Roadha Mihaaru
ތަޖުރިބާކާރު ޖޮކޮވިޗް، ސެމީގައި އަލްކަރާޒްއާ ދެކޮޅަށް

ފްރެންޗް އޯޕަން: ތަޖުރިބާކާރު ޖޮކޮވިޗް، ސެމީގައި ޒުވާން އަލްކަރާޒްއާ ދެކޮޅަށް

08 ޖޫން 2023

ޕެރިސް (ޖޫން 8) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި، ދުނިޔޭގެ އެއްވަނައިގައި އޮތް އުމުރުން 20 އަހަރުގެ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ ޖޮއިންޓް ރެކޯޑް އޮތް 36 އަހަރުގެ ސާބިއާގެ ނޯވަކް ޖޮކޮވިޗް ކުރިމަތިލާން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ޖޫން 8) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި، ދުނިޔޭގެ އެއްވަނައިގައި އޮތް އުމުރުން 20 އަހަރުގެ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ ޖޮއިންޓް ރެކޯޑް އޮތް 36 އަހަރުގެ ސާބިއާގެ ނޯވަކް ޖޮކޮވިޗް ކުރިމަތިލާން ޖެހިއްޖެ އެވެ.

މިދިޔަ އަހަރުގެ މެޑްރިޑް އޯޕަންގައި މި ދެ ކުޅުންތެރިން ކުރިމަތިލާފައި ވެއެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށް ކާމިޔާބު ކުރީ އަލްކަރާޒް އެވެ. ނަމަވެސް ރޮލެންޑް ގަރޯސްގައި ކުޅޭ މެޗަކީ ގްރޭންޑް ސްލޭމް މުބާރާތެއްގައި މި ދެ ކުޅުންތެރިންގެ ފުރަތަމަ ކުރިމަތިލުމެވެ.

ޖޮކޮވިޗާއި ސްޕެއިންގެ ރަފައެލް ނަޑާލް އަކީ ޓެނިހުގެ "ކުޅުން ހުއްޓާލުމާ ކައިރީގައި ތިބި ޖީލުގައި" އެންމެ ވާދަވެރިކަން ބޮޑު ދެ ކުޅުންތެރިންނެވެ. މިހާތަނަށް 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށް، އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް އޮންނަނީ ވެސް މި ދެ ކުޅުންތެރިން އަތުގަ އެވެ.

ކުއާޓާ ފައިނަލް މެޗުގައި އަލްކަރާޒް.-- ފޮޓޯ: އޭއެފްޕީ

ކުއާޓާ ފައިނަލް މެޗުގައި އަލްކަރާޒް.-- ފޮޓޯ: އޭއެފްޕީ

ނަޑާލްގެ ފަހަތުން ސްޕެއިންގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިއަކީ އަލްކަރާޒް އެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަން މުބާރާތުގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އަދި މިއާ އެކު އުމުރުން 19 އަހަރުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ޖެހިލައި، އަހަރު ނިންމާލީ އެއްވަނައަށް އެރި އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެކަމަކު އަނިޔާއަކާ ގުޅިގެން މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި އޭނާއަށް ނުކުޅެވުނެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ލިބުނު އަނިޔާއިން އެއްކޮށް ރަނގަޅު ނުވާތީ، ކްލޭ ކޯޓުގެ ރަސްގެފާނު ގޮތުގައި މަގުބޫލު ނަޑާލް މި މުބާރާތުގައި ނުކުޅެ އެވެ. މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ރެކޯޑް 14 ވަނަ ތަށި އުފުލާލި ނަޑާލް ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖޮކޮވިޗް ބަލިކޮށްފަ އެވެ. އަލްކަރާޒް ކުއާޓާ އަށް ދިޔަ ނަމަވެސް ބަލިވީ ޖަރުމަންގެ އެލެކްޒެންޑާ ޒްވެރޭވް އަތުންނެވެ.

އަލްކަރާޒް މިއަހަރުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާގައި، ރޭންކިންގެ ފަސްވަނައިގައި އޮތް ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. އޭނާގެ ސެޓްތައް ގެންދިޔައީ 6-2، 6-1، 7-6 (7-5) އިންނެވެ.

ކުއާޓާ ފައިނަލް މެޗުގައި ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ

ކުއާޓާ ފައިނަލް މެޗުގައި ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ

މިވަގުތު ރޭންކިންގެ ތިންވަނައިގައި އޮތް ޖޮކޮވިޗް ސެމީއަށް ދަތުރުކުރީ، ރޭންކިންގެ 11 ވަނައިގައި އޮތް ރަޝިއާގެ ކޭރެން ކަޗަނޯވް ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު 6-4 އިން ކަޗަނޯވް ގެންދިޔަ ނަމަވެސް ފަހަތުން އަރައި ތިން ސްޓު ކާމިޔާބު ކޮށްގެން ޖޮކޮވިޗް ސެމީގެ ޖާގަ ހޯދީ އެވެ. ޖޮކޮވިޗްގެ ސެޓްތައް ހޯދީ 7-6 (7-0)، 6-2، 6-4 އިންނެވެ.

ސެމީ ފައިނަލްގެ މެޗުތައް ކުޅެން ތާވަލް ކުރެވިފައި ވަނީ މާސަމާ އަށެވެ. މާދަމާ ކުޅޭ ދެވަނަ ސެމީގައި ވާދަ ކުރާނީ މިދިޔަ އަހަރު ފައިނަލުން ބަލިވި ނޯވޭގެ ކެސްޕާ ރޫޑް އާއި، މިދިޔަ އަހަރު އަލްކަރާޒް ކަޓުވާލި ޒްވެރޭވް އެވެ. ރޭންކިންގެ ހަތަރު ވަނައިގައި އޮތް ރޫޑް ވަނީ ކުއާޓާ ފައިނަލްގައި، އޭނާއަށް ވުރެ ދެ ދަރަޖަ ފަހަތުގައި އޮތް ޑެންމާކުގެ ހޮލްގާ ރޫން 3-1 ސެޓުން ބަލިކޮށްފަ އެވެ.

ޒްވެރޭވް ވަނީ ކުއާޓާ ގައި އާޖެންޓީނާގެ ތޯމަސް މާޓިން އެޗަވަރީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ނަޑާލް އާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން މެޗު ހުއްޓާލަން ޖެހުނު ގޮތަށް އަނިޔާއިން ރަނގަޅުވެގެން އަލުން ކުޅެން ފަށައިގެން މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި އޭނާ ކުޅެފައި ވެއެވެ.