Roadha Mihaaru
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟

ވާދަވެރި ކެންޑިޑޭޓު ވެސް ކެމްޕޭން ކުރާނީ ސަރުކާރު ތެރެއިން؟

14 ޖޫން 2023

މި ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މި ވެރިކަމުގެ މިސްރާބު ގޯހެވެ. ސެޕްޓެމްބަރު މަހު އޮންނަ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގެން ރައްޔިތުންނަށް ދެއްކެވީ ވެރިކަން ބަދަލުކުރަން ޖެހޭ ސަބަބުތަކެވެ. އެ ޕާޓީން ހިސާބު ޖެހި އަދަދާ ގާތަށް ވެސް މީހުން ނުދިޔަ ޖަލްސާގައި ރައްޔިތުންނަށް ދެއްވީ ސަރުކާރު ޒިންމާދާރުކުރުވައި އިންތިހާބު ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަމެވެ. އެ ވާހަކަތަކަށް ތާއީދުކުރައްވަން އަރިހުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މި ވެރިކަމުގެ މިސްރާބު ގޯހެވެ. ސެޕްޓެމްބަރު މަހު އޮންނަ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގެން ރައްޔިތުންނަށް ދެއްކެވީ ވެރިކަން ބަދަލުކުރަން ޖެހޭ ސަބަބުތަކެވެ. އެ ޕާޓީން ހިސާބު ޖެހި އަދަދާ ގާތަށް ވެސް މީހުން ނުދިޔަ ޖަލްސާގައި ރައްޔިތުންނަށް ދެއްވީ ސަރުކާރު ޒިންމާދާރުކުރުވައި އިންތިހާބު ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަމެވެ. އެ ވާހަކަތަކަށް ތާއީދުކުރައްވަން އަރިހުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ސަރުކާރާ ދެކޮޅަށް ކެމްޕޭނަށް ނުކުތްކަން އިއުލާންކުރި ޖަލްސާގެ އިސް ސަފުގައި ދެން ތިއްބެވީ، އެއް ބަޔަކީ މި ސަރުކާރު ދިފާއުކުރަން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައި ތިބި މީހުންނެވެ.

ވެރިކަމުގެ ދެ ވަނަ ދައުރަކަށް ސަރުކާރު ކޯލިޝަންގެ އެއް ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅާފައި ވަނިކޮށް ވާދަވެރި ކެންޑިޑޭޓު ވެސް ސަރުކާރުގެ ތެރެއިން ނުކުތުމާއި އެ ޕާޓީން ކަނޑައެޅި ސިޔާސީ މަގާމްތަކުގައި ދެމިތިބެ ކެމްޕޭން ކުރުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ތަޖުރިބާކުރާ މުޅިން އާ ކަމެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ޒުވާނުންނަށް ހާއްސަކޮށްގެން ޖޭޕީގެ އިސް ބޭފުޅުން ބޭއްވި ފޯރިގަދަ ޝޯ އަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގާސިމް އިބްރާހިމް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ޒުވާނުންނަށް ހާއްސަކޮށްގެން ޖޭޕީގެ އިސް ބޭފުޅުން ބޭއްވި ފޯރިގަދަ ޝޯ އަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގާސިމް އިބްރާހިމް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މީގެކުރިން ވެރިކަމުގައި ހުންނެވި ރައީސްގެ ސަރުކާރު ދަމަހައްޓަން ކޯލިޝަން ހަދައިގެން ތިބި ސިޔާސީ ޕާޓީތަކުން އިންތިހާބާ ހަމައަށް އެކުގައި ތިބެ އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ނުކުތުމުގެ ހާލަތު މެދުވެރިއެއް ނުވެ އެވެ. ވެރިކަން ހޯދަން އެކުލަވާލާ ކޯލިޝަން ވެސް މާގިނަ ދުވަހަކު ދެމިނޯންނާތީ އެވެ.

މި ވެރިކަން އުފެއްދީ މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އިސްވެ ޖޭޕީ އާއި އަދާލަތާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމް އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓާއި އެހެން މަގާމްތައް ވެސް އެކުލަވާލެއްވީ ކޯލިޝަން ޕާޓީތަކާ އެކު އެއްބަސްވެވުނު ގޮތަށެވެ. އެއީ ކެބިނެޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ނޫން ވެސް ސިޔާސީ މަގާމްތަކަށް ޕާޓީތަކުން އައްޔަންކުރަން ފޮނުވާ މީހުން ހިމެނޭ ގޮތުންނެވެ.

ކެބިނެޓު އެކުލަވާލަން އެއްބަސްވީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.

ޕާޓީތަކުން ބުނާ ގޮތުގައި، މި ޕަސެންޓޭޖަށް މަގާމްތައް ދޭން ވި ވައުދު ނުފުދެ އެވެ.

އެކަމަކު ވެރިކަން ނިމެން ހަތަރު މަހަށް ވިއިރު ވެސް މި ކޯލިޝަން ނަމެއްގައި ދެމިއެބައޮތެވެ. އުފައްދާ ސުވާލަކީ ސަރުކާރު ކޯލިޝަންގައި ދެމިއޮވެ ސިޔާސަތުތަކާ ދެކޮޅު ހަދައި ވަރުގަދައަށް އެންޓި ކެމްޕޭންކޮށް ފާޑުކިޔައި ހެދުން މައްސަލައެއް ނޫން ހެއްޔެވެ؟

މި ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ލީޑަރުން: އެއްބަސްވި ގޮތަށް ނުދިޔަސް ކޯލިޝަން އެންމެ ގިނަ ދުވަހު ދެމިއޮތީ މި ވެރިކަމުގައި. -- ފޮޓޯ | މިހާރު

މި ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ލީޑަރުން: އެއްބަސްވި ގޮތަށް ނުދިޔަސް ކޯލިޝަން އެންމެ ގިނަ ދުވަހު ދެމިއޮތީ މި ވެރިކަމުގައި. -- ފޮޓޯ | މިހާރު

ސިވިލް ސާވިސްގެ އާއްމު ވަޒީފާތަކަށް ވުރެން މުސާރަ ބޮޑުކޮށް, ނުފޫޒު ގަދަ ސިޔާސީ މަގާމަކަށް އައްޔަންކުރަނީ އޭރެއްގައި އޮންނަ ސަރުކާރު ދިފާއުކޮށްދިނުމަށެވެ. ވޭތުވެދިޔަ ސަރުކާރުތަކުގައި އަދި މި ސަރުކާރުގައި ވެސް ސިޔާސީ މަގާމްތަކުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުކޮށްފައިވާ މަގްސަދަކީ މިއެވެ;

ކުރީ ސަރުކާރަށް ވުރެން ވެސް މާގިނައިން ސިޔާސީ މަގާމްތައް އުފައްދާފައިވާ މި ސަރުކާރުގައި މި ފެންނަނީ ކެބިނެޓުގައި ވެސް ކޯލިޝަން ޕާޓީގެ ވަޒީރުން ތިއްބަވައިގެން ނިންމަވާ ނިންމެވުންތަކާ ދެކޮޅަށް ކޯލިޝަން ޕާޓީތަކުން ތެދުވާ ތަނެވެ.

ކުރިއަށް އޮތީ ސިޔާސީ ހަނގުރާމައަށް ނުކުމެ ހޯދުނު ގޮތަކުން އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ކުރި ހޯދުމެވެ. ރާއްޖޭގައި ފެންނަނީ ހާލަތު ރަނގަޅުކުރަން ސިޔާސަތު ވިއްކައިގެން ވެރިކަމަށް އައުމުގެ ބަދަލުގައި އޭރެއްގައި ހުންނަ ރައީސަކު ބަދަލުކުރުމުގެ ރޫހުގައި ނުކުންނަ ތަނެވެ. ތުހުމަތުތަކާއި ފާޑުކިއުންތަކާއި އަބުރަށް އަރައިގަތުން ފަދަ ހުތުރު އަމަލުތަކުން ރައްޔިތުންނަށް ވިސްނައިދޭން އުޅޭ ތަނެވެ.

ގާސިމަށް ޓިކެޓް ހަވާލުކުރަން ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ | މިހާރު

ގާސިމަށް ޓިކެޓް ހަވާލުކުރަން ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ | މިހާރު

ޖޭޕީން އިންތިހާބަށް ނުކުތަސް އެ ޕާޓީން ގަބޫލުކުރަނީ ދައުރު ނިމެންދެން ސަރުކާރު ކޯލިޝަން އުވާނުލައި ސިޔާސީ މަގާމްތަކުގައި ދެމިތިބެވޭނެ އެވެ. އެ ޕާޓީގެ އެއްވެސް ސްލޮޓެއްގައި ހުރި މީހަކު ވަތްކެއް ވެސް ނުކުރެވޭނެ އެވެ.

ސިޔާސީ މުވައްޒަފުން އަމަލުކުރަން އެކުލަވާލާފައި އޮތް އުސޫލް

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލްކަމަށް ގެޒެޓްކޮށްފައިވާ ލިއުމުގައި ބުނީ އެންމެ އަސާސީ ޝަރުތަކީ ސަރުކާރު ދިފާއުކުރުން ކަމަށެވެ.

- ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަންދިނުން

- ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ ހުރުމަތްތެރިކޮށް ހިތުން.

- އެފަދަ ނިންމުންތަކާ މެދު ހިޔާލުތަފާތުވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި އާއްމު ތަންތަނުގައި އަދި މީޑިއާގައި ވާހަކަ ދައްކައި ނޫސް މަޖައްލާތަކާއި ސޯޝަލްމީޑިއާގައި ލިޔެ ނުހެދުން.

- ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށުއަރާ ކަމަކަށް މަގުފަހިވެދާނެ ފަދަ އުސޫލްތަކެއް ނުގެންގުޅުން.

- މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުން.

މި އުސޫލްގައި ބުނާ މިންގަނޑާ ޚިލާފުވެގެން ބައެއް މުވައްޒަފުން ވަނީ ސިޔާސީ މަގާމްތަކުން ވަކިކޮށްފަ އެވެ. އޭގެތެރޭގައި ގިނައީ އެމްޑީޕީ ސްލޮޓްތަކުގައި ސިޔާސީ މަގާމްތަކުގައި ތިބެ ޕާޓީން ވަކިވެ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި މެމްބަރުންނެވެ.

މި މެމްބަރުން ވަކިކުރީ އެމްޑީޕީން ރައީސް އޮފީހުގައި އެދިގެންނެވެ. ބޭނުމަކީ އެމްޑީޕީއަށް ކަނޑައަޅާފައިވާ ސްލޮޓްތަކަށް އެ ޕާޓީގެ މެމްބަރުން ވެއްދުން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި އެވެ.

"މި ސަރުކާރުގެ ސިޔާސީ މަގާމްތައް ހުރީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ހިއްސާވާނެ ޕަސެންޓޭޖް ކަނޑައަޅާފައި. އެމްޑީޕީގެ ނަމުގައި މަގާމަށް އައިސް ޕާޓީން ވަކިވެއްޖެ ނަމަ އެ މަގާމުގައި ދެން ހުންނަން ޖެހޭނީ އެމްޑީޕީގެ މެމްބަރެއް ކަމަށް ގަބޫލުކުރަނީ," އޭނާ ވިދާޅުވި އެވެ.

އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ހިމެނޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްބާރުލުމާއި އެހީތެރިކަން އޭގެ އެންމެ ފުރިހަމައަށް ދިނުމެވެ.

މި ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ އަދާލަތު ޕާޓީ އޮތީ ދެ ވަނަ ދައުރަކަށް ވެސް މި ވެރިކަން ގެންނަން އެއްބާރުލުން ދޭން ތައްޔާރަށެވެ. އެމްއާރުއެމުން ކޯލިޝަން ހަދަން މަޝްވަރާތައް ކުރިޔަސް ޕާޓީއަށް ދިމާވެފައި އޮތް ގާނޫނީ ހާލަތާ މެދު ވަކި ގޮތެއް އަދި ނުނިންމަ އެވެ.

އެކަމަކު އެމްއާރުއެމްގައި ތިބެފައި ޕާޓީން ވަކިވި މެމްބަރުން ވެސް ސަރުކާރުގެ މަގާމްތަކުން ވަކިނުވާން އެ ޕާޓީން އޮތީ އިލްތިމާސްކޮށްފަ އެވެ.

ގާސިމް ކުރިން ގަބޫލުކުރީ ޖޭޕީ ސްލޮޓުގައި ތިބެ ސަރުކާރަށް ފާޑުނުކިޔޭނެ ކަމަށް!

ސަރުކާރާ ދެކޮޅަށް ނުކުތުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިސްނުމަކީ ޖޭޕީ ސްލޮޓްގައި ސިޔާސީ މަގާމްތަކުގައި ތިބެ ސަރުކާރަށް ފާޑު ނުކިޔޭނެ އެވެ.

ގާސިމް ވިދާޅުވެފައިވާ ގޮތުގައި މަގާމްތަކުގައި ތިބެ ސަރުކާރަށް ފިއްތުމާއި ދަތިތައް ކުރިމަތިކުރާ ނަމަ މަގާމްތަކުން ވަކިކުރަން ޖެހެ އެވެ. ޖުމްހޫރީ ޕާޓީން މަގާމްތަކަށް ލާފައި ތިބި މީހުން ކޯލިޝަން އެއްބަސްވުމަށް އިހްތިރާމްކުރުމެއް ނެތި ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ފާޑުކިޔައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މީހުން ވާން ޖެހޭނީ ސަރުކާރު ދަމަހައްޓާ ބައަކަށް ކަމަށާއި މަގާމްތަކުގައި ތިބެގެން ފާޑުކިއުމަކީ ރީތި ގޮތެއް ނޫން ކަމަށެވެ.

އެކަމަކު ގާސިމްގެ މި ވިސްނެވުން މިހާރު ބަދަލުކުރައްވައިފި އެވެ.

ކޯލިޝަންގައި ދެމިއޮވެ ސަރުކާރާ ދެކޮޅަށް ނުކުންނެވި ހިސާބުން އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވައި ވިދާޅުވީ ޖޭޕީގެ އެއްވެސް މެމްބަރަކު ސަރުކާރުން ވަކިކޮށްގެން ނުވާނެ ކަމަށެވެ. އެކަން އެގޮތަށް ކުރާ ނަމަ ފުރަތަމަ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. "އެހެންކަމަށް ވަންޏާ [ސްލޮޓްތައް އަތުލާ ނަމަ] ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ. އެހެން ނޫން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލަން ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރާ އެއްކޮށް މަސައްކަތްކުރަން ފުރުސަތު އޮންނާނެ

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ސަރުކާރުގެ ތެރޭގައި ތިބެގެން ކެމްޕޭން ކުރަން ދަތިވާނެކަން ކުރިން ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު އޭރު ގޮތެއް ނުނިންމައި އޮތީ ޖޭޕީން ރަސްމީކޮށް ކެމްޕޭން އިއުލާން ނުކުރައްވާތީ ކަމަށް ވިދާޅުވި އެވެ.

"އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި އިރު ވެސް އެ ތިއްބެވީ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި. ކޯލިޝަނުން ވަކިވި ކަމެއް އަންގާފައެއް މިހާތަނަށް ނެތް," މިއުވާން ވިދާޅުވި އެވެ.

"ސަރުކާރާ އެއްކޮށް މަސައްކަތް ކުރަން ތިބިއްޔާ އެ ފުރުސަތު އަދިވެސް އެ ބޭފުޅުންނަށް އޮންނާނެ. އެ ބޭފުޅުން ވެސް އަމިއްލަށް ވިސްނަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާއިރު އެ ބޭފުޅުން މަގާމުގައި ތިއްބަވާނީތޯ ނުވަތަ ނޫންތޯ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ.  -- ފޮޓޯ | ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކޯލިޝަން ރޫޅާލައި، މަގާމްތަކުގައި ތިބި އެ ޕާޓީތަކުގެ މެމްބަރުން ވަކިކުރަން ސަރުކާރުގެ ވިސްނުމެއް ނެތެވެ.

ސަރުކާރުގެ ވިސްނުމަކީ ދައުރު ނިމެންދެން ފުރަތަމަ ފަހަަރަށް ކޯލިޝަން ދެމިއޮތް ކަން ދެއްކުމެވެ. އެކަމަކު ދިމާވެފައި މިއޮތީ ސިޔާސީ ގޮތުން އަރައިރުން ބޮޑުވާނެ ހާލަތެކެވެ. ސަރުކާރުގައި ތިބި ދެ ޕާޓީއަކުން އިންތިހާބަށް ނުކުމެ ކުރިއަށް ފެންނާން އޮތީ ކެމްޕޭންގައި އެއް ބަޔަކު އަނެއް ބަޔަކަށް ދޭ ހަމަލާތަކެވެ. މި ހާލަތުގައި ކޯލިޝަން ނުރޫޅި އެކުގައި އިންތިހާބު ނިންމާލެވިދާނެތޯ ހަމަ ސުވާލު އުފެދެ އެވެ.

ކޯލިޝަން ދެމެހެއްޓިތަން ދައްކަން ސަރުކާރުން ހިފާފައިވާއިރު، ޖޭޕީން ވިޔަސް ދެން ކުރިމަތިކުރާ ފާޑުކިއުންތައް މައްސަލައެއް ނޫން ކަމަށް ދެކިގެން އިންތިހާބު ނިންމިދާނެ ހެއްޔެވެ؟