Roadha Mihaaru
ޕޮޗެޓީނޯ ވަކިވެއްޖެ، ޗެލްސީން ބޭނުމީ އިޕްސްވިޗްގެ ކޯޗު

ޕޮޗެޓީނޯ ޗެލްސީން ވަކިވެއްޖެ، ކްލަބުން ބޭނުމީ އިޕްސްވިޗްގެ ކޯޗު

22 މެއި 2024

ޗެލްސީގެ ކޯޗުކަމުގައި އެއް އަހަރު ހޭދަކުރުމަށް ފަހު މައުރީސިއޯ ޕޮޗެޓީނޯ މަގާމުން އިސްތިއުފާ ދީފި އެވެ.

ޗެލްސީގެ ކޯޗުކަމުގައި އެއް އަހަރު ހޭދަކުރުމަށް ފަހު މައުރީސިއޯ ޕޮޗެޓީނޯ މަގާމުން އިސްތިއުފާ ދީފި އެވެ.

ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، މަގާމުން އިސްތިއުފާ ދޭން ޕޮޗެޓީނޯ ނިންމީ ކްލަބްގެ ޓެކްނިކަލް ޑައިރެކްޓަރުންނާއި ކޯ އޯނަރު ބިހްދާދް އިގްބާލީ އާ ވެސް ދެ ދުވަސް މަތިން ވާހަކަ ދެއްކުމަށް ފަހު އެވެ.

ޗެލްސީގެ ދެ ޓެކްނިކަލް ޑައިރެކްޓަރުން ކަމަށްވާ، ލޯރެންސް ސްޓްވާޓް އަދި ޕޯލް ވިންސްޓެންލީއާ އެކު ޕޮޗެޓީނޯ ވާހަކަ ދެއްކީ އޭނާ އަށް އިތުރު ބާރުތައް ބަދަލު ކުރުމުގެ މައްޗަށެވެ.

ކްލަބަށް ގެންނަން ބޭނުންވާ ކުޅުންތެރިން ހޯދުމުގެ ބާރުތައް ޕޮޗެޓީނޯ އަށް ބަދަލު ކުރުމުގެ މައްޗަށް، ދެ ޓެކްނިކަލް ޑައިރެކްޓަރުންނާ އެކު އޭނާ ވާހަކަތައް ކުރިއަށް ގެންދިޔަ އެވެ.

އެކަމަކު ވާހަކަތައް ކޮޅެއްގައި ނުޖުހުނެވެ. އެހެންވެ، ޓޮޓްނަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު ނިންމީ މަގާމު ދޫކޮށްލުމަށެވެ.

ޕޮޗެޓީނޯ މަގާމު ދޫކޮށްލުމުން، ޗެލްސީން ބޭނުންވާ ކޯޗުގެ މައުލޫމާތު ވަގުތުން މީޑިއާ އަށް ހާމަވި އެވެ. ނިމިގެން ދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި، އިޕްސްވިޗް ޓައުންގެ ކީރަން މެކެނާ ގެންނަން ޗެލްސީން ވަނީ މަސައްކަތް ފަށައިފަ އެވެ.

އުމުރުން 38 އަހަރުގެ ކޯޗު ވަނީ، ޗެމްޕިއަންޝިޕްގެ ދެވަނަ އިޕްސްވިޗަށް ހޯދައި ދީ އަންނަ ސިޒަނުގެ ޕްރިމިއާ ލީގަށް، އެ ޓީމު ޕްރޮމޯޓްކޮށް ދީފަ އެވެ.

ކީރަން މެކެނާ

ކީރަން މެކެނާ

އޭނާ ގެންދިއުން ޗެލްސީ އަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ބްރައިޓަން އިން ވެސް ދަނީ އޭނާ ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. ބްރައިޓަންގެ ކޯޗު އިޓަލީގެ ރޮބާޓޯ ޑި ޒާބީ ވަނީ ސީޒަން ނިމުމުން، އެ ޓީމު ދޫކޮށްލައިފަ އެވެ.

އެކަމަކު، މެކެނާގެ އެޖެންޓާ އެކު ޗެލްސީން ވާހަކަ ދައްކާތާ ދެ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ.

ޗެލްސީގެ އެންމެ އިސް ކޯ އޯނަރު ޓޮޑް ބޮއެލީ ބޭނުން ވަނީ ޒުވާން ވަރުގަދަ ރޫހުގެއްގައި ހުރި ކޯޗެކެވެ.