Roadha Mihaaru
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް

ފަގީރުންނާއި މުއްސަނދިންނަށް އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް ހަދަނީ

22 ނޮވެމްބަރ 2022

ފަގީރުންނާއި މުއްސަނދިންނަށް މިހާރު އެއްހަމައަކުން އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފަގީރުންނާއި މުއްސަނދިންނަށް މިހާރު އެއްހަމައަކުން އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެހެން ވިދާޅުވީ، ރާއްޖޭގެ ސޯޝަލް ޕްރޮޓެކްޝަން ފްރޭމްކޯއާ ގުޅޭގޮތުން ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހުރި ކަންކަމުގެ މަޝްވަރާ ކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ބޭފުޅުންނާއެކު، ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިސްވެރިންނާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ (ވ) -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިސްވެރިންނާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ (ވ) -- ފޮޓޯ: މަޖިލިސް

ޖެންޑާ މިނިސްޓަރު ވިދާޅުވީ، ފަގީރުންނާއި މުއްސަނދިންނަށް އެއްހަމައަކުން އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ ގޮތުން "ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލު" އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް ނުވަތަ އާސަންދަ މިހާރު ދެނީ ވަކި ފަންތިއަކަށް ބެލުމެއް ނެތި އެއްހަމައަކުންނެވެ. ދައުލަތުން ދޭ އެހެން ހުރިހާ ސަބްސިޑީއެއް ވެސް ދެނީ އެ އުސޫލުންނެވެ. އެހެންވެ، އެ ކަންކަމަށް ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ހަރަދު، އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.

ރާއްޖޭގައި ސަބްސިޑީ ދެމުން އަންނަ އުސޫލު ބަދަލުކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން ވޯލްޑް ބޭންކުން ވެސް ލަފާދީފައި ވެ އެވެ. އެހެންވެ، ދައުލަތުން ވަނީ ސަބްސިޑީ ދެމުން އަންނަ އުސޫލު ބަދަލުކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނައިފަ އެވެ.

ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޖީޑީޕީ މިއޮތް ގޮތުން އެބަޖެހޭ ނިންމަން، އަޅުގަނޑުމެންގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ކިހިނެއްތޯ ދޭނީ. އެންމެ ފަގީރު މީހާއަށް ވެސް ނުވަތަ އެފްލޯގައި އެތިބޭ ކޮންމެ މީހަކަށް ލިބެނީ ކިހާވަރަކަށްތޯ: ޖެންޑާ މިނިސްޓަރު

"ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލު" ގާނޫނަކަށް ވުމުން ބޮޑެތި ބަދަލުތަކެއް އައިސް، ދައުލަތުން ކުރަން ޖެހޭ ހަރަދަށް ވެސް ލުއިތަކެއް ލިބޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޔަގީންކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިސްވެރިންނާއި ޖެންޑާ މިނިސްޓަރާ ބައްދަލުކުރެއްވުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިސްވެރިންނާއި ޖެންޑާ މިނިސްޓަރާ ބައްދަލުކުރެއްވުން -- ފޮޓޯ: މަޖިލިސް

"ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޖީޑީޕީ މި އޮތް ގޮތުން އެބަޖެހޭ ނިންމަން، އަޅުގަނޑުމެންގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ކިހިނެއްތޯ ދޭނީ. އެންމެ ފަގީރު މީހާ އަށް ވެސް ނުވަތަ އެފްލޯގައި އެ ތިބޭ ކޮންމެ މީހަކަށް ލިބެނީ ކިހާވަރަކަށްތޯ،" އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.

"ވަޒީފާ އަދާކުރާ އުމުރުފުރައިގެ މީހާ މިހާރު ޕެންޝަނަށް ކޮންޓްރިބިއުޓް ކުރާ އުސޫލުން ހަމަ ހެލްތަށް ވެސް ކޮންޓްރިބިއުޓް ކުރަން ވާނެ. ނޫނީ އެންމެ މުއްސަނދި މީހުން، އާންމު ވަޒީފާ އަށް ވުރެ މަތީގައި އުޅޭ މީހުން، ރިސޯޓް އޯނަރުންނަކަށް އޭރަށް މި ބުނާ އިންޝުއަރެންސަކުން އެކްސެސްއެއް ނުވެވޭނެ."

މިހާރުގެ ހާލަތު އޮތް ގޮތުގެ މިސާލެއް ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޭނުންވާ ފަރުވާ އައިޖީއެމްއެޗުގައި ނުދެވިގެން ބައެއް މީހުން އޭޑީކޭ ކަހަލަ ހޮސްޕިޓަލަށް ގެންދާއިރު، ބަލި މީހާ އަކީ ފަގީރު މީހެއް ނަމަ އޭނާ އަށް ދޭން ޖެހޭ ފަރުވާ ދިނުމަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. އާސަންދައާ އެކު އޭޑީކޭ އިން އެއްބަސްވެފައި އޮންނަ އަގުތަކުން ބަލި މީހާ އަށް ފަރުވާނުދެވޭ ތަން އާދެ އެވެ.

"ދެން މި ޖެހެނީ މެޑިކަލް ވެލްފެއާ އަށް ލާން. މެޑިކަލް ވެލްފެއާގައި މިހާރު އޮންނަ ގޮތުން ވެސް ވަކިވަރެއް މި ދެނީ. ބައެއް މީހުން 400،000ރ. ނުދެއްކިގެން އަޅުގަނޑުމެން އެބަޖެހޭ އެ ފައިސާ ދެއްކޭނެ ގޮތެއް ހޯދަން،" ކަންބޮޑުވުމާއެކު މިނިސްޓަރު ވިދާޅުވި އެވެ.

"ރަނގަޅު އިންޝުއަރެންސް ސްކީމެއް އޮންނަ ނަމައީ މިކަން ކުރެވޭނެ. އެއިރަށް ސަރުކާރަށް ނުޖެހޭ ދެއްތޯ އެހެން ކަންކަން ކުރަން ހުންނަ ފައިސާ އޭޑީކޭ އަށާއި ޓްރީޓޮޕަށް ދެމުން ގެންދާކަށް."

އާއިޝަތު މުހައްމަދު ދީދީ ވިދާޅުވިގޮތުގައި، "ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލް" ގާނޫނަކަށް ވުމުގެ ކުރިން އެ އަށް އެހެން އިދާރަތަކާއި އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯކްގެ ތަފުސީލު

"ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯކް" އެއް އެކުލަވާލުމަކީ މި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ. މިއަދުގެ ބައްދަލުވުމުގައި އެ ފްރޭމްވޯކް އެކުލަވާލުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރި އެވެ.

އެ ފްރޭމްވޯކް އެކުލަވައިލަނީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ، އެ ދާއިރާ ތަރައްގީކޮށް، ދިވެހިންނަށް އެންމެ އެދެވޭ ގޮތެއްގައި އެހީ ފޯރުކޮށްދީ، ފަގީރު ހާލުގައި ދިރިއުޅޭ މީހުންނާއި އެ ހާލަތަށް ހުށަހެޅިދާނެ މީހުން ހިމެނޭހެން، ފަގީރުކަމުގެ ލޮޅުންތަކުން ހުރިހާ ދިވެހިންނަށް ރައްކާތެރިކުރުވޭ ނިޒާމެއް ގާއިމުކުރުމަށް.

• ވޯލްޑް ބޭންކްގެ ކޮވިޑް އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯކް އެކުލަވައިލުމަށް، ތަޖުރިބާކާރު ޓެކްނިކަލް ކޮންސަލްޓަންޓެއް ކަނޑައަޅައި މިދިޔަ އަހަރު ޖޫންގައި މަސައްކަތް ފެށި.

• އެ މަސައްކަތް ކޮށްފައި ވަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކައުންސިލުތަކާއި އަމިއްލަ ޖަމިއްޔާތަކާ ވެސް މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށްގެން.

• ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް، ރާއްޖެއަށް އެންމެ އެކަށޭނެ ގޮތަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ ތަރައްގީކޮށް ބައްޓަންކުރުމަށް މަގު ދައްކައިދޭ ފްރޭމްވޯކަކަށް ވާނެ.

"ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯކް" ތައްޔާރުކުރުމުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް، އިނގިރޭސި ވިލާތުގެ ސްޓީވް އޭޝްލީއާ.