Roadha Mihaaru
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ

ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ

12 ޖޫން 2023

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންވެގެން އެކަން ކުރަން އުޅެފި ނަމަ، އެމެރިކާ އަށް ވެސް އެކަން ނުހުއްޓުވޭނެ ކަމަށް، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިއްޔެ ވިދާޅުވެއްޖެ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންވެގެން އެކަން ކުރަން އުޅެފި ނަމަ، އެމެރިކާ އަށް ވެސް އެކަން ނުހުއްޓުވޭނެ ކަމަށް، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޚާމަނާއީ ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުގައި އެއްވެސް އަސްލެއް ނެތެވެ. އަދި އެއީ އެ ގައުމުތަކުން ގަސްދުގައި ހަދާ ދޮގެއްކަން އެ ގައުމުތަކަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިއުކްލިއާ ހަތިޔާރު އުފައްދަން އަހަރެމެން މަސައްކަތެއް ނުކުރަން. އަހަރެމެން ގަބޫލުކުރާ އަގީދާގެ ސަބަބުން، ނިއުކްލިއާ ހަތިޔާރު އުފައްދާކަށް އަހަރެމެން ބޭނުމެއް ނުވޭ. އެހެން ނޫން ނަމަ، އެ މީހުންނަކަށް (ހުޅަނގުގެ ގައުމުތަކަށް) ވެސް އަހަރެމެން ނުހުއްޓުވޭނެ."

ޚާމަނާއީ ވިދާޅުވި ގޮތުގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ކުރިއަށް ދަނީ ރައްކާތެރި ގޮތުގައި ކަން ކަށަވަރު ކުރުމަށްޓަކައި، އދ.ގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ)އާ އެކުގައި އީރާންގެ ކަމާ ގުޅޭ އިދާރާތައް މަސައްކަތް ކުރަންޖެހެ އެވެ. އަދި އެކަމުގައި އީރާނުން އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އައިއޭއީއޭ އިން މިދިޔަ މަހު ބުނެފައިވަނީ، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ ކަންތައް ބަލައި ފާރަވެރިވުމުގެ މަސައްކަތުގައި އެ ގައުމާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމުގައި ލިބިފައިވަނީ ވަރަށް ކުޑަ ކުރިއެރުމެކެވެ. އެ ގޮތުން އެ އިދާރާ އިން ފާހަގަކުރި ގޮތުގައި، 2015ގެ ނިއުކްލިއާ މުއާހަދާގެ ދަށުން، އީރާންގެ ނިއުކްލިއާ އިންޖީނުގެތަކުގައި ހަރުކޮށްފައި ހުއްޓައި މިދިޔަ އަހަރު އީރާނުން ނައްޓައިލި ސީސީޓީވީ ކެމެރާތަކުގެ ތެރެއިން، މިހާތަނަށް އަލުން ހަރުކުރެވިފައިވަނީ ވަރަށް މަދު ކެމެރާއެކެވެ.

ޚާމަނާއީ ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ހުޅަނގުގެ ގައުމުތަކާ އެކުގައި އާ އެއްބަސްވުމެއް ގާއިމުކުރެވޭނީ، އީރާންގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ ސަލާމަތުން އޮވެގެންނެވެ. ހުޅަނގުގެ ގައުމުތަކުން އީރާނާ އެކު 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، އެ ގައުމުތަކުން އީރާނާ އެކުގައި ކުރަމުން އައި މަޝްވަރާތައް، ސސެޕްޓެމްބަރު 2022 އިން ފެށިގެން ވަނީ ކޮޅެއްގައި ނުޖެހި މެދުކެނޑިފަ އެވެ.

ނިއުކްލިއާ މަޝްވަރާތައް މެދުކެނޑުމާ ގުޅިގެން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ، ގަބޫލުނުކުރެވޭނެ ޝަރުތުތައް ކުރިމަތިކުރުވާ ކަމަށް ބުނެ، އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފަ އެވެ.

"ހުޅަނގުގެ ގައުމުތަކާ އެކުގައި ނިއުކްލިއާ މުއާހަދާއެއް ގާއިމުކުރުމުގައި އެއްވެސް މައްސަލައެއް ނެތް. އެކަމަކު އެ މުއާހަދާ ގާއިމުކުރުމުގައި އަހަރެމެންގެ ނިއުކްލިއާ އިންފްރަސްޓްރަކްޗާ އަށް އެއްވެސް ގޯނާއެއް ކޮށްގެން ނުވާނެ،" ޚާމަނާއީ ވިދާޅުވި ކަމަށް އީރާންގެ ދައުލަތުގެ މީޑިއާ އިން ބުންޏެވެ.

ހުޅަނގުގެ ގައުމުތަކުން އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާގައި ސޮއިކުރީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާގައި ސޮއިކޮށްފައިވަނީ، އީރާން، ޗައިނާ، އެމެރިކާ، ރަޝިޔާ، އިނގިރޭސި ވިލާތް، އިޓަލީ ވިލާތް، ޖަރުމަން ވިލާތް އަދި ޔޫރަޕިއަން ޔޫނިއަން އެވެ.

ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު، އެމެރިކާ އެ މުއާހަދާ އިން ވަކިވެ، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި އެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން، އެ މުއާހަދާގައި ބުނެފައިވާ މިންވަރަށް ވުރެ އިތުރަށް، ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި އީރާނުން ފެށި އެވެ.

އެ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށް އެމެރިކާ އިން ނިންމީ، ޖެނުއަރީ 20، 2021 ގައި އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިހާރުގެ ރައީސް ޖޯ ބައިޑެން އެވެ.