Roadha Mihaaru
ޖަނާޒާއަށް ދާ މީހުންނަށް ޖާގަ އިތުރުކޮށްދީ ބޮޑު ލުޔެއް

އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުންނަށް ޖާގަ އިތުރުކޮށްދީ، ބޮޑު ލުޔެއް

20 ޖޫން 2023

ޖަނާޒާއަށް އާ ސަހަރާ އަށް ދާ މީހުން މަޑުކުރުމަށް ހާއްސަ ތިން ލައުންޖެއް ހަދާނެ ކަމަށާއި އެއްފަހަރާ 105 މީހުންނަށް އެ ތިން ތަނުގައި ތިބެވޭނެ ގޮތް ހަދައި މިހާރު ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޖަނާޒާއަށް އާ ސަހަރާ އަށް ދާ މީހުން މަޑުކުރުމަށް ހާއްސަ ތިން ލައުންޖެއް ހަދާނެ ކަމަށާއި އެއްފަހަރާ 105 މީހުންނަށް އެ ތިން ތަނުގައި ތިބެވޭނެ ގޮތް ހަދައި މިހާރު ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އާ ސަރަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހު ފަހުކޮޅު އެވެ. އެ ކައުންސިލުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ދެ މަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ސިޓީ ކައުންސިލްގެ މެމްބަރު އަދި އާ ސަހަރާއަށް ގެންނަ ބަދަލާ ގުޅޭ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި އާދަމް ރަމީޒް "މިހާރު" އަށް ވިދާޅުވީ، ދެ ބުރީގެ އިތުރު އިމާރާތެއް ހަދައި ކޮންމެ ލައުންޖެއްގައި 35 މީހުންނަށް އެއްފަހަރާ ތިބެވޭނެ ގޮތް ހަދާނެ ކަމަށެވެ. އެއް ލައުންޖު ހާއްސަ ކުރަން ނިންމާފައި ވަނީ ވީއައިޕީ ތަނެއްގެ ގޮތުގަ އެވެ.

"އެ ދެ ބުރީގެ އިމާރާތުގެ މަތީގައި އަންހެންވެރިންނަށް ނަމާދު ކުރެވޭނެ ހާއްސަ ބައެއް ހުންނާނެ. އެ ބައި ހުންނާނީ މިސްކިތާ ވެސް ގުޅިފައި. މިހާރު ނަމަ އަންހެންވެރިން ނަމާދު ކުރަން ވެސް މި ޖެހެނީ ޖަނާޒާ އަށް އަންނަ މީހުން މަޑުކުރާ ތަނުގައި. އެ އިމާރާތުގެ ތެރޭގައި ހިނެވުމާއި މޫނު ދެއްކުން ވެސް ކުރިއަށް ގެންދަނީ. ޖަނާޒާ އަށް ދާ މީހުން އިށީނދެލައިގެން ތިބޭނެ ތަނެއް ވެސް ނެތް،" ރަމީޒު ވިދާޅުވި އެވެ.

"އެކަމަކު ދެ ބުރީގެ އާ އިމާރާތް ހެދުމުން ޖާގަ އަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ."

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ރަމީޒް: އާ ސަހަރާގެ ބަދަލު އާންމުންނަށް ކަމުދާނެ ކަމަށް އުންމީދު ކުރައްވާ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ރަމީޒް: އާ ސަހަރާގެ ބަދަލު އާންމުންނަށް ކަމުދާނެ ކަމަށް އުންމީދު ކުރައްވާ.

ދެ ބުރީގެ އިމާރާތުގައި މަޑުކޮށްލައިގެން ލައުންޖުތައް ހަދަނީ މީހުން ވަޅުލާ މަންޒަރު ވެސް އަންހެނުންނަށް ފެންނަ ގޮތަށެވެ. ސަހަރާ ސަރަހައްދު ފެންނަ ގޮތަށް އެ އިމާރާތުގައި ހުންނާނީ ބިއްލޫރި ޖަހައިފަ އެވެ.

ކޮންމެ ލައުންޖެއްގައި ދެ ޖިންސުގެ މީހުންނަށް ހާއްސަ ދެ ފާހާނާ އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ފާހާނާ ހުންނާނެ އެވެ.

"ބްރެސްޓް ފީޑްކުރާ މީހުންނަށް ވެސް ހާއްސަ ތަނެއް ހުންނާނެ. އަޅުގަނޑުމެން ޑިޒައިން ކުރީ އެ ހުރިހާ ކަމަކަށް ވެސް ވިސްނައިގެން،" ރަމީޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ނިންމާފައި ވަނީ އާ ސަރަހާގެ މިސްކިތުގެ ޖާގަ ވެސް ބޮޑު ކުރާށެވެ. މިސްކިތުގެ ގްރައުންޑް ފްލޯ އަށް 70 ޖާގަ އިތުރުވާނެ އެވެ. އަލަށް އިތުރު ކުރާ ދެ ބުރީގެ އިމާރާތުގައި އަންހެނުން ނަމާދުކުރާ ބައި ހުންނާނީ މިސްކިތާ ގުޅިފައި ކަމަށްވާއިރު އެއީ 120 ޖާގަ އެވެ.

އާ ސަހަރާގެ މިސްކިތުގައި މިހާރު އެއްފަހަރާ ނަމާދު ކުރެވެނީ 120 މީހުންނަށެވެ. އެހެންވެ، ފިރިހެނުން އެކަނި ނަމާދު ކުރާ ނަމަ އެއްފަހަރާ 190 މީހުންނަށް މިސްކިތުގައި ނަމާދު ކުރެވޭނެ އެވެ. ކަށުނަމާދުގައި ބައިވެރިވާ އަންހެނުންނާ އެކު ނަމަ 310 އަށް އަރަ އެވެ.

އާ ސަހަރާގެ އިމާރާތަށް ބަދަލު ކުރުމުގެ މަސއްކަތް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާ ސަހަރާގެ އިމާރާތަށް ބަދަލު ކުރުމުގެ މަސއްކަތް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މިސްކިތަށް މި އިތުރު ވަނީ ވަރަށް ބޮޑު ޖާގައެއް. ކަށުނަމާދު ކުރަން ބޭނުންވާ އަންހެނުންނަށް ހާއްސަ ބައެއް އިތުރު ކުރުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އެ ޖާގަ ކުޑަކަމުގެ ޝަކުވާ އަބަދުވެސް ކުރޭ. އެކަމަކު، އަންހެނުންނަށް ހާއްސަކޮށްގެން 120 ޖާގަ ހެދުމަކީ ރަނގަޅު ބަދަލެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ރަމީޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ރާވާފައިވާ ގޮތުން އާ ސަހަރާ އަށް ގެންނަ ބަދަލު ނިމުމުން ސަންދޯއް ހިފައިގެން އެމްބިއުލާންސް ނުވަތަ ވެހިކަލް ވެސް ވަންނާނީ ސަހަރާގެ ފުރަގަސް ގޭޓުންނެވެ. އޭރުން މިހާރުގެ މައި ގޭޓު ބޭނުންކުރާނީ ހަމައެކަނި މިސްކިތަށް ނަމާދަށް ދާ މީހުންނާއި ޖަނާޒާ އަށް ހާޒިރުވާ މީހުންނެވެ.

އާ ސަހަރާގެ އިމާރާތަށް ބަދަލު ކުރުމުގެ މަސއްކަތް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާ ސަހަރާގެ އިމާރާތަށް ބަދަލު ކުރުމުގެ މަސއްކަތް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެން މި ގެންނަނީ ވަރަށް ބޮޑު ބަދަލެއް. މީހަކު މަރުވުމަކީ އާއިލާ އަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތި ކަންތައް. އެންމެންގެ ތެރޭގައި އެކަން އެކްސްޕޯޒް ކުރަން އެންމެން ބޭނުން ނުވާނެ. އާއިލާއާ ވަކިން ތިބެން ބޭނުންވާނެ. ލައުންޖުތަކާއި ޖާގަ ބޮޑުވީމާ އެ ފަސޭހަ ވެސް ވާނެ،" ރަމީޒު ވިދާޅުވި އެވެ.

މިހާރު މީހުން ހިނަވަން ބޭނުންކުރާ އިމާރާތަށާއި ދޮޅިދާންގެ އަށް ބަދަލެއް ނުގެނެ އެވެ. މީހުން ވަޅުލާ ސަރަހައްދަށް ވެސް ބަދަލެއް ނުގެންނާނެ އެވެ. ހަމައެކަނި ބޭނުންވީ ޖަނާޒާ އަށް ދާ މީހުން މަޑުކޮށްލައިގެން މީހުން ތިބޭނެ ޖާގަ އާއި މިސްކިތުގެ ޖާގަ އިތުރު ކުރުމެވެ.

ރަމީޒު ވިދާޅުވީ، އާ ސަހަރާ އަށް ދާ މީހުން ތިބޭނެ ޖާގަ އާއި މިސްކިތުގެ ޖާގަ އިތުރު ކުރުމަށް މިހާތަނަށް އެއްވެސް ކައުންސިލަކުން ކަމެއް ނުކުރެވުނަސް މިހާރުގެ ކައުންސިލަށް އެ ދަތިތަށް ވަރަށް ބޮޑަށް އިހުސާސްވާ ކަމަށެވެ.