Roadha Mihaaru
ޕޮޗެޓީނޯގެ ލިސްޓްގައި ފެލިކްސްގެ ނަމެއް ނެތް

ޕޮޗެޓީނޯގެ ލިސްޓްގައި ފެލިކްސްގެ ނަމެއް ނެތް، އެނބުރި އެތުލެޓިކޯ އަށް

31 މެއި 2023

މެޑްރިޑް (މެއި 31) - ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ލޯނު އުސޫލުން މި ސީޒަންގައި އެ ޓީމަށް ކުޅުނު ޔާއޯ ފެލިކްސްގެ ނަން ނެތުމުން އެނބުރި އެތުލެޓިކޯ މެޑްރިޑަށް ދާން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (މެއި 31) - ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ލޯނު އުސޫލުން މި ސީޒަންގައި އެ ޓީމަށް ކުޅުނު ޔާއޯ ފެލިކްސްގެ ނަން ނެތުމުން އެނބުރި އެތުލެޓިކޯ މެޑްރިޑަށް ދާން ނިންމައިފި އެވެ.

ޕޯޗުގަލްގެ ފޯވާޑް ފެލިކްސް މި އަހަރުގެ ޖެނުއަރީ މަހު ޗެލްސީއާ ގުޅުނީ ލޯނު އުސޫލުންނެވެ. އަދި ޗެލްސީއާ ގުޅުމަށް ފަހު ފީލިކްސް ވަނީ އަންނަ ސީޒަންގައި ވެސް ޗެލްސީގައި މަޑުކުރަން ބޭނުންވާކަމަށް ބުނެފަ އެވެ. އޭނާ ވަނީ ޗެލްސީ އަށް މި ސީޒަންގައި ކުޅެދިން 16 ލީގު މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

ޗެލްސީއާ ހަވާލުވި އާ ކޯޗު ޕޮޗެޓިނޯގެ ޕްލޭންތަކުގައި އުމުރުން 23 އަހަރުގެ ފީލިކްސް ނުހިމެނޭ ކަން ވަނީ ހާމަ ކޮށްފަ އެވެ.

އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވީ ފެލިކްސް އަނބުރައި އެތުލެޓިކިކޯ އަށް އައުމުން ދެން އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

"އިއްޔެ އަހަރެމެންނަށް ލިބުނު ހަބަރަކީ، ޗެލްސީގެ އާ ކޯޗު ފެލިކްސް ބޭނުން ނުވާ ވާހަކަ. އަދި އަހަރެމެންނަށް އެކަން އެނގުނުތާ 24 ގަޑިއިރެއް ނުވާނެ. އަހަރެމެން އެއްވެސް ކަމެއް ރާވާފައެއް ނެތް. އޭނާ އެނބުރި އަންނާނެ މި ކުލަބަށް. އެއަށް ފަހު ގޮތެއް ނިންމާނީ،" ސެރޭޒޯ ވިދާޅުވި އެވެ.

އެތުލެޓިކޯ އިން ފެލިކްސް ގެނައީ 2019 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާ އަށް 113 މިލިއަން ޕައުންޑް ދީފަ އެވެ. އެއީ، އޭރު ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ. އޭރު އޭނާގެ އުމުރުން އެންމެ 19 އަހަރެވެ.

ފެލިކްސް ވަނީ އެތުލެޓިކޯ އާ ގުޅުމަށް ފަހު އެޓީމަށް 2020/2021 ސީޒަންގެ ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ވަނީ މިހާތަނަށް އެތުލެޓިކޯ އަށް ކުޅެދިން 131 މެޗުން 34 ގޯލު ޖަހައިދީފަ އެވެ.