Roadha Mihaaru
ސްކޮލާސް ކަޕް ސީނިއާ ބައިން އެއްވަނަ ވިލާ ހައި ސްކޫލު

ސްކޮލާސް ކަޕްގެ ސީނިއާ ބައިން ދުނިޔެއިން އެއްވަނަ ވިލާ ހައި ސްކޫލުގެ ތިން ދަރިވަރުންނަށް

29 ޖޫން 2023

މުޅި ދުނިޔެއަށް ހުޅުވާލައިގެން ބޭއްވި ސްކޮލާސް ކަޕްގެ ސީނިއާ ބައިން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންތަކެއް އެއް ވަނަ ހޯދައިފި އެވެ. މިއީ، މި މުބާރާތުން ރާއްޖެއިން އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުޅި ދުނިޔެއަށް ހުޅުވާލައިގެން ބޭއްވި ސްކޮލާސް ކަޕްގެ ސީނިއާ ބައިން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންތަކެއް އެއް ވަނަ ހޯދައިފި އެވެ. މިއީ، މި މުބާރާތުން ރާއްޖެއިން އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

ގަތަރުގެ ދޯހާގައި މި މަހުގެ 22 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ބޭއްވި ގްލޯބަލް ރައުންޑުގައި 30 އަށްވުރެ ގިނަ ގައުމުން 6،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.

ކޮންމެ ފަހަރަކު ވެސް ސްކޮލާސް ކަޕް ބާއްވަނީ ވަކި ހާއްސަ ތީމަކަށެވެ. އެ މުބާރާތުގެ ތެރޭގައި ބާއްވާ އިލްމީ ހުރިހާ ހަރަކާތެއް ވެސް އޮންނާނީ އެ ތީމަކާ ގުޅުވާލައިފަ އެވެ. އެގޮތުން މި އަހަރުގެ ތީމަކަށް ކަނޑައަޅާފައިވަނީ "ސަސްޓެއިނަބިލިޓީ، ޕްރޮޑަކްޓިވިޓީ، އިނޮވޭޝަން، ކޮލަބްރޭޝަން، އެކްސެލެންސް އެންޑް ސޭފްޓީ" އެވެ.

ބަހުސާއި ކުއިޒް އަދި ލިޔުންތެރިކަން އޮންނާނީ އެ ތީމުގެ މައްޗަށެވެ.

ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ 14 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ސީނިއާ ޑިވިޝަންގައި 3،600 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށެވެ.

ސްކޮލާސް ކަޕްގައި ބައިވެރިވި ވިލާ ހައި ސްކޫލު ދަރިވަރުން، ތައްޜާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ވިލާ ހައި ސްކޫލު

ސްކޮލާސް ކަޕްގައި ބައިވެރިވި ވިލާ ހައި ސްކޫލު ދަރިވަރުން، ތައްޜާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ވިލާ ހައި ސްކޫލު

އެ ހުރިހާ ކަމެއް ވެސް ގެންދާނީ ތިން ދަރިވަރުން ހިމެނޭ ޓީމުންނެވެ. ބާރަ ދަރިވަރުންނާއެކު ގްލޯބަލް ރައުންޑުގައި ވިލާ ހައި ސްކޫލުގެ ހަތަރު ޓީމު ބައިވެރިވި އެވެ. އެ ޓީމުތަކުން ވަނީ ރަން 26 މެޑަލް އަދި ރިހި 48 މެޑަލް ހޯދައިފަ އެވެ.

ހަރަކާތްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ސީނިއާ ބައިން އެއްވަނަ ހޯދީ އައިޝަތު ރާޔާ ނިމާދު، އައިޝާ ކާޔާ ރިފާއީ އަދި ފާތިމަތު ރައުމް މުހުތާރުގެ ޓީމުންނެވެ. މި މުބާރާތުގެ އެއްވަނަ ރާއްޖެއިން ހޯދި ފުރަތަމަ ފަހަރަށް ވިޔަސް، ރާއްޖޭގެ ބައެއް ސްކޫލުތަކުން ކޮންމެ އަހަރަކު ވެސް ސްކޮލާސް ކަޕްގައި ބައިވެރިވެ އެވެ.

ސްކޮލާސް ކަޕުން އިންޑިވިޖުއަލް ބައިން 13 ވަނަ ހޯދި ނާއިފް.-- ފޮޓޯ: ވިލާ ހައި ސްކޫލު

ސްކޮލާސް ކަޕުން އިންޑިވިޖުއަލް ބައިން 13 ވަނަ ހޯދި ނާއިފް.-- ފޮޓޯ: ވިލާ ހައި ސްކޫލު

ރާޔާ އާއި ކާޔާ އަދި ރައުމްގެ ޓީމުން ވަނީ ކުއިޒް ސުވާލުތައް ކުރާ ބޮލް ޗެލެންޖިން ދެ ވަނަ އަދި މަލްޓިޕްލް ޗޮއިސް ސުވާލުތައް ހިމެނޭ ޗެލެންޖުން ފަސް ވަނަ ހޯދައިފަ އެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ 13 ވަނަ މަގާމު، ވިލާ ހައި ސްކޫލުގެ ނާއިފް މުހައްމަދަށް ލިބިފައިވެ އެވެ.

ސްކޮލާސް ކަޕްގެ ފައިނަލް ބުރު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު އެމެރިކާގެ މަޝްހޫރު ޔޭލް ޔުނިވާސިޓީގަ އެވެ. ފައިނަލަށް ވިލާގެ ހުރިހާ ޓީމެއް ކޮލިފައިވިޔަސް، ދަރިވަރުންގެ އިމްތިހާނު ކައިރިވުމުން އެ ބުރުގައި ބައިވެރިނުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ވޯލްޑް ސްކޮލާސް ކަޕަކީ އެމެރިކާގެ ކުންފުންޏަކުން 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.