Roadha Mihaaru
ޖޮކޮވިޗް؛ އަނިޔާއާ އެކު ވެސް މެޗު ކާމިޔާބު، އެކަމަ

އަނިޔާއާ އެކު ވެސް ޖޮކޮވިޗަށް ކާމިޔާބު، އެކަމަކު ކުއާޓާގައި ކުޅެވޭނެކަން ޔަގީނެއް ނޫން

04 ޖޫން 2024

ޕެރިސް (ޖޫން 4) – އަނިޔާއާ އެކު ވެސް މެޗު ކާމިޔާޔާބުކޮށް، ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ނަމަވެސް ކުއާޓާ މެޗު ކުޅެވޭ ވަރަށް އޭނާ ފިޓް ނުވެދާނެ ކަމަށް އޭނާ ބުނެފި އެވެ.

ޕެރިސް (ޖޫން 4) – އަނިޔާއާ އެކު ވެސް މެޗު ކާމިޔާޔާބުކޮށް، ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ނަމަވެސް ކުއާޓާ މެޗު ކުޅެވޭ ވަރަށް އޭނާ ފިޓް ނުވެދާނެ ކަމަށް އޭނާ ބުނެފި އެވެ.

އާޖެންޓީނާގެ ފްރެންސިސްކޯ ސެރުންޑޮލޯއާ ދެކޮޅަށް ފަސް ސެޓް ކުޅެގެން 6-1، 5-7، 3-6، 7-5 އަދި 6-3 އިން ޖޮކޮވިޗް ކާމިޔާބު ކުރި މެޗަށް ނުކުތީ ވެސް ކަނާތު ކަކުލުގައި ޓޭޕް އަޅައިގެންނެވެ. އަދި މެޗު ތެރޭން އޭނާ ވަނީ އެތައް ފަހަރަކު ފަރުވާ ހޯދައިފަ އެވެ.

ޖޮކޮވިޗްގެ ކަކުލަށް އަނިޔާ ވެފައި ވަނީ ރޮލެންޑް ގެރޯސްގެ ކްލޭ ސާފޭސްމަތީ ކަހާލައިގެންނެވެ.

"ވަކި ހިސާބަކުން ހިތަށް އެރި ކުރިއަށް ގެންދަންވީ ބާއޭ ވެސް. މާދަމާ އަހަރެންނަށް ކޯޓަށް ނުކުމެ ކުޅެވޭނެ ކަމެއް ނޭނގޭ ބުނާކަށް. ކުޅެން ބޭނުން، އެކަމަކު ބަލަމާ ވޭތޯ،" ޖޮކޮވިޗް ބުންޏެވެ.

ކުއާޓާގައި އޭނާ ކުޅެން ޖެހެނީ ހަތްވަނައަށް ސީޑް ކޮށްފައިވާ ނޯވޭގެ ކެސްޕާ ރޫޑް އާ ދެކޮޅަށެވެ. ހަތަރު ގަޑިއިރާއި 39 މިނިޓަށް ރޭގެ މެޗު ކުރިއަށް ދިޔައިރު އޭގެ 36 ގަޑިއިރު ކުރިން އޭނާ ވަނީ ހަތަރު ގަޑިއިރާއި 29 މިނިޓަށް ދެމިގެން ދިޔަ މެޗެއްގައި ފަސް ސެޓް ކުޅެގެން ކާމިޔާބު ހޯދައިފަ އެވެ.

ރޭގެ މެޗަކީ ގްރޭންޑް ސްލޭމް މުބާރާތްތަކުން ޖޮކޮވިޗް މޮޅުވި 370 ވަނަ މެޗެވެ. މިއާ އެކު އޭނާ ވަނީ 369 މެޗު ކާމިޔާބު ކޮށްފައިވާ އޭނާގެ ކުރީގެ ވާދަވެރިޔާ ރޮޖާ ފެޑެރާ ފަހަތަށް ޖައްސާލައިފަ އެވެ.

"އަހަރެންނަކަށް ނޭނގޭ މި މެޗުން އަހަރެން މޮޅުވީ ކިހިނެއް ކަން ވެސް،" ތިން ފަހަރު ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވަ ޖޮކޮވިޗް ބުންޏެވެ.