Roadha Mihaaru
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި

އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި

13 ޖޫން 2023

މަސްކަޓް (ޖޫން 13) - އީރާން ސަރުކާރުގެ އިސް އޮފިޝަލުންތަކަކާއި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ ދެމެދުގައި، އޮމާންގެ ވެރިރަށް މަސްކަޓްގައި ނުސީދާ މަޝްވަރާތަކެއް ބާއްވައިފި ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

މަސްކަޓް (ޖޫން 13) - އީރާން ސަރުކާރުގެ އިސް އޮފިޝަލުންތަކަކާއި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ ދެމެދުގައި، އޮމާންގެ ވެރިރަށް މަސްކަޓްގައި ނުސީދާ މަޝްވަރާތަކެއް ބާއްވައިފި ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

އީރާނުން ބުނި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ނުސީދާ މަޝްވަރާތަކުގައި ވާހަކަ ދެއްކީ މައިގަނޑު ދެ ކަމަކާ ގުޅޭ ގޮތުންނެވެ. އެއީ އަމަލުކުރުން މެދުކެނޑިފައިވާ އީރާންގެ ނިއުކްލިއާ މުއާހަދާއަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުންނާއި، ދެ ގައުމުގައި ތިބި އަނެއް ގައުމުގެ ކުށްވެރިން ބަދަލުކުރުމާ ބެހޭ ގޮތުންނެވެ.

ނުސީދާ މަޝްވަރާތަކެއް ބޭއްވި ކަމަށް އީރާނުން މި އެއްބަސްވީ، އާ މުއާހަދާއެއް އެކުލަވައިލުމާ ބެހޭ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވުމާ ކައިރިވެއްޖެ ކަމަށް، ނޫސްތަކުގައި ޝާއިއުކުރި ރިޕޯޓްތަކަށް، މިދިޔަ ހަފުތާގައި ދެ ގައުމުން ވެސް އިންކާރުކޮށްފައި ވަނިކޮށެވެ.

އީރާންގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ ވިދާޅުވި ގޮތުގައި މަސްގަތުގައި ބޭއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ، ނިއުކްލިއާ މުއާހަދާ އިން ވަކިވުމަށް ފަހު އެމެރިކާ އިން އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތައް އުވައިލުމާ ބެހޭ ގޮތުންނެވެ.

މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ އޮމާން ސަރުކާރުގެ އޮފިޝަލުންނެވެ. ކޮންމެ ގައުމަކުން ވެސް އަނެއް ގައުމުގައި ބުނަންޖެހޭ ވާހަކަ ކިޔައިދެނީ، އޮމާންގެ އޮފިޝަލަށެވެ. އެ އޮފިޝަލް އަނެއް ގައުމަށް އެ މެސެޖެއް ދެއްވުމަށް ފަހު، އެ ގައުމަކުން ދޭ ޖަވާބެއް އަނެއް ގައުމުގެ އޮފިޝަލުންނަށް ގެންގޮސްދެއްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިއުކްލިއާ މުއާހަދާއާ ބެހޭ މަޝްވަރާތައް މެދުކެނޑިފައި އޮތަސް، މިދިޔަ ދުވަސްތަކުގައިވެސް ޑިޕްލޮމެޓިކް ދާއިރާ އިން ދެ ގައުމުގެ މެދުގައި މުއާމަލާތުތައް ކުރެވުނެވެ. އަދި އޮމާންގައި ބޭއްވި މަޝްވަރާތަކަކީ ސިއްރުން ބޭއްވި މަޝްވަރާތަކެއް ނޫން ކަމަށް ވެސް ކަންއާނީ ވިދާޅުވި އެވެ.

އޭގެ އިތުރުން، ދެ ގައުމުގައި ތިބި އަނެއް ގައުމުގެ ކުށްވެރިން ބަދަލުކުރުމާ ބެހޭ ގޮތުން ވެސް، ނުސީދާ މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ގޮތުން ދެ ގައުމުން ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ އެވެ.

ނުސީދާ މަޝްވަރާތަކެއް ބޭއްވި ކަމަށް އީރާނުން މިއެއްބަސްވީ، އދ.ގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ)އާ އެކުގައި އީރާންގެ ކަމާ ގުޅޭ އިދާރާތައް މަސައްކަތް ކުރަންޖެހޭ ކަމަށް، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ނުސީދާ މަޝްވަރާތަކެއް ބޭއްވިކަމާ ބެހޭ ގޮތުން، އެމެރިކާ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.