Roadha Mihaaru
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ

ޔޫރަޕް ކޮލިޓީގެ ބޭސް ބަލްކުކޮށް ގެނައުމުން އަހަރަކު 300 މިލިއަން ރުފިޔާ ސަލާމަތްވޭ!

23 ޖުލައި 2024

ޔޫރަޕް ކޮލިޓީގެ ބޭސް ގަނޑުކޮށް ރާއްޖެ ގެނައުމުގެ މަރުހަލާ އެއްކޮށް ނިމުމުން، މިހާރު ބޭހަށް ކުރާ ހަރަދުން އަހަރަކު 300 މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޫރަޕް ކޮލިޓީގެ ބޭސް ގަނޑުކޮށް ރާއްޖެ ގެނައުމުގެ މަރުހަލާ އެއްކޮށް ނިމުމުން، މިހާރު ބޭހަށް ކުރާ ހަރަދުން އަހަރަކު 300 މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

ކޮލިޓީ ރަނގަޅު ބޭހާ އެކު، ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހެޔޮ އަގުގައި ބޭސް ގެންނަން ޔޫއެންޑީޕީއާ އެކު ހެދި އެއްބަސްވުމަށް އަމަލުކުރަން ފަށައި، އެސްޓީއޯއިން އިއްޔެ ވަނީ ބޭހުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ވިއްކަން ފަށައިފަ އެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން، އާސަންދަ ކުންފުނީގެ މެޑިކަލް އިންވެސްޓިގޭޝަން ސެކްޝަންގެ މެނޭޖަރު، މަރިޔަމް ފަޔާޒާ "މިހާރު" އަށް ވިދާޅުވީ އެ ބަދަލުތަކުން ފުރަތަމަ މަރުހަލާގައި ހިމެނޭ ޔޫރަޕް ކޮލިޓީ ނުވަތަ "އޭ" ގްރޭޑުގެ ހަތް ބޭސް އަދި އެއާ ގުޅުން ހުރި ބޭސްތަކާއި އަންނަ އޮކްޓޫބަރު މަހު ގެންނަ އިތުރު ތިން ބޭހާ އެކު، ޖުމްލަ 10 ބޭހަކުން އެއް މިލިއަނާއި ދެ މިލިއަނާ ދެމެދުގެ އަދަދެއްގެ ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.

ފުރަތަމަ ހަތް ބޭހުން އެކަނި ވެސް އަހަރެއްގެ ތެރޭގައި 10 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ގެނައި ބޭސްތަކުގެ ތެރޭގައި އެންޓިބަޔޮޓިކާއި ނަފުސާނީ ބަލިތަކަށް ބޭނުންކުރާ ބޭސް ހިމެނެ އެވެ. ޔޫރަޕް ކޮލިޓީގެ ބޭސްތައް ކީ ކަމުގައި ވިއަސް، މި ފަހަރު ބޭސް ގެނައި ގައުމުގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.

އެކަމަކު، ފަޔާޒާ ވިދާޅުވި ގޮތުގައި އިންޑިއާއިން ގެނައި ނަމަވެސް އެއީ ޔޫރަޕްގައި ބޭހުގެ ކޮލިޓީ ބަލާ މިންގަނޑަށް ރަނގަޅަށް ތައްޔާރުކޮށް، ސީދާ މެނުފެކްޗަރާ އަތުން ގަންނަ ބޭހެވެ. އަދި އިނގިރޭސިވިލާތާއި ގްރީސް އިން ވެސް ބޭސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕް ކޮލިޓީގެ މިންގަނޑަށް ފެތޭ ބޭސްތައް އިންޑިއާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާން ފަދަ ގައުމުތަކުގައި ވެސް އުފައްދަ އެވެ.

ޑޮކްޓަރީ ބޭހަށް އާސަންދަ ކަވަރޭޖް ލިބޭ އަގުތައް ކަނޑައަޅާފައި ހުއްޓަސް، އެ އަގުތައް އެ ކުންފުނިން ވެސް ހަދަނީ މާކެޓުގައި ހުންނަ އަގަށް ބެލުމަށްފަހުގަ އެވެ. ރާއްޖޭގައި ފާމަސީތައް ހިންގަނީ އަމިއްލަ ފަރާތްތަކުން ކަމަށް ވާތީ ބޭހަށް އާސައިންދައިން ކުރާ ހޭދަ ބޮޑުވެ އެވެ.

ބޭސް ވިއްކާ ފަރާތްތަކުން ބުނާގޮތުން ކޮލިޓީ ރަނގަޅު ބޭހާއި ބޭހުގެ އަގުބޮޑުވެގެން ދަނީ ސީދާ މެނުފެކްޗަރާ އަތުން ބޭސް ގަންނަން ނުލިބޭތީ އެވެ.

ރާއްޖޭގެ އާބާދީ ކުޑަވުމުން ބޭސް އުފައްދާ ކުންފުނިތަކުން ވެސް ރާއްޖެއަށް ވަކިން ބޭސް ވިއްކަން ދެކޮޅު ހަދަ އެވެ. ޕޫލް ޕްރޮކިއުމަންޓަކީ އެކަން ހައްލުކޮށްދޭނެ ކަމެކެވެ. އެ ނިޒާމުގެ ދަށުން، އެހެން ގައުމުތަކާ ގުޅިގެން ބޭސް ގެނެވެ އެވެ. އޭރުން އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލައިގެން ރާއްޖެއަށް ބޭނުންވާ ވަރަށް އެ ބޭސް ގެނެވެ އެވެ. މިހާރު ވެސް ރާއްޖެއަށް ބޭނުންވާ މިންވަރަކަށް ބޭސް ގެންނާކަށް ނުލިބެ އެވެ. އެކަމަކު، ބަލްކު ޕްރޮކިއުމަންޓާއެކު އެ ފުރުސަތު ފަހިވެގެންދެ އެވެ.

"..އަޅުގަނޑުމެންނަށް މި ލިބެނީ ކޮލިޓީ ރަނގަޅު، އަގުބޮޑު ބޭސްތަކެއް އެކަމަކު ހެޔޮ އަގެއްގައި. ކޯސްޓް ވައިސްކޮށް އޭތި ކުޑަވެގެން އެކަމަކު ކޮލިޓީ ހައި، އެކްސްޕެންސިވް ބޭސްތަކެއް މި ލިބެނީ. އެކަމަކު، މި ޕްރޮސެސްގެ ސަބަބުން އަގު ހެޔޮ ވަނީ." ފަޔާޒާ ވިދާޅުވި އެވެ.

މެޑިކަލް އިންވެސްޓިގޭޝަން ސެކްޝަންގެ މެނޭޖަރު، މަރިޔަމް ފަޔާޒާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މެޑިކަލް އިންވެސްޓިގޭޝަން ސެކްޝަންގެ މެނޭޖަރު، މަރިޔަމް ފަޔާޒާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އަސާސީ ބޭސް ލިސްޓުގައި މިހާރު ހިމެނޭ ހުރިހާ ބޭހެއް ޔޫރަޕް ކޮލިޓީގައި އެސްޓީއޯ މެދުވެރިކޮށް ގެންނާށެވެ. އެ ލިސްޓުގައި މިހާރު 400 ބޭސް ހިމެނޭއިރު، އެ ލިސްޓަށް ބޭސް ގެނެސް ނިމުމުން 300 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެ އެވެ.

"ފޭސްތަކަކަށް ބަހާލައިގެން، ހަމަ އިތުރު ބޭސްތައް ވެސް އަންނާނެ. ފުރަތަމަ ރޯލްއައުޓް ކުރެވެނީ ހަތް ބޭސް. އިތުރަށް އެބަ އާދޭ ތިން ބޭހެއް. ޖުމްލަ 10 ބޭހެއް މިއަހަރު ރޯލްއައުޓް ކުރަން ފެށޭނެ. ކުރިއަށް ހުރި ބޭސްތަކަށް ވެސް އޯޑަރު ޖެހުމުގެ މަސައްކަތް ކުރިއަށް ދޭ. ކޮންޓިނިއުސް ޕްރޮސެސްއެއް މިއީ. ކޮންމެ އަހަރަކު 300 މިލިއަން [ސަލާމަތް] ނުވެދާނެ، އެކަމަކު ޓާގެޓަކީ ފުދޭވަރަކަށް ބޮޑު ސޭވިންއެއް އަންނާނެ ކަމަށް ބަލައިގެން މި ކުރިއަށް ގެންދަނީ." ފަޔާޒާ ވިދާޅުވި އެވެ.

އެސްޓީއޯއިން ޔޫރަޕް ކޮލިޓީގެ ބޭސްތައް ގެންނަން ފެށުމުން، އަމިއްލަ ފާމަސީތަކުން ވެސް ޖެހޭނީ އެސްޓީއޯ އަތުން ގަންނާށެވެ. އަދި ރީޓެއިލް އަގު ކަނޑައަޅާފައިވަނީ ކުޑަ ފައިދާއެއް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަރުހަލާގައި އެ ބޭސްތަކަށް މިހާރު ވެސް ކަނޑައަޅާފައިވާ އަގުތައް އޮންނާނެ އެވެ. ބްރޭންޑަށް ބަލައި ބޭހުގެ އަގަށް ބަދަލެއް އަތުވެދާނެ ކަމަށާއި، އާސަންދައިގެ ރޭޓަށް ވުރެ މަތިވާނަމަ އެ އަދަދެއް ދައްކަން ޖެހޭނީ އަމިއްލަ ޖީބުން ކަމަށް ފަޔާޒާ ވިދާޅުވި އެވެ. އަމިއްލަ ފާމަސީތަކުން ވެސް މި ބޭސްތައް އަގުބޮޑު ނުވިއްކޭއިރު، އާސަންދައަށް ބިލް ކުރަން ޖެހޭނީ ވެސް އާސަންދައިން ކަނޑައަޅާފައިވާ އަގަށެވެ.

ރާއްޖެ އަށް މިހާރު ބޭސް އެތެރެކުރަނީ އެމްއެފްޑީއޭ އިން ނެރެފައިވާ، އެޕްރޫވްޑް ޑްރަގް ލިސްޓުގައިވާ ބޭސްތައް، ހަމަ އެ ޕެކިންގަ އެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއަށް 1،600 އަށް ވުރެ ގިނަ ބޭސް އެތެރެކުރުމަށް ހުއްދަ ދީފައިވެ އެވެ.

އެމްއެފްޑީއޭގެ ގަވާއިދު އޮންނަ ގޮތުން ބޭހެއް އެތެރެކުރާ ނަމަ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކު، ރާއްޖޭގެ އާބާދީ ކުޑަވުމުން އެ މެނުފެކްޗަރާތަކުގެ ޝައުގުވެރިކަން ނުހުންނާތީ އެ ލިޔުންތަކެއް ނުލިބެ އެވެ.