Roadha Mihaaru
ނެޓްބޯޅަ ގައުމީ ޗެމްޕިއަންކަން ކުޅުދުއްފުށި ދިފާއުކޮށްފި

ނެޓްބޯޅަ ގައުމީ ޗެމްޕިއަންކަން ކުޅުދުއްފުށި ދިފާއުކޮށްފި

12 ޖޫން 2023

ފައިނަލްގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 66-59 އިން މޮޅުވެގެން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އިން ގައުމީ ނެޓްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފައިނަލްގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 66-59 އިން މޮޅުވެގެން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އިން ގައުމީ ނެޓްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.

ކުޅުދުއްފުށްޓާއި ގްރީން ސްޓްރީޓްސް އަކީ މިދިޔަ އަހަރު ވެސް ގައުމީ ފައިނަލްގައި ވާދަކުރި ދެ ޓީމެވެ. އެފަހަރު ކުޅުދުއްފުށިން ފައިނަލްގައި ގްރީން ސްޓްރީޓްސް ބަލިކުރީ 55-46 އިންނެވެ.

އޭގެ ކުރިން 2021 އަދި 2019 ގެ ގައުމީ ފައިނަލްގައި ވެސް ގްރީން އިން ވަނީ ކުޅުދުއްފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު މުބާރާތް ވާއްވައިފައެއް ނުވެ އެވެ.

ފަސް ޓީމާ އެކު ބޭއްވި މިއަހަރުގެ މުބާރާތުގެ ފައިނަލުން ކުޅުދުއްފުށްޓާއި ގްރީން ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖު ބުރުގެ އެންމެ މޮޅު ދެ ޓީމުގެ ގޮތުގަ އެވެ. ދެ ޓީމު ވާދަކުރަން އޮތް ގުރޫޕް ސްޓޭޖު ފަހު މެޗު ކުޅުދުއްފުށި ޓީމަށް ކުޅެވޭގޮތް ނުވުމުން ގްރީން ސްޓްރީޓްސް މޮޅުވީ ކަމަށް ނިންމި އެވެ. އޭގެ ކުރިން ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ދެ ޓީމުން ކާމިޔާބު ކުރި އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޅުދުއްފުށި ޓީމުގެ އައިޝަތު ސަލީމާ އެވެ. މުބާރާތުގެ ގަދަ ހަތް ކުޅުންތެރިންގެ އިތުރުން، ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.

ސަލީމާގެ އިތުރުން މުބާރާތުގެ ގަދަ ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ކުޅުދުއްފުށި ޓީމުގެ މަރިޔަމް ޝިނާއަތު، އާމިނަތު ފިރުޝާ، މަލަކް އިސްމާއިލް މުހައްމަދު، ގްރީން ސްޓްރީޓްސްގެ ލަޔާން އަލީ ރަޝީދު، އާމިނަތު ރީމް ޝާމް އަދި އާމިނަތު ނަޒުރާ އެވެ.

މި ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުޅުދުއްފުށި ޓީމުގެ ނީޝާ ހަލީމް އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކީ ސްޕޯޓްސް ކުލަބު ޝައިނިން ސްޓާގެ އައިޝަތު ޝާޔާ ފަސާހު އެވެ.