Roadha Mihaaru
ބަދަލު ނުވަނީ ޑޮލަރުގެ އަގު، އަދިވެސް މައްޗަށް!

ބަދަލު ނުވަނީ ޑޮލަރުގެ އަގު، އަދިވެސް މައްޗަށް!

06 ޖޫން 2023

ރާއްޖޭގެ ތާރީހުގައި ވެސް ޓޫރިސްޓުން އެންމެ ގިނައިން އައިސް، ޑޮލަރުގެ އާމްދަނީ އެހާ ބޮޑަށް އިތުރުވީ، މި އަހަރުގެ ފުރަތަމަ ތިން މަހު އެވެ. ރާއްޖޭގެ އުފެއްދުންތެރިކަން 100 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެ، އިގްތިސާދު ކުރިއަރާ ވާހަކަތަކުގެ އަޑު ވެސް ވަނީ ގަދަ ވެފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ތާރީހުގައި ވެސް ޓޫރިސްޓުން އެންމެ ގިނައިން އައިސް، ޑޮލަރުގެ އާމްދަނީ އެހާ ބޮޑަށް އިތުރުވީ، މި އަހަރުގެ ފުރަތަމަ ތިން މަހު އެވެ. ރާއްޖޭގެ އުފެއްދުންތެރިކަން 100 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެ، އިގްތިސާދު ކުރިއަރާ ވާހަކަތަކުގެ އަޑު ވެސް ވަނީ ގަދަ ވެފަ އެވެ.

އެކަމަކު، ބަދަލެއް ނާންނަނީ ޑޮލަރުގެ އަގަށެވެ. ގުޑައި ނުލައި އޮތީ ވެސް ހަމަ ޑޮލަރުގެ އަގެވެ. ދޭތެރެއަކުން ވަރަށް ކުޑަ އަދަދަކުން ތިރިވެލިޔަސް، ޑޮލަރުގެ އަގު ހުރީ ރަސްމީ ރޭޓާ އަޅާބަލާއިރު ވަރަށް މަތީގަ އެވެ. މިހާރު ޑޮލަރުގެ އަގު ހުރީ 17.40ރ- 17.35ރ. ގައި ހަރުލައިފަ އެވެ.

ކުރިއަށް އޮތީ، ހައްޖު ދުވަސްވަރާއި ބޮޑު ޗުއްޓީ އަށް ކަމަށް ވާއިރު އެތައް ބަޔަކު އަންނަނީ ޑޮލަރު ހޯދަން މަސައްކަތް ކުރަމުންނެވެ. އެއާ އެކު އަނެއްކާ ވެސް ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓުތައް އިތުރަށް މައްޗަށް ދާނެ ކަމަށް ޑޮލަރުގެ ވިޔަފާރީގައި އުޅޭ މީހުން ބުނެ އެވެ.

ރާއްޖެ އަށް މުދާ އިމްޕޯޓްކުރާ ވިޔަފާރިވެރިޔަކު ބުނީ މަހަކު މިލިއަނެއްހާ ޑޮލަރު ހޯދާ އިރު، އެ ކުންފުންޏަށް ވެސް ޑޮލަރު ލިބޭ އެންމެ ކުޑަ ރޭޓަކީ 17ރ. ކަމަށެވެ. އެހާ ބޮޑު ރޭޓެއްގައި ޑޮލަރު ގަންނާތީ މުދާ ގެނެސް ވިއްކާ އަގު ވެސް ބޮޑުވެ އެވެ. ތަކެތީގެ އަގު ބޮޑުވެ، ގޭސީބީތަކުން ކޮންމެ މަހަކު ކުރާ ހޭދަ، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ޓޫރިޒަމުން ލިބޭ ޑޮލަރުގެ ބޮޑު ބައެއް ވަންނަނީ، ބޭރުގެ ބައެއް ވިޔަފާރިތަކާއި، އަމިއްލަ ކުންފުނިތަކަށެވެ. އެހެންވެ، ކަޅު ބާޒާރުގެ އަގުތައް ކޮންޓްރޯލު ކުރަނީ، އެ ވިޔަފާރުތަކުން ބޭނުންވާ ގޮތަށެވެ. އެހެންވެ، ރާއްޖޭގެ ކަޅު ބާޒާރުގެ ކޮންޓްރޯލު އޮތީ، އެ މަދު ވިޔަފާރިތަކުގެ މުށުތެރޭގަ އެވެ. ޑޮލަރުގެ އަގު އެ ފަރާތްތަކުން ގެންގުޅެނީ، އެ މީހުންނަށް ފައިދާވާ ގޮތަކަށެވެ. މިކަން މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ވެސް ކޮންޓްރޯލެއް ނުވި އެވެ. ގާނޫނުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން މަނާ ނަމަވެސް، މިއީ އެއްވެސް އިރެއްގައި ކަމާ ގުޅޭ އިދާރާތަކަށް ހުއްޓުވުނު ވިޔަފާރިއެއް ނޫނެވެ. އެއްކޮޅުން އެކަން ހުއްޓުވައިފި ނަމަ، ޑޮލަރު ލިބޭނެ މަގުތައް ބަންދުވުމުގެ ފުރުސަތު ވެސް ބޮޑެވެ. ސަބަބަކީ، ރަސްމީ ރޭޓުން ބޭނުންވާ ވަރަށް ޑޮލަރު ވިއްކުމުގެ ކުޅަދާނަކަން އެމްއެމްއޭ އަށް ލިބިފައި ނެތުމެވެ.

ބޮޑު ރިޒާވެއް ނެތި ކަޅު ބާޒާރެއް ކޮންޓްރޯލެއް ނުވާނެ

މި އަހަރުގެ ފުރަތަމަ ތިން މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް މީރާ އަށް ޑޮލަރުގެ އާމްދަނީ އެންމެ ބޮޑު ތިން މަހެވެ. މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ޑޮލަރުގެ އާމްދަނީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު 286 މިލިއަން ޑޮލަރު (4.4 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ. މިއީ ފުރަތަމަ ކުއާޓާގައި ޓެކްސް އިން ލިބުނު އާމްދަނީގެ 60 ޕަސެންޓެވެ. އަދި މިއީ، އޭގެ ކުރީ ހަތް މަސް ދުވަހާ އަޅާ ބަލާއިރު ވެސް ނުބައްދަލު އަދަދެކެވެ.

ވޭތުވެދުޔަ ހަތް އަހަރު ޑޮލަރުން ލިބުނު އާމްދަނީ. ޑޮލަރުގެ އާމްދަނީ އިތުރުވި ނަމަވެސް، ކަޅު ބާޒާރުގެ އަގަށް ބަދަލެއް ނާދޭ-- ފޮޓޯ: މިހާރު

ވޭތުވެދުޔަ ހަތް އަހަރު ޑޮލަރުން ލިބުނު އާމްދަނީ. ޑޮލަރުގެ އާމްދަނީ އިތުރުވި ނަމަވެސް، ކަޅު ބާޒާރުގެ އަގަށް ބަދަލެއް ނާދޭ-- ފޮޓޯ: މިހާރު

ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ވެސް މައްޗަށް ދާއިރު، ޑޮލަރުގެ ތާށިކަން ފިލުވާ ނުލެވިގެން އުޅެނީ ކީއްވެތޯ އެއީ ވަރަށް ބޮޑު ސުވާލެކެވެ.

ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، ރާއްޖެ އަށް ޓެކްސްގެ ގޮތުގައި ވަންނަ ފައިސާގެ ބޮޑު އަދަދެއް ކޮންމެ މަހެއްގެ ވެސް ހަރަދުތައް ހަމަޖައްސަން ބޭނުން ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭ އަށް ޑޮލަރުގެ އަގު ކޮންޓްރޯލު ކުރެވެން އޮތީ، ޑޮލަރުގެ ރިޒާވް މިހާރަށް ވުރެ 90 ޕަސެންޓު ވަރު ބޮޑު ކޮށްގެން ކަމަށެވެ.

ރާއްޖޭގެ ރަސްމީ ރިޒާވުގައި 700 މިލިއަން ޑޮލަރު ހުރިއިރު، އޭގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 200 މިލިއަނެއްހާ ޑޮލަރެވެ. މިއީ ޑޮލަރުގެ އަގު ހިފެހެއްޓުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް "މިހާރު" އަށް މައުލޫމާތުދެއްވި އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޒާވްގައި އެކަށީގެންވާ ޑޮލަރު ނެތް ނަމަ، ދިވެހި ރުފިޔާގެ އަގަށް އަސަރު ކުރާނެ ކަމަށެވެ.

"މިސާލަކަށް އިންޑިއާ މީހަކު ދިވެހި ރުފިޔާ ނަގަންވީ ކޮން ކަމަކު؟ މިތަނުގެ ރިޒާވަށް ބަލާއިރު ރިޒާވެއް ނޯންނާނެ. ގޯލްޑެއް ނުހުންނާނެ. އެހެންވީމަ، މުދާ ވިއްކާ އިރު ދިވެހި ރުފިޔާ ނަގާނެ އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ރިޒާވަށް ޑޮލަރު އެއް ނުކުރެވޭ އަނެއް ސަބަބަކީ ރާއްޖޭގެ ދަރަނި ބޮޑުވެ، ކުރަން ޖެހޭ ހޭދަ އިންތިހާ އަށް މައްޗަށް ދިއުން ކަމަށެވެ.

"ފޮރިން ޕޭމެންޓްސް އެބައުޅޭ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު. ޑޮލަރު ލިބޭ އިރަށް ހުންނާނެ ބައިވަރު އައުޓްސްޓޭންޑިން ޕޭމެންޓްތައް. ސެޓުލް ކުރީމަ، އެ އަދަދެއް ނުފެންނާނެ ރިޒާވަކުން،" މި މައްސަލައިގެ ގޮތުން ނަން ހާމަކުރަން ބޭނުން ނުވާ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމުން ކޮންމެ މަހަކު މި ލިބޭ ޑޮލަރުކޮޅުން އެކަނި ރާއްޖޭގެ ކަޅު ބާޒާރުގެ އަގު ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ 60 ޕަސެންޓު ލިބުނީ ޑޮލަރުން-- ފޮޓޯ: މިހާރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ 60 ޕަސެންޓު ލިބުނީ ޑޮލަރުން-- ފޮޓޯ: މިހާރު

ޓޫރިޒަމުން ލިބޭ ޑޮލަރުގެ ބޮޑުގައި ބޭރަށް

ރާއްޖެ އަށް މިދިޔަ އަހަރު ޑޮލަރުން ޓެކްސްގެ ގޮތުގައި ވަދެފައި ވަނީ 895 މިލިއަނެވެ. އޭގެ އިތުރުން ބޭންކްތަކަށް ވެސް ޓޫރިޒަމް ސެކްޓާ އިން ޑޮލަރު ވަން ނަމަވެސް، އެއީ ޓޫރިޒަމް ސެކްޓާ އަށް ވަންނަ އަދަދުގެ ކުޑަ ޕަސެންޓެކެވެ. އެހެންވެ، ޓޫރިޒަމް ސެކްޓަރުން ރާއްޖޭގައި ހިފެހެއްޓެނީ އެންމެ ބިލިއަނެއްހާ ޑޮލަރެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ޑޮލަރު ވަންނަ ކަމަށް ވާނީ ރާއްޖޭގެ ބޭންކްތަކަށް އެ ފައިސާ ވަންނަ ނަމަ އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްގައި ގިނައީ ބޭރުގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އިރު، އެ މުއާމަލާތްތައް ހިންގައި، އެ ފައިސާ ބަހައްޓަނީ ބޭރު ގައުމުތަކުގެ ބޭންކްތަކުގައި ކަމަށެވެ.

ވ. ތިނަދޫ ބީޗް ސަރަހައްދުން ޓޫރިސްޓުންތަކެއް ދަނީ. ޓޫރިޒަމުން ލިބޭ ޑޮލަރުގެ ބޮޑު ބައެއް ރާއްޖޭން ބޭރުގެ ބޭންކްތަކަށް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ވ. ތިނަދޫ ބީޗް ސަރަހައްދުން ޓޫރިސްޓުންތަކެއް ދަނީ. ޓޫރިޒަމުން ލިބޭ ޑޮލަރުގެ ބޮޑު ބައެއް ރާއްޖޭން ބޭރުގެ ބޭންކްތަކަށް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރާއްޖެ އަށް އަންނަ ޓޫރިސްޓުން ގިނަ ފަހަރަށް ޕޭމަންޓް ހަދަނީ އޮންލައިންކޮށެވެ. އެގޮތަށް ޕޭމަންޓް ހަދަނީ ކޮންމެވެސް ޓްރެވަލް އޭޖެންސީއެއް މެދުވެރިކޮށެވެ. އެހެންވެ، ވިޔަފާރިތަކުން އެ ފައިސާ ބަހައްޓަނީ، ބޭރުގެ ބޭންކްތަކުގަ އެވެ.

"ރާއްޖޭގެ ރިސޯޓު ސެކްޓަރުން 3.5 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ. އެ ފައިސާ ވަންނަ ނަމަ، މި މައްސަލައެއް ނުނިކުންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ކުރިއަށް ގެންދާ އިރު ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.

ބޮޑެތި އިންވެސްޓްމެންޓްތަކެއް ނެތް

ކުރީ ސަރުކާރުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އެވްރެޖުކޮށް ހުރީ ރަސްމީ ރޭޓަށް ވުރެ 15ލ. ވަރު ބޮޑުކޮށެވެ. އެހާ ބޮޑަށް ޑޮލަރުގެ އަގު ހިފެހެއްޓުނު އެއް ސަބަބަކީ އެ ދުވަސްވަރު ރާއްޖެ އަށް އައި ބޮޑެތި އިންވެސްޓްމެންޓްތަކެވެ.

"އޭރު ރާއްޖެ އަށް 900 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އައި. އެހެންވެ، އެ އަދަދުތައް ޑޮލަރުގެ ސާކިއުލޭޝަންގެ ތެރޭގައި ދައުރުވި،" އިގްތިސާދީ ބޭފުޅަކު ވިދާޅުވި އެވެ.

އެވަރުގެ އިންވެސްޓްމެންޓްތައް މިހާރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިހާރު ފެންނަނީ ޕީއެސްއައިޕީ މަޝްރޫއުތައް އިތުރުވާ މަންޒަރު ކަމަށާއި، އެއާ އެކު އަނެއްކާ ވެސް އިމްޕޯޓަށް ބާރު ބޮޑުވެ، ޑޮލަރުގެ ކަޅު ބާޒާރަށް އޮންނަ ޑިމާންޑު ވާނީ އިތުރު ކަމަށެވެ.

ޑޮލަރު މާރު ކުރުމުގެ ވިޔަފާރި ކުރާތަނެއް. ރާއްޖޭގައި ޑޮލަރު މާރުކުރާ މީހުންގެ ތެރެއިން އަގު ކޮންޓްރޯލު ކުރަނީ، މަދު ވިޔަފާރިތަކަކުން- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑޮލަރު މާރު ކުރުމުގެ ވިޔަފާރި ކުރާތަނެއް. ރާއްޖޭގައި ޑޮލަރު މާރުކުރާ މީހުންގެ ތެރެއިން އަގު ކޮންޓްރޯލު ކުރަނީ، މަދު ވިޔަފާރިތަކަކުން- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު ހިންގާ ބްރިޖުގެ މަޝްރޫއުތަކުން، ރާއްޖެއަކަށް އެ ފައިސާއެއް ނުވަންނާނެ. އެ ފައިސާ ދާނީ، އިންޑިއާގެ އެކައުންޓްތަކަށް. އެހެންވީމަ އެއީ ރާއްޖޭގެ އިގްތިސާދަށް ވަންނަ ފައިސާއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ބޭރުގެ މާލީ އިދާރާއެއްގެ ތަޖުރިބާކާރަކު ވިދާޅުވީ، މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން، މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކަޅު ބާޒާރުގެ އަގު ކޮންޓްރޯލުވުމަށް ވުރެ، ފުރުސަތު ބޮޑީ، އެކަން ނުވުން ކަމަށެވެ.

"މިއީ އިންތިހާބު އޮތް އަހަރުވީމަ، ޕީއެސްއައިޕީ މަޝްރޫއުތައް އިތުރުވެ، ދައުލަތުގެ ހަރަދުތައް ބޮޑު މިވަނީ. އެހެންވެ، ޑޮލަރުގެ ޑިމާންޑު ދާނީ އިތުރުވަމުން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ ފިޔަވަޅުތައް "ވިޝް ލިސްޓް" އަކަށް!

ޑޮލަރުގެ ކަޅު ބާޒާރު 2019 ވަނަ އަހަރުން ފެށިގެން މަޑުމަޑުން ދިޔައީ އުފުލެމުންނެވެ. އޭގެ ފަހުން ކޮވިޑްގެ ދުވަސްވަރު، ރާއްޖޭގެ ތާރީހުގައި ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ނުދާ ވަރަށް އަގު މައްޗަށް ދިޔަ އެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލު ކުރަން 2021 ވަނަ އަހަރު އެމްއެމްއޭއިން ވަނީ ކަޅު ބާޒާރުގެ އަގު ކޮންޓްރޯލު ކުރަން ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރާކަން ވެސް އިއުލާނުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޑޮލަރަށް ނޯންނަން ޖެހޭ ޑިމާންޑް ދުއްވާލުމަށް ޓަކައި އެތެރޭގެ ފައިސާގެ މުއާމަލާތްތައް ދިވެހި ރުފިޔާ އިން ހިންގުމާއި، ރުފިޔާގެ ޑިމާންޑް އުފުލޭ ކަންކަން ތައާރަފުކުރުމުގެ ގޮތުން އިގްތިސާދީ ގިނަ ކަންކަމުގައި ރުފިޔާ ބޭނުންކުރުމާއި، ދިވެހި ރުފިޔާ އިން ޓެކްސް ދެއްކޭނެ ގޮތް ހެދުމެވެ. އަދި ރާއްޖެއިން އާންމުކޮށް މުދާ ގަންނަ ގައުމުތަކާ އެކު ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުން ވެސް ހިމެނެ އެވެ.

އެމްއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަލީ ހާޝިމާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު. އެމްއެމްއޭއިން ޑޮލަރުގެ އަގު ކޮންޓްރޯލު ކުރުމަށް އަޅަން ނިންމި ފިޔަވަޅުތަކެއް އަދިވެސް ނާޅާ-- ފައިލް ފޮޓޯ: މިހާރު

އެމްއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަލީ ހާޝިމާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު. އެމްއެމްއޭއިން ޑޮލަރުގެ އަގު ކޮންޓްރޯލު ކުރުމަށް އަޅަން ނިންމި ފިޔަވަޅުތަކެއް އަދިވެސް ނާޅާ-- ފައިލް ފޮޓޯ: މިހާރު

މި ފިޔަވަޅުތައް އެޅުމަށް އިއުލާނު ކުރިތާ ދެ އަހަރު ވެގެން ދިޔަ އިރު ވެސް މިކަމުގައި އެމްއެމްއޭ އަށް ކުރެވުނު ކަމެއް ނެތެވެ.

ރާއްޖޭގެ މާލީ ދާއިރާ ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވީ، މިއީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، އެމްއެމްއޭއިން ކަނޑައެޅި ލިސްޓެއް ކަމަށެވެ.

"ބޭނުން ކަމަކަށް [ވިޝް] އުންމީދު ކުރެވިދާނެ. އެކަމަކު މާކެޓު މަސައްކަތް ކުރާނީ ޑިމާންޑާއި ސަޕްލައިއަށް. މިހާރު ދިވެހި ރުފިޔާގެ އަގު ނުހިފެހެއްޓިއެއް މިކަން ނުވާނެ. އެކަން ކުރެވޭނީ ރާއްޖޭގެ ރިޒާވު ބޮޑުކޮށްގެން. ރިޒާވު ބިލްޑް ނުކުރެވެނީ، އެހާ ފަސޭހައިން އެހެން ގައުމުތަކުގެ ފައިސާގެ މުއާމަލާތްތައް ރާއްޖޭގައި ހިންގޭތީ،" އޭނާ ވިދާޅުވި އެވެ.

ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އަމިއްލަ ފައިސާގެ ވަރުގަދަކަން ކަށަވަރު ކުރެވޭނީ، އެ ގައުމެއްގެ ރިޒާވުންނެވެ. އެހެން ނަމަވެސް، ރާއްޖޭގެ އަމިއްލަ ފައިސާ، ރުފިޔާގެ ވެލިއުއެއް ނެތިސް، އެހެން ގައުމުތަކުން، އެ ފައިސާއެއް ބަލައެއް ނުގަންނާނެ އެވެ.

ރާއްޖެއިން އެ ލެވެލް އަށް ނުދިޔަ ނަމަވެސް، ބޭނުން ވަނީ ރަނގަޅު އަދަދެއް ހިމެނޭ ރިޒާވެކެވެ. ރިޒާވުގެ އަދަދަކީ، އަހަރުގެ އެކި ހިސާބުތަކުގައި އެހާ ބޮޑަށް ބަދަލުވާ އަދަދަކަށްވާ ނަމަ، އެއަށް ކުރާ އިތުބާރު ކުޑަވާނެ އެވެ. އަދި ރާއްޖޭގެ ފައިސާގެ ވެލިއު ނުހިފޭއްޓި، އަގު ވެއްޓޭނެ އެވެ. އެމްއެމްއޭ އިން އަޅަން ބުނި ފިޔަވަޅުތައް ނޭޅި، ޑޮލަރުގެ އަގު 17ރ. ގައި ހަރުލުމުން، ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލި، އޭގެ ގެއްލުން މިކުރަނީ ރައްޔިތުންނަށެވެ. އެމްއެމްއޭ އިން އަޅަން ނިންމާ ފިޔަވަޅުތައް ކަރުދާހެއްގައި ހުރެގެން މި މައްސަލައަށް ހައްލެއް ނެތެވެ. ބޭނުންވަނީ، ފިޔަވަޅުތަކެއް އެޅޭނެ، ހަރުދަނާ ނިޒާމެކެވެ. އަދި އަމަލީ ސިފައެއްގައި އެކަން ތަންޒީފު ކުރެވޭނެ މަގެކެވެ.