Roadha Mihaaru
ޑިސެބިލިޓީ އެލަވަންސް: 222 މީހަކަށް 7،000ރ.

ޑިސެބިލިޓީ އެލަވަންސް: 7،000ރ. ލިބޭ 222 މީހެއް

15 ޖޫން 2023

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެންނަ ބަދަލުތަކުން، މީހަކަށް އެންމެ ގިނައިން ލިބޭނީ 7،000ރ. ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެންނަ ބަދަލުތަކުން، މީހަކަށް އެންމެ ގިނައިން ލިބޭނީ 7،000ރ. ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 11،000 އަށް ވުރެން ގިނަ މީހުން ތިބިއިރު 7،000 ލިބެނީ 3 ޕަސެންޓް މީހުންނަށެވެ. އެއީ 98 އާއިލާގެ 222 މީހުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ އެލެވަންސްތަކަށް ގެންނަ ބަދަލުތަކުގެ ތަފްސީލުތައް ދެއްވަމުން އާސަންދައިގެ ސީއީއޯ އައްޒާމް ވަޖީހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އެންމެންނަށް ގާނޫނުގައި މިހާރު ލާޒިމްކޮށްފައިވާ 2،000ރ. އާއި މާލީ އިނާޔާތުގައި ދޭ އިތުރު 1،000ރ. އާއެކު، ޖުމްލަ 3،000ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސްތައް މި މަހުން ފެށިގެން ބޮޑުކުރާއިރު، އިތުރު ތިން އެލަވަންސެއް ވަނީ ތައާރަފްކޮށްފަ އެވެ.

އެއީ؛

- ކެއާރާ އެލަވަންސް: އިތުރު 2،000ރ.

* މި އެލަވަންސް ލިބޭނީ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީގައި އުޅޭނަމަ އެވެ. ނަމަވެސް، ސަރުކާރުން ބުނިގޮތުގައި އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތެއްގެ އެހީގައި އުޅޭ މީހަކަށް ވިޔަސް އެ އެލެވެންސް ޖަމާވާނީ ނުކުޅެދުންތެރިކަން ހުންނަ މީހާގެ އެކައުންޓަށެވެ.

- ސެލްފް ކެއާ އެލަވަންސް: އިތުރު 1000ރ.

* މިއީ އެ މީހެއްގެ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ހޯދުމަށް ދޭ އެހީ އެކެވެ. މިސާލަކަށް އެނދުމަތިވެފައިވާ މީހުންގެ ނެޕީ ފަދަ ތަކެއްޗެވެ.

- ގޭބިސީ ނުވަތަ އެއް އާއިލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތިން މީހުންނަށް ވުރެ ގިނަ ވެއްޖެނަމަ އިތުރު ކޮންމެ މީހަކަށް 1،000ރ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިިދިޔަ މަހުގެ ނިޔަލަށް 11،371 މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. އެ މީހުންނަށް މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 111.22 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

އެހެންވެ، މި މަހުން ފެށިގެން އެ އެންމެންނަށް 3،000ރ. ލިބޭނެ އެވެ. ނަމަވެސް، އެ މީހެއްގެ ހާލަތަށް ރިއާޔަތްކޮށް، އެންމެ ގިނަ ވެގެން ލިބޭނީ 7،000ރ. ކަމަށް އައްޒާމް ވިދާޅުވި އެވެ. އެކަމަކު، 7،000ރ. ގެ އިނާޔަތް ލިބޭ މީހުންގެ އަދަދު އުޅޭނީ ތިން ޕަސެންޓުގަ އެވެ. އެއީ، 222 މީހުންނެވެ.

އަލަށް ތައާރަފްކުރި އެލަވަންސްތަކުގެ ތެރެއިން، ކެއާރާ އެލަވަންސް އާއި ސެލްފް ކެއާ އަދި ގޭބިސީގެ ނިސްބަތަށް ބަލާފައި ދޭ އެލަވަންސް ވެސް ލިބޭނީ 65 އަހަރުން ދަށުގެ މީހުންނަށެވެ.

އައްޒާމް ވިދާޅުވީ 4،000ރ. ގެ އެލަވަންސް 15 ޕަސެންޓް މީހުންނަށް ލިބޭނެ ކަމަށެވެ. އެއީ 3،000ރ. އަދި އެ މީހެއްގެ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ހޯދުމަށް ދޭ އެހީ 1،000ރއާ އެކުގަ އެވެ.

އަލަށް ތައާރަފްކުރި އެލެވަންސްތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ލިބެނީ 5،000ރ.ގެ އެލަވަންސެވެ. އެއީ 3،000ރ. ގެ އެލަވަންސް އަދި އެހެން މީހެއްގެ އެހީގައި އުޅޭތީ ދޭ 2،000ރ. ގެ ކެއާއާ އެލަވަންސް ލިބޭތީ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ 15 ޕަސެންޓަށް 3،000ރ. ގެ އެލަވަންސް އާއި ކެއާއާ އެލަވަންސްގެ ގޮތުގައި 2،000ރ. އަދި ސެލްފް ކެއާ އެލަވަންސްގެ ގޮތުގައި ލިބޭ 1،000 އާއެކު މަހެއްގެ މައްޗަށް ޖުމްލަ 6،000ރ. ގެ އެލަވަންސް ލިބޭނެ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މި އަހަރަށް އެންސްޕާގެ ބަޖެޓު ކަނޑައަޅާފައިވަނީ، އަލަށް އިތުރުކުރާ އެލަވަންސްތައް ވެސް ހިމަނައިގެންނެވެ. އެހެންވެ، މި އަހަރަށް ހަމަޖެއްސި 341 މިލިއަން ރުފިޔާގެ ބަޖެޓުން އާ އެލަވަންސްތައް ވެސް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ބޮޑުކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުން ކަމަށެވެ.