Roadha Mihaaru
ހަށިވިއްކަން އައި މީހާ ބުނީ އައީ ފިރިމީހާއާ އެކު ޗުއްޓީއަށް ކަމަށް

ހަށިވިއްކަން ރާއްޖެ އައި މީހާ ބުނަނީ ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ އަށް ކަމަށް

12 ޖޫން 2023

ފުޅާ ދާއިރާއެއްގައި ހަށި ވިއްކާ ކަމަށް ތުހުމަތުކޮށް މިދިޔަ މަހު ހައްޔަރުކުރި މީހުންގެ ތެރެއިން އެއް އަންހެނަކު ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ކަމަށް ކޯޓުގައި ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުޅާ ދާއިރާއެއްގައި ހަށި ވިއްކާ ކަމަށް ތުހުމަތުކޮށް މިދިޔަ މަހު ހައްޔަރުކުރި މީހުންގެ ތެރެއިން އެއް އަންހެނަކު ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ކަމަށް ކޯޓުގައި ބުނެފި އެވެ.

އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އެމްއެސްޓީ ބްރިސްޓީ އަހްތަރު އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

ފުލުހުން އޭނާ ކޯޓަށް ގެންގޮސް ދިން ބަޔާނުގައި ބުނީ ރާއްޖެ އައީ ޓޫރިސްޓް ވިސާގައި ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ކަމަށެވެ. އެކަމަކު އެ އަންމެ މީހާ ހުޅުމާލޭ "ތްރީ އިން ހޮޓެލް"ގައި ބުކިން ހައްދާފައިވާ ނަމަވެސް އެތަނަށް ގޮސްފައި ނުވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

ކޯޓުގައި އަންހެން މީހާ ވަނީ، ފުލުހުންގެ ބަންދުގައި އޭނާ ހުންނަތާ 27 ދުވަސް ވެފައިވާއިރު އޭނާގެ ފިރިމީހާއާ ވާހަކަ ދައްކަން ފޯނު ނުދޭ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. އެކަމަކު ފުލުހުން ކޯޓުގައި ބުނެފައި ވަނީ ފޯނުކުރުމަށް އޭނާ އަށް ފުރުސަތު ދީފައިވާ ކަމަށާއި ނަމަވެސް އޭނާ ގުޅި ނަމްބަރުތައް އޮންނަނީ ނިއްވާލާފައި ކަމަށެވެ. އޭނާ ގުޅި އެއްވެސް ނަމްބަރަކުން ފޯނު ނުނަގާ ކަމަށާއި އިއްޔެ އާ ނަމްބަރެއް ލިބިފައިވާތީ ފޯނު ކުރުމަށް ފުރުސަތު ދޭނެ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރެވުނު ތަނަކީ ގެސްޓްހައުސްއެއް ގޮތަށް ބޭނުން ކުރަމުންދާ ތަނެއް ނަމަވެސް އެ ތަނަކީ ހުއްދަ ނަގައިގެން ހިންގާ ތަނެއް ނޫން ކަމަށެވެ. ހަށި ވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ ދުރާލައި ރޭވިގެން ކަމަށް ވެސް ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ކޯޓަށް ދިން ބަޔާނުގައިވެ އެވެ.

އެ އަންހެން މީހާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށަށް ކޮންމެވެސް ވަރަކަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓާއި ތަހުގީގަށް ލިބިފައިވާ ބަޔާންތަކާ ހަވާލާދީ ފުލުހުން ބުނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. ހަށި ވިއްކާ ކަމަށް ބަލެވޭ ތަންތަން ބަލައިފާސްކުރިއިރު ހަށިވިއްކުމުގައި ގެންގުޅޭ ސާމާނު ގެސްޓް ހައުސްއެއްގެ ކޮޓަރިން ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އިއްޔެ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ސަބަބެއް ކަމަށް ކޯޓުން ބުނެފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.