Roadha Mihaaru
ހުޅަނގު އައްސޭރީގައި ޔަހޫދީ އިތުރު އާބާދީތައް ހަދަނީ

ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދަން ހުއްދަ ދީފި

19 ޖޫން 2023

އިޒްރޭލު ސިފައިން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން ހުޅަނގު އައްސޭރީގައި، އިތުރު ޔަހޫދީ އާބާދީތައް ހެދުމުގެ މަޝްރޫއަށް، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ކެބިނެޓުން އިއްޔެ ރުހުންދީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފި އެވެ.

އިޒްރޭލު ސިފައިން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން ހުޅަނގު އައްސޭރީގައި، އިތުރު ޔަހޫދީ އާބާދީތައް ހެދުމުގެ މަޝްރޫއަށް، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ކެބިނެޓުން އިއްޔެ ރުހުންދީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފި އެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޕާޓީތަކުން ހުށަހެޅި މަޝްރޫއުގައިވާ ގޮތުން، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް 4560 ހައުސިން ޔުނިޓް އިމާރާތްކުރާނެ އެވެ. ހުޅަނގު އައްސޭރިއަކީ ބާރުގެ ބޭނުންކޮށްގެން އިޒްރޭލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމަކަށް ވާތީ، އެފަދަ ބިމެއްގައި އިޒްރޭލުން ގެދޮރު އިމާރާތްކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތައް މަނާކުރާ ކަމެކެވެ.

ނަތަންޔާހޫގެ ކެބިނެޓުން މި މަޝްރޫއަށް ހުއްދަ ދިނީ، ހުޅަނގު އައްސޭރީގައި ގެދޮރު ބިނާކުރުމުގެ ހުއްދަ ދިނުމުގައި އިޒްރޭލުގައި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އިޖުރާއާތުތައް ފުރިހަމަ ނުކޮށް އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ބާރު، ހަރުކަށި މާލީ ވަޒީރު ބެޒާލީލް ސްމޮޓްރިޗް އަށް ދީފަ އެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ މާލީ ވަޒީރުގެ ބެލުމުގެ ދަށުންނެވެ.

ކެބިނެޓްގެ އެ ނިންމުމާ ގުޅިގެން މާލީ ވަޒީރު ވިދާޅުވީ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް އިތުރުކޮށް، ހުޅަނގު އައްސޭރީގެ މައްޗަށް އޮންނަ އިޒްރޭލުގެ ކޮންޓްރޯލް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. ގާނޫނާ ޚިލާފަށް ހިންގާ މި މަޝްރޫއާ އެކު، ހުޅަނގު އައްސޭރީގައި އަނެއްކާ ވެސް އިތުރު ހަމަނުޖެހުންތަކެއް އުފެދޭނެ ކަމަށް، އެކި ފަރާތްތަކުން މިހާރު ވެސް ވަނީ ބުނަން ފަށައިފަ އެވެ.

"މިއީ ހުޅަނގު އައްސޭރި އިޒްރޭލާ އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތް ފުރިހަމަކުރުމަށް ހިންގާ ވަރަށް ނުރައްކާތެރި ހަރަކާތެއް،" ފަލަސްތީނުގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ގާޒާގައި 2007 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނި ގޮތުގައި އިޒްރޭލުގެ އެ މަޝްރޫއުގެ ސަބަބުން މެދުއިރުމަތީ ސަރަހައްދަށް ކުރިމަތިވާނީ އިތުރު ނުރައްކާތަކާއި ހަމަނުޖެހުންތަކެވެ. ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތަހް ޖަމާއަތުން ބުނި ގޮތުގައި، މީގެ ކުރިން ގާޒާ އިން ޔަހޫދީ ވަޒަންވެރިން ފަހައި ބޭރުކުރި ގޮތަށް، ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރާ ޔަހޫދީން ވެސް އެ ސަރަހައްދުން ފަހައި ބޭރުކުރާނެ އެވެ.

ނަތަންޔާހޫގެ ލީކޫޑް ޕާޓީން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ އިސްކަންދީގެން ފުއްދަން ބޭނުންވާ ވައުދަކީ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް އިތުރުކުރުމުގެ ވައުދެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް އިމާރާތްކުރާ ސަރަހައްދުތަކުގެ ތެރޭގައި، ޖަލީލް، ނަގަބް، ގޯލާންގެ އުސް ބިންތައް، ޖޫޑިއާ އާއި ސާމިރާ ވެސް ހިމެނެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވުމަށް ފަހު، ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގައި 7000 ހައުސިން ޔުނިޓްގެ ޔަހޫދީ އާބާދީއެއް ތަރައްގީކުރުމުގެ މަޝްރޫއެއް ފަށައިފަ އެވެ. މީގެ ކުރިން ހުޅަނގު އައްސޭރީގައި އިޒްރޭލުން ބިނާކޮށްފައިވާ 250 ޔަހޫދީ އާބާދީގައި، ގާތްގަނޑަކަށް 750000 ޔަހޫދީން މިހާރު ވެސް ދިރިއުޅެމުންދެ އެވެ.