Roadha Mihaaru
މާލީ ތަފުސީލު ހޯދަން ކޮމިޝަނަރު އެނގުމުން ނުރުހުން

އެފްއޭއެމުން ދިން ފައިސާގެ ތަފުސީލު ހޯދަން ސްޕޯޓްސް ކޮމިޝަނަރު އެންގުމުން ބައެއް ޓީމުތަކުގެ ނުރުހުން

31 ޖެނުއަރީ 2024

ފީފާ ނުވަތަ އޭއެފްސީން މެދުވެރިވެ އެފްއޭއެމުން ފޯރުކޮށްދީފައިވާ ފައިސާ ހަރަދުކުރިގޮތުގެ ތަފުސީލު ހޯދަން ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން އެންގުމުން ބައެއް ކްލަބްތަކުން އެކަމާ ނުރުހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފީފާ ނުވަތަ އޭއެފްސީން މެދުވެރިވެ އެފްއޭއެމުން ފޯރުކޮށްދީފައިވާ ފައިސާ ހަރަދުކުރިގޮތުގެ ތަފުސީލު ހޯދަން ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން އެންގުމުން ބައެއް ކްލަބްތަކުން އެކަމާ ނުރުހިއްޖެ އެވެ.

އެ އޮފީހުން، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މިއަދު އަންގާފައި ވަނީ، މިދިޔަ ހަތަރު އަހަރު ފީފާ ނުވަތަ އޭއެފްސީން ފަރާތުން އެފްއޭއެމުން މެދުވެރިވެގެން ދިން ފައިސާ ހަރދުކުރި ގޮތުގެ ތަފުސީލު އަންނަ އާދިއްތަ ދުވަހުގެ ކުރިން ފޮނުވައި ދިނުމަށެވެ.

ކޮންމެ ކްލަބަކަށް ވަކިވަކިން، ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ފީފާ ނުވަތަ އޭއެފްސީގެ ފަރާތުން އެފްއޭއެމް މެދުވެރިކޮށް ކްލަބްތަކަށް ފައިސާގެ އެހީއެއް ލިބެމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެ ފައިސާ ހަރަދުކުރާ ގޮތުގެ ތަފުސީލު ވެސް ފީފާ ނުވަތަ އޭއެފްސީގެ ޕޯޓަލް އަށް އަޕްލޯޑްކޮށް އަދި އެ ތަފުސީލުތައް އެފްއޭއެމަށް ވެސް ކްލަބްތަކުން ހިއްސާ ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް، ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

"ވީމާ ފީފާ ނުވަތަ އޭއެފްސީން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް މެދުވެރިކޮށް 2020 ވަނަ އަހަރުން ފެށިގެން ތިޔަ ކްލަބަށް ލިބިފައިވާ ފައިސާގެ އަދަދު އަދި އެ ފައިސާ ބޭނުންކުރެވުނު ގޮތުގެ މައުލޫމާތު، 2024 ފެބްރުއަރީ 04 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވައި ދެއްވުމަށް ދަންނަވަމެވެ.،" ސްޕޯޓްސް ކޮމިޝަނާ އޮފީހުގެ ޑިރެކްޓާ ޖެނަރަލް އަލީ ޝަމީމް ސޮއިކުރައްވައި ކްލަބްތަކަށް ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީ މިއަދު ކްލަބްތަކަށް ފޮނުވުމުން، ފުރަތަމަ ޑިވިޝަންގެ ހަތަރު ކްލަބްކަމަށްވާ، ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އަދި ބުރު ސްޕޯޓްސްގެ ފަރާތުން ވަނީ ސްޕޯޓްސް ކޮމިޝަނާ އޮފީހަށް ވެސް ގޮސްފަ އެވެ.

އޭގެ ފަހުން އެ ކްލަބްތަކުން މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ، އެ ތަފުސީލުތައް ފޮނުވަން ސްޕޯޓްސް ކޮމިޝަނާ އެންގުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ހަތަރު ކްލަބަކީ، މިއަދު ބާއްވާގޮތަށް ކުރިން ހަމަޖައްސާފައި އޮތް އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި މުފާވިޒު ހާޝިމަށް ތާއީދު ކުރި ކްލަބްތަކުގެ ތެރެއިން ހަތަރު ކްލަބެވެ.

އީގަލްސްގެ ޖެނަރަލް ސެކެރެޓަރީ ސައީދު އަލީ ބުނި ގޮތުގައި މާޗް 31 ގެ ކުރިން އަހަރީ ރިޕޯޓް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މާލީ ބައި އެކަނި އަންނަ އާދިއްތަ ދުވަހު ދޭއް ޖެހުމުގެ ކުރިން ފޮނުވަން އެންގުމަކީ ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ރަނގަޅު ނިޔަތެއްގައި ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މި ސިޓީއަކީ، މިހާރު ކުރިއަށްގެންދަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބަށް ސްޕޯޓްސް ކޮމިޝަނާ ނުފޫޒު ފޯރުވުމުގެ ގޮތުން ފޮނުއްވާފައި އޮތް ލެޓާއެއް،" މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސައީދު ބުންޏެވެ.

ބުރު ސްޕޯޓްސްގެ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ އަރުޝަދު ބުނީ، ސްޕޯޓްސް ކޮމިޝަނާ އޮފީހުގެ ޕޯޓަލް އަށް ވަދެވޭނެ އިންތިޒާމެއް އެ ކޮމިޝަނުން އަދި ވެސް އެ ކްލަބަށް ހަމަޖައްސައި ދީފައި ނުވާކަމަށެވެ. އެ ޕޯޓަލް އަށް ވަދޭވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ޑިސެމްބަރު 27 ގައި އެދިފައިވާނެ ކަމަށް އަރުޝަދު ބުންޏެވެ. އަދި އޭގެ ފަހުން މި މަހު 20 ގައި އައިޑެންޓިޓީ ކާޑް ފޮނުވައި ދިނުމަށް އެދިފައިވުމުން އެ މައުލޫމާތު ވެސް ކޮމިޝަނާގެ އޮފީހަށް ހިއްސާކޮށްފައި ވާނެ ކަމަށް އަރުޝަދު ބުންޏެވެ.

އޭނާ ބުނީ އެ ޕޯޓަލް އަށް އެ ކްލަބަށް ނުވަދެވޭތީ، އެހެން ކްލަބްތަކަށް ލިބުނު ކަމަށް ބުނާ، އެ ސިޓީ އެ ކްލަބަށް ލިބިފައިވާކަން ބުނަން ނޭނގޭ ކަމަށެވެ.

"މި ޕޯޓަލްގެ ޒަރިއްޔާއިން އަދި އަޅުގަނޑުމެންނާ މުއާމާލަތް ކުރެވިފައި ނުވާތީ އެ ވިދާޅުވާ އެ ސިޓީއެއް އަޅުގަނޑުމެންނަށް ލިބިފައިން ކަމެއް އެނގިފައެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

އަރުޝަދު ބުނީ އޭހާ ތަފުސީލީ މައުލާމާތެއް ތިން ދުވަސްތެރޭގައި ފޮނުވަން އަންގާތީ ސުވާލު އުފެދޭ ކަމަށެވެ.

ގްރީން ސްޓްރީޓްސްގެ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ އުމޭޝް ބުނީ، އެ ކްލަބްގެ ބޯޑް ދެ އަހަރުވީ އިރު ވެސް ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ރަޖިސްޓަރީކޮށް ދީފައިވާ ކަމަށެވެ. އެކަމަކު ހަފުތާއެއް ނުވަނީސް ވެލެންސިއާގެ ބޯޑް ރަޖިސްޓަރީ ކޮށްދީފައިވުމުން ސްޕޯޓްސް ކޮމިޝަނާ ތޮލާލްގެ މަގުސަދާ މެދު އަރުޝަދު ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.