މުބާރާތުގައި ވާދަކޮށް ދެ ޓީމުން ވެސް ވަނީ ލޯ މެޑަލް ހޯދި އެވެ.

އަންހެން ވޮލީބޯޅަ ޓީމަށް ބޭރުގެ ކޯޗެއް ހަމަޖައްސައި މި އަހަރުގެ ކާވާ ޗެލެންޖް ކަޕްގައި ވާދަކޮށްގެން އެންމެ ބޭނުންވި ނަތީޖާ ނުލިބުނަސް، ޓީމުގައި މޮޅުވުމުގެ ރޫހު އެބަ ހުރި ކަމަށާއި ފަރިތަކުރުންތަކުގައި ދިމާވި ދަތިތަކާ އެކު ވެސް މުބާރާތަށް ގޮސް ދެއްކި ކުޅުމަށް މިނިސްޓަރު މަހުލޫފް ރޭ މަރުހަބާ ވިދާޅުވި އެވެ. އަދި އައިއޯއައިޖީ އަށް ފުރުމުގެ ކުރިން ރާއްޖޭގައި އިތުރު މުބާރާތެއް ބާއްވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ބޭނުންވާ ގޮތަށް އެ ކަމެއް ނުގެންދެވުނު. އެ ދުވަސްކޮޅު އިންޑޯ ބަންދު ކޮށްފައި އޮތުމުން ވަރަށް މަދު ދުވަސްކޮޅަކު ހަގީގަތުގައި އިންޑޯގައި ތައްޔާރުވާން ލިބުނީ. އެ ހުރިހާ ކަމަކާ ވެސް އެކީގައި ވެސް ވަރަށް ފޮނި އުންމީދެއްގައި މުބާރާތަށް ދިޔައީ،" އަންހެން ވޮލީ ޓީމުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

"ވޮލީ ޓީމަށް އަޅުގަނޑު ބުނެލަން ބޭނުމީ، އަސްލު މިއަދު އަންހެން ޓިމުގައި އެ ކޮލިޓީ އެބަހުއްޓޭ. ހިތްވަރު ވެސް އެބަހުރި ޖޯޝް ވެސް އެބަ ހުރި، ޓީމު ވަރަށް ގަދައޭ. ތި އޮތްގޮތުގައި މަސައްކަތް ކޮށްގެން ގޮސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުރަތަމަ ފަހަރަށް އަންހެން ޓީމަށް މެޑަލް އެއް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން."

ކާވާ މުބާރާތުގައި ވާދަކުރި އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން ރޭ ބޭއްވި ހަފްލާގައި ބައިވެރި ވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކާވާ މުބާރާތުގައި ވާދަކުރި އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން ރޭ ބޭއްވި ހަފްލާގައި ބައިވެރި ވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މަހުލޫފް ވިދާޅުވީ ދެ ތިން މަސް ތެރޭގައި 50 ވަނަ ބޮޑު ފުޓުބޯޅަ ދަނޑު އަޅާ ނިމޭނެ ކަމަށާއި މިހާރު މަސައްކަތް ކުރިއަށް ގެންދާ ދަނޑުތަކާ އެކު ނިމޭއިރު ދަނޑުގެ އަދަދު 120 އަށް ވުރެ ގިނަ ވާނެ ކަމަށެވެ.

"މިއަދު ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް މަތިން ދަތުރު ކުރަމުން ދާއިރު އެންމެ ފުރަތަމަ އަޅައިގަންނާނީ ބޮޑެތި ފުޓުބޯޅަ ދަނޑު. ފަންސާސް ވަނަ ދަނޑު އިރާދަ ކުރެއްވިއްޔާ މީގެ ދެ ތިން މަސް ތެރޭގައި އަޅުގަނޑުމެން މި ނިންމަނީ. މަސައްކަތް ކުރަމުންދާ ދަނޑުތަކާ އެކީގައި ދަނޑުގެ އަދަދުތައް 120 އަށް ވުރެ މިހާރު ގިނަ ވެއްޖެ،" ސަރުކާރުގެ ދަނޑު އެޅުމުގެ ޕްރޮޖެކްޓާ ގުޅޭގޮތުން މަހުލޫފް ވިދާޅުވި އެވެ.

"މީގެއިން އާ ޓެލެންޓުތަކެއް ނެޗުރަލީ ވެސް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން."

ގައުމީ ފުޓުބޯޅަ ޓީމު އަންނަނީ އަންނަ މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން އިތުރު ތަމްރީނުތަކަށް ޖަޕާނަށް ފުރަން ތައްޔާރު ވަމުންނެވެ. މަހުލޫފް ވަނީ ތަމްރީނު ތަކަށް ފަހު މުބާރާތަށް ދާއިރު، ރާއްޖޭގެ ޓީމުން މެޑަލް ހޯދައި ރާއްޖޭގައި ފަނޑު ވެފައިވާ ފުޓްބޯޅަ ފޯރި އަލުން ގެންނަން މަސައްކަތް ކުރަން ހިތްވަރު ދެއްވައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައިމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ރޭ ބޭއްވި ހަފްލާގައި ބައިވެރި ވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައިމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ރޭ ބޭއްވި ހަފްލާގައި ބައިވެރި ވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ފުޓުބޯޅައިގެ [ފަނޑުވެފައި އޮތް] ފޯރި ބަދަލުކޮށް [ކުރީގެ] ޖޯޝު ގެނައުމަށް ވެސް އަޅުނޑުމެންގެ ގައުމީ ޓީމް އެބަ ޖެހޭ ވަރަށް ބޮޑު އެފަޓެއް ލާން،" ގައުމީ ޓީމުން ވާދަކުރާ ގޭމްސްތަކުން މެޑަލް ހޯދުމަށް ހިތްވަރު ދެމުން މަހުލޫފް ވިދާޅުވި އެވެ.

"ޖަޕާނަށް ކުރާ ދަތުރަށް ފަހު [މުބާރާތަށް] ގޮސް އަޅުގަނޑުމެންނަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް މެޑަލްއެއް ގެނެސްދިނުމަކީ މިރޭ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް."

ފިރިހެން ބާސްކެޓްބޯޅަ ޓީމު ވެސް އަންނަނީ އިންޑިއާގެ ބެންގަލޫރުގެ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގެ ތަމްރީނުތަކަށް ފުރަން ތައްޔާރު ވަމުންނެވެ. އަންހެން ޓީމުން މިދިޔަ އަހަރުގެ އެ ތަމްރީނުތަކަށް ފަހު ސާބާ މުބާރާތުން ލޯ މެޑަލް ދިފާއު ކޮށްގެން ހޯދި ކާމިޔާބީ ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ، ފިރިހެން ޓީމުން ވެސް އެ ފޯރީގައި ކާމިޔާބު ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ އަށް ފަހު ރާއްޖޭގައި ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަން ވެސް މަހުލޫފް ހާމަކުރެއްވި އެވެ.

"މި އަހަރަކީ ކުޅިވަރުން އިތުރަށް އަޅުގަނޑުމެންގެ ގައުމަށް ރީތި ނަމެއް ހޯދައިދޭން މަސައްކަތްތަކެއް ކުރާ އަހަރަކަށް ހަދަން، ކުރިން ފާހަގަ ކުރިހެން މެޑަަލް އެއް ނުލިބި އޮތް ކުޅިވަރުތައް ދޭތިން އެކައްޗަށް ގޮސް ވެސް މިކަން ކުރުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކޮށްދެއްވުން އެދެން،" މަހުލޫފް ވިދާޅުވި އެވެ.