Roadha Mihaaru
ހަށިވިއްކާ ތަނަކުން އަތުލައިގަތް ފައިސާތައް ދޭންޖެހިއްޖެ

ހަށިވިއްކާ ތަނަކުން ފެނުނު 190،000ރ. ގެ ތެރެއިން ބައެއް ތުހުމަތަށް ހައްޔަރުކުރި މީހަކާ ހަވާލުކުރަން ހުކުމްކޮށްފި

29 އޯގަސްޓް 2023

މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ފުލުހުން ވަދެ ފާސްކުރި ތަނަކުން އަތުލައިގަތް ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން ބަޔަކީ، އެ މައްސަލާގައި އެތަނުން ހައްޔަރުކުރި މީހެއްގެ އެއްޗެހި ކަމަށް ބުނެ އެ މީހާ ކުރި ދައުވާއަކަށް ގުޅިގެން އެ ފައިސާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ފުލުހުން ވަދެ ފާސްކުރި ތަނަކުން އަތުލައިގަތް ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން ބަޔަކީ، އެ މައްސަލާގައި އެތަނުން ހައްޔަރުކުރި މީހެއްގެ އެއްޗެހި ކަމަށް ބުނެ އެ މީހާ ކުރި ދައުވާއަކަށް ގުޅިގެން އެ ފައިސާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު މިގޮތަށް ހުކުމްކުރީ ފުލުހުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ބަލައި ފާސްކުރި "ޕީސް ސެލޫން އެންޑް ސްޕާ" ތެރެއިންނާއި އެތަނުން ހައްޔަރުކުރި ތައިލެންޑުގެ ހަތަރު އަންހެނެއްގެ އަތުން ފެނުނު 190،990ރ. ގެ ތެރެއިން 23،100ރ. ހޯދަން އެތަނުން އެކަކު ކަމަށްވާ ޔަނިސާ ސިސޮމްސަކް ކުރި ދައުވާގަ އެވެ.

ޝަރީއަތުގައި ބުނެފައިވަނީ އެ 23،100ރ. ފެނުނީ އޭނާގެ އަތުން ކަމަށާއި ފުލުހުންގެ އަތްދަށުވި އިރު އޭނާ ރާއްޖެއަށް އައިތާ ވީ އެންމެ ހަ ދުވަސް ކަމަށެވެ. ސެލޫނަށް ފުލުހުން ވަދެ ފާސްކުރި އިރު ބަރަހަނާ ހާލުގައި ތިބި ދިވެހި ފިރިހެނަކާއި ބަންގްލާދޭޝް ފިރިހެނަކާއި ތައިލެންޑު އަންހެނަކާއި ޖިންސީ ގުޅުން ހިންގުމުގައި ބޭނުންކުރާ ތަކެތި ވެސް ގިނަ އަދަދަކަށް ފެނުނު ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު ދައުވާކުރި ޔަނިސާ ހުރީ ސެލޫންގެ ކައުންޓަރުގަ އެވެ.

ދައުލަތުން ޝަރީއަތުގައި ބުނީ ޔަނިސާގެ އަތުން ފެނުނު ފައިސާ އަކީ ވެސް ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބަލަންޖެހޭ މިންވަރަށް ހެކި އެބަހުރި ކަމަށާއި އެހެންވެ އެ ފައިސާ ދައުލަތަށް ނަގަން ފުލުހުންނަށް ލަފާ ދީފައިވާނެ ކަމަށެވެ. ޔަނިސާގެ އަތުން ފެނުނު ފައިސާ އަކީ ކުށް ކޮށްގެން ހޯދި ފައިސާ ކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި، ހަށިވިއްކުމާ ގުޅޭ ގޮތުން އެކި މީހުންނާ މުއާމަލާތުކޮށް އެކަމަށް އެއްބަސް އެކި ކަންކަން ކޮށްފައިވާކަން އޭނާގެ ފޯނުން ލިބުނު މައުލޫމާތު ހިމެނެ އެވެ. އެކަމަކު ޔަނިސާ ބުނެފައިވަނީ އެ ފައިސާ އަކީ ރާއްޖެ އައި އިރު އަތުގައި ހުރި ތައިލެންޑު ބާތު މާރުކުރުމުން ލިބުނު ދިވެހި ރުފިޔާ ކަމަށެވެ. އެކަމަކު އެކަން ސާބިތުކޮށްދޭން އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެ އެވެ. އޭނާ ތަހުގީގުގައި ވަނީ އޭގެ ތެރޭގައި "މަސާޖުކުރުމުގެ ހިދުމަތް" ދީގެން ހޯދި ފައިސާ ވެސް ހިމެނޭ ކަމަށް ކުރިން ބުނެފަ އެވެ.

މި މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅުމުން ނިންމާފައި އޮތީ މައްސަލައިގައި ހިމެނޭ ބިދޭސީންގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް އެންމެ މަސްލަހަތު ހުރި ގޮތަކީ އެ މީހުން ޑީޕޯޓްކޮށްލުން ކަމަށެވެ. އެކަމަކު ދައުވާކުރި ޔަނިސާގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތަސް އޭނާ ވެސް ޑީޕޯޓްކޮށްލަން އޮތީ ނިންމައިފަ އެވެ. އަދި މުޅި މައްސަލައިގައި ހިމެނޭ ހުރިހާ ފައިސާ އަކީ ވެސް ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ބެލެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެ ހުރިހާ ފައިސާއެއް ވެސް ދައުލަތަށް ނަގަން ލަފާ ދީފައިވެ އެވެ.

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް އޮތަސް މި މައްސަލާގައި އެ ފައިސާ ދޭން ހުކުމްކުރީ ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން އަދި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް މީހެއްގެ ނުރުހުމުގައި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށާއި އެކަން ކުރާއިރު ވެސް އަދުލުވެރި ބަދަލެއް ދޭންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނާތީ އެވެ. އަދި މިއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް، ކުށް ކޮށްގެން ހޯދި މުދާކަން ޝަރީއަތަށް ސާބިތުވެފައި ވެސް ނުވާތީ އެވެ.

ހަށިވިއްކާ ތަނުން ހޯދި ފައިސާ ދައުލަތަށް ނަގަން ޕީޖީން ފުލުހުންނަށް ލަފާ ދިންތާ 10 މަސް ދުވަސް ވެއްޖެ ކަމަށާއި އެކަމަކު އެއީ ކުށްކޮށްގެން ހޯދި ފައިސާކަން ކަނޑައަޅަން އެއްވެސް ކޯޓެއްގައި މިހާތަނަށް ދައުވާކޮށްފައި ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު ފުލުހުން ބުނީ އެ ފައިސާ ދައުލަތަށް ނަގަން ދައުވާކުރުމަށް އަދިވެސް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ގާޒީ އިބްރާހިމް އިހްސާންގެ ހުކުމް ކުރެއްވީ ޔަނިސާގެ 23،100ރ. ހިފަހައްޓާފައި ހުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ 10 ދުވަހުގެ ތެރޭގައި އެ ފައިސާ އޭނާއާ ހަވާލުކުރުމަށެވެ.