Roadha Mihaaru
ފަލަސްތީނު މީހަކު ވެހިކަލެއްގެ ބޮނެޓް މަތީ އައްސާފައި!

ޒަހަމްވެފައި އޮތް ފަލަސްތީނު މީހަކު ވެހިކަލެއްގެ ބޮނެޓް މަތީ ބަނދެފައި ބާއްވައިގެން ދުއްވައިފި

23 ޖޫން 2024

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަލަސްތީނު މީހަކު ޒަހަމްވެފައި އޮއްވައި ސިފައިންގެ ޖީޕްގެ ބޮނެޓް މަތީގައި ބަނދެފައި ބާއްވައިގެން ދުއްވައިފި އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަލަސްތީނު މީހަކު ޒަހަމްވެފައި އޮއްވައި ސިފައިންގެ ޖީޕްގެ ބޮނެޓް މަތީގައި ބަނދެފައި ބާއްވައިގެން ދުއްވައިފި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯ އާންމުވުމާ އެކު އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ހިނގާފައިވާ ހާދިސާއެއް ކަމަށާއި އެކަން ކުރި މީހުން ޕްރޮޓޮކޯލްތަކާ ހިލާފް ވެފައިވާ ކަމަށެވެ.

ބަޔާނުގައި ބުނި ގޮތުގައި ވެހިކަލްގައި އައްސާފައި އޮތް މީހާ އަކީ ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ސިފައިންގެ ރެއިޑްގައި ހައްޔަރުކުރި މީހެއް ކަމަށެވެ. އެ މީހާ ޒަހަމްވެފައި އޮތީ ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި ކަމަށް ވެސް ބުންޏެވެ.

ވީޑިއޯއިން ފެންނަ މީހާގެ އާއިލާއިން ބުނީ އެ މީހާ ޒަހަމްވުމުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަން އެދުމުން ސިފައިން އޭނާ ގެންގޮސް ވެހިކަލްގައި އެގޮތަށް އެއްސީ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ ރެޑް ކްރެސެންޓުގެ ޓްރީޓްމަންޓް ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ކެނޑިނޭޅި ދެމުން ގެންދާ ހަމަލާތަކުގައި ލާއިންސާނީ އެތައް އަމަލެއް ހިންގަމުން އަންނަ އިޒްރޭލުން ބުނީ މި ހާދިސާ ތަހުގީގުކުރާނެ ކަމަށެވެ.

"މި ވީޑިއޯގައި ސިފައިން އަމަލުކުރާތީ ފެންނަ ގޮތަކީ ސިފައިން ގަބޫލުކުރާ ހަމަތަކާއި އުސޫލު ސާބިތުކޮށްދޭ ކަމެއް ނޫން. މި ހާދިސާ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" ބަޔާނުގައިވެ އެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހުޅަނގު އައްސޭރީގައި ދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފަ އެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިން ވެސް މިފަދަ ހަމަލާތަކާއި ރެއިޑްތަކުގައި ފަލަސްތީނުގެ 480 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް އދ. އިން ބުނެފައިވެ އެވެ. ޣައްޒާގެ ހަމަލާތައް ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ 37،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.