Roadha Mihaaru
ޖާހުގެ ފްލެޓްތައް ނިންމަން 30 ދުވަހުގެ ނޯޓިހެއް ދީފި

ޖާހުގެ ފްލެޓްތައް 30 ދުވަސް ތެރޭގައި ނިންމައި ބިމުގެ އަގު ދައްކަން އަންގައިފި

06 ޖޫން 2023

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އާބަންކޯ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް މިއަދު ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އާބަންކޯ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް މިއަދު ފޮނުވައިފި އެވެ.

އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭގައި މެދު ފަންތީގެ ހައުސިން މަޝްރޫއުއެއް ހިންގުމަށް ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށް، މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައި ވާތީ، އެ މައްސަލަ އިތުރަށް ބެލުމަށް ފަހު، މަސައްކަތް ނިންމުމަށާއި އާބަންކޯ އަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ ނޯޓިސްއެއް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެ ނޯޓިސް ފޮނުވުމުގެ ކުރިން ވެސް، އެކި ފަހަރު މަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް ދިން ކަމަށް އާބަންކޯ އިން ބުންޏެވެ.

ޖާހުގެ "ދަ ގާޑަން" އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. އެ ތަނުން 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެކެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި މުއްދަތުތައް ދިނެވެ. އެންމެ ފަހުން ބުނެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި ބައެއް އެޕާޓްމަންޓުތައް ހަވާލުކުރާނެ ކަމަށެވެ. އެކަމަކު، އަދިވެސް އެއްވެސް އެޕާޓްމަންޓެއް ހަވާލެއް ނުކުރެ އެވެ.

ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަދާ އެހެން ފްލެޓްތަކުގެ މަސައްކަތް ވެސް ނުނިމި ދިގުލައިގެން ދާތީ، އެ ތަންތަން ގަނެފައިވާ މީހުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.