Roadha Mihaaru
ބޭހުގެ ބަލްކް ޕްރޮކިއުމެންޓް ހެދުމަށް އެއްބަސްވުމެއް

ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގަންނަން ހާއްސަ އެއްބަސްވުމެއް ހަދައިިފި

02 ޖޫން 2023

ރާއްޖެއަށް އެތެރެ ކުރާ ބޭސް ހެޔޮ އަގުގައި ގެނައުމަށް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރަނގަޅު ފެންވަރުގެ ބޭސް ގެނައުމަށް ޔޫއެންޑީޕީއާ އެކު ސަރުކާރުން ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް އެތެރެ ކުރާ ބޭސް ހެޔޮ އަގުގައި ގެނައުމަށް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރަނގަޅު ފެންވަރުގެ ބޭސް ގެނައުމަށް ޔޫއެންޑީޕީއާ އެކު ސަރުކާރުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއި ކުރީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީން ރާއްޖެއަށް ބޭސް އެތެރެކުރާނެ ކަމަށެވެ. އެއާ އެކު ޔޫއެންޑީޕީގެ ކޯޕެންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސެންޓަރުން ބޭހުގެ ކޮލިޓީ ދެނެގަނެ، އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެ އެވެ. އެޓީމުގެ އިތުރުން ބޭހުގެ ކޮލިޓީ ބެލެހެއްޓުމަށް ހާއްސަ ސްޓިއަރިން ކޮމިޓީއެއް ވަނީ ހަދާފަ އެވެ. އެ ކޮމިޓީގައި ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ހިމެނެ އެވެ.

ފިނޭންސް އިން ބުނީ، އަލަށް ހެދި އެއްބަސްވުމާ އެކު ރާއްޖެއަށް ފަސޭހައިން ބޭސް އެތެެރެކޮށް ބޭސް ހޯދަން ކުރިން ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.

ބަލްކް ޕްރޮކިއުމަންޓްގެ އުސޫލުން ސަރުކާރުން ބޭސް ގެނައުމަށް ޔޫއެންޑީޕީއާ އެކު އެއްބަސްވި އިރު، ސަރުކާރުގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ގަތުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެ އެވެ. އޭގެ ތެރޭގައި މާސްކާއި އަންގި އާއި ސިރިންޖާއި ބެންޑޭޖު އަދި އޮޕަރޭޝަން ކުރުމަށް ބޭނުންވާ އެކި އާލާތްތައް ހިމެނެ އެވެ.

ގިނަ ސިއްހީ ހިދުމަތްދޭ ތަންތަނަށް އެ ތަކެތި ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކަށް ސިއްހީ ސާމާނު ފޯރުކޮށްދެ އެވެ.

އޭގެ އިތުރުން ކޮންމެ އަހަރު އާސަންދައަށް ކުރާ ހޭދަވެސް އަންނަނީ ބޮޑުވަމުންނެވެ. މިދިޔަ އަހަރު އާސަންދައަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު މިއަހަރުގެ މިހާތަނަށް 900 މިލިއަން ވަނީ އާސަންދަ ބަޖެޓުން ހޭދަކޮށްފަ އެވެ. މިއީ މުޅި އަހަރަށް ކަނޑައެޅި ބަޖެޓުގެ 90 ޕަސެންޓެވެ.

މެޑިކަލް ކޮންސިއުމަބަލް އާއި ބޭސް، ވީ އެންމެ ހެޔޮ އަގެއްގައި ހޯދުމަށް، ވޭތުވެދިޔަ ދެ އަހަރު ފިނޭންސް މިނިސްޓްރީން ދިޔައީ އެޅޭނެ ފިޔަވަޅުތައް ބަލަމުންނެވެ. އޭގެ ދަށުން ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށް ވެސް ނިންމާފައިވެ އެވެ. އެހެން ނަމަވެސް އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އެއަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ.