Roadha Mihaaru
އޭޝިއާގައި ވަރަށް މަދު ބައްޔެއް ރާއްޖޭން ފެނިއްޖެ

އޭޝިއާގައި ވަރަށް މަދު ބައްޔެއް ރާއްޖޭން ފެނިއްޖެ

14 ޖޫން 2023

އޭޝިޔާ ސަރަހައްދުން ވެސް މަދުން ނޫނީ ނުފެންނަ ބައްޔެއް، ރާއްޖޭގެ ފަސް މީހަކަށް ޖެހިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޝިޔާ ސަރަހައްދުން ވެސް މަދުން ނޫނީ ނުފެންނަ ބައްޔެއް، ރާއްޖޭގެ ފަސް މީހަކަށް ޖެހިއްޖެ އެވެ.

ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު. ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަދުން ނޫނީ ނުފެންނަ ބަލިތައް ރާއްޖޭގައި މަދެއް ނޫން" ކަމަށެވެ. ރާއްޖޭގައި ގޯޝޭ ނަމަކަށް ކިޔާ ވާރުތަވާ ބައްޔަކަށް ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އޭނާގެ ޓްވީޓުގައިވެ އެވެ.

ނަމަވެސް، އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ސިއްހީ މައުލޫމާތުތައް އާއްމުކޮށްފައިވާ ބައެއް ވެބްސައިޓުތަކުގައިވާ ގޮތުން ބައެއް ގުނަވަންތަކުގައި، ވަކިން ހާއްސަކޮށް ހުންކޮށި އާއި ލިވާގައި ފެޓީ މާއްދާތައް އުފެދުމުގެ ސަބަބުން ޖެހޭ ބަލި، ގޯޝޭ އެންމެ ގިނައިން ފެންނަނީ އިރުމަތީ އަދި މެދު އިރުމަތީންނެވެ.

ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ބަލި ޖެހިދާނެ އެެވެ. އަދި އެ ބަލި ޖެހޭ ގުނަވަންތައް ބޮޑުވެ މަސައްކަތްތަކަށް އަސަރުކުރާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ކަށީގެ ފެޓީ ޓިޝޫތަކުގައި މާއްދާތައް އުފެދި، ކަށިތައް ބަލިކަށިވެ، ފަޅައިގެން ދިއުމުގެ ފުރުސަތު ބޮޑުވެ އެވެ. ބޯންމެރޯއަށް އަސަރުކޮށްފި ނަމަ ލޭ މަނާވުމަށް ހުރަސް އެޅިދާނެ އެވެ.

ގޯޝޭގެ އަލާމާތްތައް

ދަށް ބަނޑަށް ތަދުވުން: ލިވާ އަދި ހާއްސަކޮށް ހުންކޮށްޓަށް މި ބަލި ޖެހި، އެ ގުނަވަންތައް ބޮޑުވެ، ބަނޑު ވެސް އާދަޔާ ހިލާފަށް ބޮޑުވުމުގެ ފުރުސަތު އޮތުން

ކަށިތަކުގައި ހުރި އުނިކަންތައްތައް: ގައުޝާ ބަލީގެ ސަބަބުން ކަށިތައް ފީވެ، ބިންދައިގެން ގޮސްދާނެ އެވެ. އޭގެ ސަބަބުން ކަށިތަކަށް ލޭ ފޯރުކޮށްދިނުމަށް ހުރަސް އެޅި، ކަށީގެ ބައިތައް "މަރު" ވުމުގެ ފުރުސަތު އެބައޮތެވެ.

ލޭގެ ބަލިތައް: އެނީމިއާ މަދުވުމުން މީހާ ވަރަށް ބޮޑަށް ވަރުބަލިވާނެ އެވެ. ގައުޝާ ބައްޔާ ހެދި ލޭ މަނާކޮށްދޭ ސެލްތަކަށް ވެސް އަސަރުކުރާތީ ފަސޭހައިން ޒަހަމްވެ، ނޭފަތުން ލޭ އައުން މެދުވެރިވާނެ އެވެ.