Roadha Mihaaru
ވޯލްޑް ސްކޮލާސް ކަޕަށް ދިވެހި ދަރިވަރުން ތައްޔާރުވަނީ

ވޯލްޑް ސްކޮލާސް ކަޕަށް ދިވެހި ދަރިވަރުން ތައްޔާރުވަނީ

07 ޖޫން 2018

ދުނިޔޭގެ އެތައް ހާސް ދަރިވަރުންނެއް ވާދަކުރާ އިލްމީ ގިނަ ބައިތަކެއް ހިމެނޭ ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑްގައި ބައިވެރިވާ ރާއްޖޭގެ ޓީމުތައް އެކަމަށް ތައްޔާރުވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުނިޔޭގެ އެތައް ހާސް ދަރިވަރުންނެއް ވާދަކުރާ އިލްމީ ގިނަ ބައިތަކެއް ހިމެނޭ ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑްގައި ބައިވެރިވާ ރާއްޖޭގެ ޓީމުތައް އެކަމަށް ތައްޔާރުވާން ފަށައިފި އެވެ.

މެލޭޝިިއާގައި ޖޫން 18 އިން 23 އަށް ބާއްވާ ގްލޯބަލް ރައުންޑަށް ރާއްޖެ އިން 15 އަށް ވުރެ ގިނަ ޓީމު ވަނީ މާލޭގައި އޮތް ރީޖަނަލް ރައުންޑުން ކޮލިފައި ވެފަ އެވެ. ކޮންމެ ޓީމެއްގައި ހިމެނެނީ ތިން ދަރިވަރުންނެވެ.

މާލޭގައި ބޭއްވި ރީޖަނަލް ރައުންޑްގައި ޣިޔާސުއްދީނާއި ބިލަބޮންގާއި ގޭޓްވޭ އިންޓަނޭޝަނަލް ހައި ސްކޫލާއި އަހުމަދިއްޔާ އަދި ވިލާ ހައި ސްކޫލްގެ ޓީމުތައް ބައިވެރިވި އެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ބޭނުމަކީ ދުނިޔޭގައި ހިނގާ ކަންތައްތައް ދަރިވަރުން ދަސްކޮށްދީ އެކަންކަމަށް ލޯ ހުޅުވައިދިނުން ކަމަށެވެ.

"އެންމެ ބޮޑު ކަމަކަށް ފާހަގަކުރެވެނީ، އެފަދަ މުބާރާތްތަކުން ދުނިޔޭގައި ހިނގާ މުހިއްމު އަދި ބޮޑު ކަންކަމަށް ހޭލުންތެރިވެގެން ދާނެ. ކަންތައްތަކެއް ދަސްކުރެވި، އެފަދަ ބޮޑު މުބާރާތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރާނެ،" ތޯހާ ވިދާޅުވި އެވެ.

ޖުމްލަ 10 ޓީމު ބައިވެރިވާ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ގްލޯބަލް ރައުންޑުން ރަނގަޅު ކާމިޔާބީތަކެއް ހޯދަން ދަރިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މައުލޫމާތުތައް ހޯދައި މުބާރާތައް ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަނީ. ތައްޔާރުވުމުގެ ތެރޭގައި ދަރިވަރުންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވާނެ،" ސައީދު ވިދާޅުވި އެވެ.

ބްލޯބަލް ރައުންޑުގައި މި އަހަރު 36 ގައުމަކުން 3550 ދަރިވަރުން ބައިވެރިވެ އެވެ. މިއީ ސްކޮލާސް ކަޕްގެ 11 އަހަރުގެ ތާރީހުގައި އެންމެ ގިނަ ދަރިވަރުން ވާދަކުރާ ބުރެވެ.

ޣިޔާސުއްދީން ސްކޫލްގެ ބައެއް ޓީމުތައް ވަނީ މީގެ ކުރިން ބައިވެރިވި ސްކޮލާސް ކަޕްގެ ފައިނަލުން ރަން މެޑަލް ވެސް ހޯދައިފަ އެވެ.

ފައިނަލް ރައުންޑް އޮންނާނީ ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓީއެއް ކަމަށްވާ އެމެރިކާގެ ޔޭލް ޔުނިވަސިޓީގަ އެވެ.

ވޯލްޑް ސްކޮލާސް ކަޕަކީ އެމެރިކާގެ ކުންފުންޏަކުން 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެ މުބާރާތުގައި ތަފާތު މައުލޫއުތަކަށް ބަހުސްކުރުމާއި އެކި މާއްދާތަކާ ގުޅޭ ކުއިޒާއި އަދަބީ ހަރަކާތްތަައް އޮވެ އެވެ.