Roadha Mihaaru

އިންޑިއާ ޕާލެމެންޓްގެ އާ އިމާރާތް ހުޅުވައިފި

އިންޑިއާގައި އަލަށް ބިނާކުރި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތާ މެދު ސިޔާސީ ވާދަވެރިންނާއި އާންމު ރައްޔިތުންގެ މެދުގައި ގިނަ ފާޑުކިޔުންތަކެއް އުފެދިފައިވަނިކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯޑީ އިއްޔެ އެ އިމާރާތް ހުޅުއްވައިދެއްވައިފި އެވެ.

އިންޑިއާ ޕާލެމެންޓްގެ އާ އިމާރާތް ހުޅުވައިފި

އިންޑިއާގައި އަލަށް ބިނާކުރި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތާ މެދު ސިޔާސީ ވާދަވެރިންނާއި އާންމު ރައްޔިތުންގެ މެދުގައި ގިނަ ފާޑުކިޔުންތަކެއް އުފެދިފައިވަނިކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯޑީ އިއްޔެ އެ އިމާރާތް ހުޅުއްވައިދެއްވައިފި އެވެ.

ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް (ޖުމްލަ 2.4 ބިލިއަން ޑޮލަރު) ކޮށްގެން މި އިމާރާތް ހެދުމުން، އެއް ބަޔަކު ބުނާ ގޮތުގައި އާންމު ރައްޔިތުންގެ މަސްލަހަތަށް ވުރެ މޯދީ އަށް މުހިންމު ވަނީ އޭނާގެ އަމިއްލަ ހައިބަތު ދެއްކުމެވެ. އަދި މޯދީ މިހާރު އަމަލުކުރައްވަމުން ގެންދަވަނީ އިންޑިއާގެ ޒަމާންވީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފަށް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތް ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކައިގައި މޯދީ ވިދާޅުވި ގޮތުގައި އެ އިމާރާތަކީ އެ "ގައުމުގެ ޑިމޮކްރެސީގެ ފައްޅި" އެވެ. އަދި އެ އިމާރާތަކީ އިންޑިއާގެ ގަދީމީ އަދި ޒަމާނީ ތާރީޚު ރަމްޒުކޮށްދޭ ރަނގަޅު ނަމޫނާއެއް ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

"ދުނިޔޭގެ އެންމެ ތަނަވަސް އަދި އެންމެ ޝަރަފުވެރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނުނު ދުވަސްވަރެއް ދުނިޔޭގެ ތާރީޚު ވަނީ ދެކެފައި. މި ގައުމުގެ އެކި ސަހަރުތަކުންނާއި ގަނޑުވަރުތަކުންނާއި ފައްޅިތަކުން އަދި އެކި ތަންތަނުގައި ހުރި ބުދުތަކުން ވެސް، އިމާރާތްކުރުމުގެ ފަންނުގައި ލިބިފައިވާ ތަޖުރިބާ ތަމްސީލުކޮށްދޭ. ނަމަވެސް އަޅުކަމުގައި ހޭދަވި އެތައް ސަތޭކަ އަހަރެއް ވަނީ އެ ފަޚުރުވެރިކަން އަހަރެމެންގެ އަތުން ނިގުޅައިގެންފައި."

ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވި އިރު، އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ގައުމުގެ ރައީސަށް އެ ޝަރަފު ނުދިނުމުންނެވެ. ފާޑު ކިޔާ މީހުން ބުނި ގޮތުގައި، މޯދީގެ ވެރިކަމުގައި މޯދީގެ އިސްނެގުމަކަށް އިމާރާތްކުރި އެފަދަ އިމާރާތެއް އަމިއްލަ އަށް ހުޅުވައި އެކަމުގެ ޝަރަފު ލިބިގަތުމުގެ ބަދަލުގައި، ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސް ދްރޫޕަދީ މުރްމޫ އަށް އެ ފުރުސަތު ދެއްވި ނަމަ މާ ރަނގަޅުވީހެވެ.

އިންޑިއާގެ 19 ސިޔާސީ ޕާޓީއަކުން ވަނީ، ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޮއިކޮޓް ކުރާނެކަން މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ. އެ ޕާޓީތަކުން ބުނި ގޮތުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އިންޑިއާގެ ރައީސް ބައިވެރިނުކޮށް ގާނޫނު ހަދާ މަޖިލިސް ނުހުޅުވޭނެ އެވެ. އަދި މޯދީ އަމިއްލައަށް އެ އިމާރާތް ހުޅުވުމަކީ، އިންޑިއާގެ ޑިމޮކްރެސީ އަށް މޯދީ ސީދާ ގޮތެއްގައި އަރައިގަތުން ކަމަށް ވެސް އެ ޕާޓީތަކުން ސިފަކުރި އެވެ.

" ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ޑިކޮމްރެސީގެ ފުރާނަ ދަމައި ބޭރުކޮށްލުމުން، އާ އިމާރާތުގައި އަގެއް ހުރި ކަމަކަށް އަހަރެމެން ނުދެކެން،" ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައިވެ އެވެ. އޭގެ އިތުރުން އާ އިމާރާތް ހުޅުވި ތާރީޚާ މެދު ވެސް ސިޔާސީ ފަރާތްތައް ހިތްހަމައެއް ނުޖެހެ އެވެ.

އިއްޔެ (މެއި 28) އަކީ ހިންދޫންގެ ވަތަނީ ހަރަކާތުގެ އިސް ލީޑަރެއް ކަމަށްވާ ވިނަޔަކަ ދާމޯދާރު ސަވަރްކާރްގެ އުފަން ދުވަސް ކަމަށްވާއިރު، ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީން ދެކެނީ އޭނާއަކީ ގައުމީ ބަތަލެއްގެ ގޮތުގަ އެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި ވިނަޔަކަގެ ފިކުރަކީ އިންޑިއާގެ ބައި މަދު ދަރިކޮޅުތަކާއި ބައި މަދު ދީންތަކުގެ މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ފިކުރެކެވެ.