Roadha Mihaaru
ގިނަ ޕައިލެޓުން ތަމްރީނުވާން ފިލިޕީންސް އަށް

ގިނަ ދިވެހި ޕައިލެޓުން ތަމްރީނު ހޯދަން ފިލިޕީންސް އަށް

04 ޖުލައި 2023

ރާއްޖޭގައި އެންމެ ގިނަ ޕައިލެޓުން ތަމްރީނު ކުރަންދާ ގައުމަކަށް ފިލިޕީންސް ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ ގިނަ ޕައިލެޓުން ތަމްރީނު ކުރަންދާ ގައުމަކަށް ފިލިޕީންސް ވެއްޖެ އެވެ.

އޭގެ ތެރެއިން ވެސް ޕިލިފީންސްގެ "ރޯޔަލް އެކަޑަމީ" އަކީ މި ވަގުތު އެންމެ ގިނަ ދިވެހިންގެ އިތުރުން، މި ސަރަހައްދުގެ ގިނަ ބަޔަކު ވެސް ޕައިލެޓް ޓްރެއިނިން އަށް ދާ ސްކޫލެވެ.

އެ ސްކޫލުގެ ހެޑް އޮފް ޓްރެއިނިން މަދޫ ޕުލިޔަންކަލަތު ވިދާޅުވީ، ފިލިޕީންސް އަށް އެހާ ގިނަ އަދަދެއްގެ ބޭރުގެ ކިޔަވާ ކުދިން ޕައިލެޓް ޓްރެއިނިން އަށް ދާ އެންމެ ބޮޑު އެއް ސަބަބަކީ، އޭވިއޭޝަންގެ ދާއިރާ އިން ފިލިޕީންސް ކުރިއަށް ގޮސްފައި އޮތުމާއި، ރަނގަޅު ފެންވަރުގެ އެއާޕޯޓުތައް އޮތުމެވެ.

"ވަރަށް ބާރު ބޮޑު އެއާޕޯޓުތައް މި ހުންނަނީ ޓްރެއިން ހެދުމަށް. އެކަމަކު ފިލިޕީންސް ތަފާތު ވާނެ. އެހެންވެ، ކިޔަވާ ކުދިންނަށް ރަންވޭ ބޭނުން ކުރަން ލިބޭ ވަގުތު އިތުރުވޭ،" އޭނާ ބުންޏެވެ.

ރޯޔަލް އެކަޑަމީގެ ކިޔަވާ ކުއްޖެއް ޓްރެއިނިންގައި-- ފޮޓޯ: ރޯޔަލް އެކަޑަމީ

ރޯޔަލް އެކަޑަމީގެ ކިޔަވާ ކުއްޖެއް ޓްރެއިނިންގައި-- ފޮޓޯ: ރޯޔަލް އެކަޑަމީ

ފިލިޕީންސްގެ ރޯޔަލް އެކަޑަމީ އަށް ދިވެހި ކިޔަވާ ކުދިންދާ އެންމެ ބޮޑު އެއް ސަބަބަކީ، ކަނޑައެޅިފައިވާ ވަގުތުގައި ކޯސް ނިންމަން ފަސޭހަވުން ކަމަށް އެ އެކަޑަމީއިން ބުންޏެވެ. މީގެ ދެތިން އަހަރު ކުރިން ރޯޔަލް އެކަޑަމީގައި ދިވެހިން ޕައިލެޓް ޓްރެއިނިން އަށް ކިޔަވަން ފެށި އިރު މި ވަގުތު އެ އެކަޑަމީގައި 15 ޕައިލެޓުން އަންނަނީ ތަމްރީނު ވަމުންނެވެ.

އެ އެކަޑަމީ އަށް 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 50 ދިވެހި ޕައިލެޓުން ގްރެޖުއޭޓް ވަނީ ވެފަ އެވެ. އޭގެ ތެރެއިން ގިނަ ޕައިލެޓުން އަންނަނީ މި ވަގުތު ރާއްޖޭގެ އެއާލައިންތަކުގައި މަސައްކަތް ކުރަމުންނެވެ.

އެ ސްކޫލުގެ ހެޑް އޮފް ޓްރެއިނިން މަދޫ ޕުލިޔަންކަލަތު "މިހާރު" އާ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ސްކޫލުގެ ހެޑް އޮފް ޓްރެއިނިން މަދޫ ޕުލިޔަންކަލަތު "މިހާރު" އާ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަދޫ ވިދާޅުވީ، އެ ކޯސް ފުރިހަމަ ކުރުމުން، ބައެއް އެހެން އެކަޑަމީތަކުން ކިޔަވާ ކުދިން ފުރިހަމަ ކުރަން ޖެހޭ އިތުރު ކޯސްތަކެއް ހަދަން ނުޖެހޭ ކަމަށެވެ. އަދި ވަގުތުން އައިސް ޕައިލެޓުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ ފީތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހުންނާނެ. ބައެއް ފީތައް އެއްފަހަރާ ދެއްކުމުގެ ބަދަލުގައި އިންސްޓޯލްމެންޓަށް ބަހާލައިގެން ވެސް ދެއްކޭނެ،" އޭނާ ވިދާޅުވި އެވެ.

ރޯޔަލް އެކަޑަމީ އިން ޕައިލެޓް ޓްރައިނިން ހެދުމަށް ނަގަނީ 14 މަހެވެ.

ރޯޔަލް އެކަޑަމީގައި ކިޔަވާ ކުދިންނަށް ލިބޭ އެންމެ ހާއްސަ ކަމަކީ، ސަރަހައްދުގެ އެހެން ބައެއް އެކަޑަމީތަކަށް ވުރެ ގިނައިން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބުން ކަމަށް އެ އެކަޑަމީއިން ބުންޏެވެ. އެ ފްލައިން ސްކޫލު ހިންގާ ޑުމަގަތް އެއާޕޯޓަށް ދުވާލަކު ޖައްސަނީ އަށް ފްލައިޓެވެ.

ރޯޔަލް އެކަޑަމީގެ މެނޭޖްމެންޓްގެ ބައެއް ބޭފުޅުން "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ރޯޔަލް އެކަޑަމީގެ މެނޭޖްމެންޓްގެ ބައެއް ބޭފުޅުން "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

"އެހެންވެ، ކުދިންނަށް [ފްލައިން ޓައިމް] ބޭކާރު ކޮށްނުލައި، ބޭނުން ކުރެވޭނެ. އެކަމަކު މާ ބަރު ބޮޑު އެއާޕޯޓެއްގައި ކިޔަވާ ނަމަ ބޯޓު ދުއްވުމުގެ ވަގުތު ހޯދަން އުނދަގޫވާނެ. ތިރީސް މިނެޓް، 45 މިނެޓް މަޑުކުރަން ޖެހޭނެ. އެހެންވެ، 200 ގަޑިއިރުގެ ފްލައިޓް ޓައިމުގެ ތެރެއިން 45 މިނެޓު ބޯޓުގައި މަޑު ކުރާ ވަގުތަށް ވެއްޖެ ނަމަ، ގާތްގަނޑަކަށް 70 ގަޑި އިރު ބޯޓު ދުއްވުމުގެ ވަގުތުން ބޭކާރުވާނެ،" މަދޫ ވިދާޅުވި އެވެ.

ފިލިފީންސްގައި ގިނަ އަދަދެއްގެ ދިވެހިން ޕައިލެޓްކަން ކިޔަވަމުން އަންނަ އިރު ދާދި ފަހުން ހަޔާ އެޑިއުކޭޝަނުން ވަނީ 500 އެއްހާ ކުދިންނަށް ވަނީ ޕައިލެޓު ޓްރެއިނިންނަށް ލޯނު ދީފަ އެވެ.