Roadha Mihaaru
ކަރަންޓުގެ ޓެރިފް ރޭޓުތައް ޒަމާނަކަށް ނުފެތޭ!

ކަރަންޓުގެ ޓެރިފް ރޭޓުތައް ޒަމާނަކަށް ނުފެތޭ، ބަދަލުކުރަން ވެއްޖެ!

03 ޖުލައި 2023

މާލޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ ކަރަންޓް ބިލްގެ އެވްރެޖް މަހަކު 1500ރ. އަށް ވުރެ ބޮޑެވެ. އެޕާޓްމަންޓްގައި ހުންނަނީ ދެ އޭސީ އާއި ގެއަކަށް ބޭނުންވާ އަސާސީ އެހެނިހެން ސާމާނެވެ. އެކަމަކު، ކަރަންޓް ބިލު ބޮޑުވެ، އާންމުންގެ ޝަކުވާތަކަށް ލުޔެއް ނެތެވެ. އަސާސީ ހިދުމަތަކަށް ވާއިރު، އެ ހިދުމަތުގެ އަގު އެހާ ބޮޑުވެ، އާންމުންގެ ޝަކުވާ އަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ ކަރަންޓް ބިލްގެ އެވްރެޖް މަހަކު 1500ރ. އަށް ވުރެ ބޮޑެވެ. އެޕާޓްމަންޓްގައި ހުންނަނީ ދެ އޭސީ އާއި ގެއަކަށް ބޭނުންވާ އަސާސީ އެހެނިހެން ސާމާނެވެ. އެކަމަކު، ކަރަންޓް ބިލު ބޮޑުވެ، އާންމުންގެ ޝަކުވާތަކަށް ލުޔެއް ނެތެވެ. އަސާސީ ހިދުމަތަކަށް ވާއިރު، އެ ހިދުމަތުގެ އަގު އެހާ ބޮޑުވެ، އާންމުންގެ ޝަކުވާ އަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

ކަރަންޓް ބިލްތައް ބޮޑުވުމުގެ އެއް ސަބަބަކީ، ކަރަންޓަށް އަގު ނަގަމުން އަންނަ އުސޫލެވެ. ކުރިއާ ހިލާފަށް ކަރަންޓް ބޭނުންކުރާ ސާމާނަށް ހިނގާ ކަރަންޓް ހަރަދު ވެސް ބޮޑެވެ. އަދި، ކުރިއާ ހިލާފަށް ކަރަންޓް ބޭނުންކުރަން ޖެހޭ ސާމާނު ވެސް ގިނަ އެވެ. އެކަމަކު، ބަދަލު ނުވެ އޮތީ ކަރަންޓްގެ ޓެރިފް ރޭޓުތަކެވެ.

ރާއްޖޭގައި ކަރަންޓްގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން ތިން ބޭންޑަކަށް ކަރަންޓުގެ އަގުތައް ހުއްޓެވެ. ސަރުކާރުން 2009 ވަނަ އަހަރު ގެނައި ބަދަލުގައި ވަނީ ހަތް ބޭންޑަކަށް ކަރަންޓު ޓެރިފް ބައި ކޮށްފަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރާއި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނައި ނަމަވެސް ޖުމްލަކޮށް މާ ބޮޑު ބަދަލެއް ޓެރިފްތަކަށް ގެނެސްފައެއް ނުވެ އެވެ.

ކަރަންޓަށް ބިލް ކުރަނީ ބޭނުންކުރާ ނިސްބަތުން ޓެރިފް ރޭޓުތަކަށް ބަލައިގެންނެވެ. އެކި ބޭންޑުތަކަށް އަގުކޮށްގެންނެވެ. ކަރަންޓުގެ އަގު ކަނޑައެޅުމުގައި ބޭންޑުތަކެއް ހެދުމުގެ އެންމެ ބޮޑު މަގްސަދަކީ، އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ކުޑަ އަގެއް ބިލްކުރުމަށެވެ.

"އެކަމަކު، މިހާރު ހުރި ރޭޓުތަކުން އެ މަގްސަދު ހާސިލެއް ނުވޭ،" ސްޓެލްކޯގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅަކު، ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.

"ސަބަބަކީ، މިހާރު ކޮންމެ ގެއެއްގައި ވެސް ކަރަންޓްގެ ހުރިހާ ސާމާނެއް ބޭނުންކުރޭ. އެހެންވެ، އެންމެ ދަށް ފަންތީގެ މީހުންނަށް ވެސް އަންނާނީ ހަމަ ބޮޑުބިލެއް. އަދި، ކުރިން ބޮޑެތި ބިލްތައް އަންނަ މީހުންނަށް އަންނާނީ މާ ބޮޑެތި ބިލްތަކެއް."

ޓެރިފް ބޭންޑްތަކަށް ކަނޑައަޅާފައިވާ އަގުތައް-- ފޮޓޯ: މިހާރު

ޓެރިފް ބޭންޑްތަކަށް ކަނޑައަޅާފައިވާ އަގުތައް-- ފޮޓޯ: މިހާރު

ސްޓެލްކޯގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ހޫނު ގަދަ ދުވަސްތަކުގައި ގޭބީސީތަކުން އެވްރެޖުކޮށް 560 ޔުނިޓްގެ ކަރަންޓު ބޭނުން ކުރެ އެވެ. އަދި އެހެން މަސްތަކުގައި ގޭބީސީއަކުން އެވްރެޖުކޮށް 500 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުން ކުރެ އެވެ. މިއީ ކަނޑައަޅާފައިވާ ޓެރިފްގެ ތިން ވަނަ ބޭންޑެވެ. އެ ބޭންޑުގައި ޔުނިޓަކަށް 3.65ރ. ގެ ރޭޓުން ޗާޖު ކުރާނެ އެވެ. އެހެންވެ، ބޭންޑުތައް ފެށޭ 100 އިން ދަށުގެ ޔުނިޓުތަކަށް ޗާޖު ކުރާ ރޭޓުން ކަރަންޓުގެ އަގު ދައްކަން ޖެހޭ ގޭބީސީތައް އަތުން ގުނާލެވޭހާ މަދެވެ.

މާލޭގައި އެވްރެޖް ގެއެއްގައި ކަރަންޓު ބޭނުން ކުރާ ވަރު 500 ޔުނިޓަށް ވުރެ މަތި ވަނީ، ގޭގެ ދިރިއުޅުމުގެ ހަރަދުތައް މަތިވުމުންނެވެ. މާލޭ ސަރަހައްދުގައި އާންމުކޮށް ހުރިހާ ގެއެއްގައި އެއާ ކޮންޑިޝަނާއި، ދޮންނަ މެޝިން، އައިސް އަލަމާރި ކަހަލަ އިލެކްޓްރޯނިކް ބޭނުން ކުރެ އެވެ.

އެންމެ ފަހުގެ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭއިން ދައްކާ ގޮތުން 2019 ވަނަ އަހަރު މާލެ ސަރަހައްދުގެ ގޭބީސީތަކުގެ އާމްދަނީގެ 35 ޕަސެންޓު ހޭދަކުރަނީ ކުއްޔާއި ކަރަންޓާއި ފެނުގެ ހަރަދަށެވެ. އެއީ ލިބޭ އާމްދަނީގެ ތިން ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު އަދަދެކެެވެ. އާމްދަނީން 15،000ރ. އަށް ވުރެ ބޮޑު އަދަދެއް މި ކަންކަމަށް ކުރާ އިރު އެވްރެޖުކޮށް ޖުމްލަ ގޭބީސީއަކަށް ލިބޭ އާމްދަނީ އުޅެނީ 35،000 ރުފިޔާގަ އެވެ. މާލޭގައި 74 ޕަސެންޓު މީހުން ކުއްޔަށް އުޅެ އެވެ.

ވިޔަފާރިތަކަށް ހާއްސަ ޓެރިފް ބޭންޑްތައް-- ފޮޓޯ: މިހާރު

ވިޔަފާރިތަކަށް ހާއްސަ ޓެރިފް ބޭންޑްތައް-- ފޮޓޯ: މިހާރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވެސް ވިދާޅުވީ، މިހާރު ހުރި ޓެރިފް ރޭޓުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ ބަދަލުތައް ވާން ޖެހޭނީ، އެ ހިދުމަތް ދިނުމަށް ކުރާ ހޭދައާ އެއް ވަރެއްގެ ރޭޓުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެރިފަށް ބަދަލު ގެންނައިރު ހެޔޮ ބަދަލެއް ގެންނަ ނަމަ އަޅުގަނޑުމެން ކުންފުނިތަކުން ކުރާ އިންވެސްޓްމެންޓްގެ ރިޓާން ޓެރިފްގެ ތެރެއިން ރިފްލެކްޓްވާ ކަހަލަ ގޮތަކަށް ޓެރިފް އަންނަން ވާނީ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ކަރަންޓު ހިދުމަތް ދޭ 30 ރަށުގެ ތެރެއިން ފައިދާ ވަނީ މާލެ އާއި ރަށްރަށުގެ ދެ ރަށަކުންނެވެ. އެހެންވެ، އެ ހުރިހާ ގެއްލުމެއް ފޫބައްދަނީ ސަރުކާރުގެ އެހީ އާއި ފައިދާ ވާ ރަށްރަށުން ލިބޭ އެއްޗަކުން ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިފަދަ ހިދުމަތްތަކަކީ މާ ބޮޑު ފައިދާއެއް ވާން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށާއި އެހެން ނަމަވެސް، ކުރާ ހޭދަ އަނބުރާ ލިބޭނެ ފަދަ ގޮތްތަކެއް ހުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭޓުތަކަށް ބަދަލު ގެންނަން ޖެހެނީ ކީއްވެ؟

ރާއްޖޭގައި ކަރަންޓު ހިދުމަތް ދިނުމުގެ ސިޔާސަތުތައް އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވީ، ހިދުމަތް ދޭ ފަރާތަށް ގެއްލުންނުވެ، އަދި ކަރަންޓު ބިލް ކުޑަކުރެވިދާނެ އެއް ގޮތަކީ، ކަރަންޓުގެ ބޭންޑުތަކުގެ ޓެރިފަށް ބަދަލު ގެނައުން ކަމަށެވެ.

މާލެ ސަރަހައްދުގެ ކަރަންޓް އެވްރެޖުކޮށް ބޭނުން ކުރާ މިންވަރު-- ފޮޓޯ: މިހާރު

މާލެ ސަރަހައްދުގެ ކަރަންޓް އެވްރެޖުކޮށް ބޭނުން ކުރާ މިންވަރު-- ފޮޓޯ: މިހާރު

"މިހާރު އެންމެ ކުޑަ ރޭޓަށް މި އިންނަނީ 100 ޔުނިޓުން ދަށް. އާންމުކޮށް ހުރިހާ ގެއަކުން ވެސް މީހުން ދިރިއުޅޭ ނަމަ، އެއަށް ވުރެ މާ ބޮޑު އަދަދަކަށް ކަރަންޓު ބޭނުން ކުރާނެ. އެހެންވީމަ މިހާރު 100 ޔުނިޓުން ދަށުގެ ރޭޓަށް އިންނަ ޓެރިފް ކަނޑައެޅިދާނެ 300 ޔުނިޓުން ދަށަށް، ނޫނީ 200 ޔުނިޓުން ދަށަށް،" އޭނާ ވިދާޅުވި އެވެ.

"އޭރުން ބިލް ކުޑަވާނެ. އަނެއްކާ ޓެރިފްތަކަށް ބަދަލު ގެނައުމަކީ ކަރަންޓް އުފައްދާ ފަރާތަށް ލިބޭނެ ގެއްލުމެއް ނޫން. ސަބަބަކީ ކަރަންޓް ބޭނުންކުރާ މީހާ ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ކަރަންް އުފައްދާ ފަރާތުން އެ ކަރަންޓް އުފައްދަން އިތުރަށް ވަކި ހޭދައެއް ކުރާކަށް ނުޖެހޭނެ. ކަރަންޓް ޔުނިޓަކަށް ދާނީ ހަމަ އަބަދުވެސް ދާ ވަރު.

"މިސާލަކަށް ވިސްނަމާ މީގެ ކުރިން 1500ރ. ކަރަންޓް ބިލަށް އެރި ގެތަކުގެ ބިލް މިހާރު ދެ ގުނަ ބޮޑުވެއްޖެ. އެކަމަކު ގޭގައި އިތުރުވީ ވަރަށް މަދު އެއްޗެއް. އެހެންވެ، އަގުބޮޑު ޓެރިފް ބޭންޑުގެ ތެރެއަށް އެ ޔުނިޓްތައް ވަދެގެން ގޮސް، ބިލް ކުރާ އަދަދު ވެސް މަތިވަނީ. އެއީ އޭގެ ސަބަބަކީ."

ސްޓެލްކޯގެ ސީނިއާ މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ ޓެރިފަށް ބަދަލު ގެންނަން ޖެހޭކަން ގަބޫލު ކުރައްވާ ކަމަށާއި، އެކަމަކު އެ އަގު ވާން ޖެހޭނީ، ހިދުމަތަށް ހޭދަކުރާ ހަރަދާ ބައްދަލުވާނެ ބަދަލަކަށް ކަމަށެވެ.

ސްޓެލްކޯގެ އިންޖީނުގެއެއްގައި ހުރި އިންޖީނެއް: ކަރަންޓުގެ އަގު ހެޔޮ ކުރަން އާ ގޮތްތައް ހޯދަން ޖެހޭ-- ފޮޓޯ: މިހާރު

ސްޓެލްކޯގެ އިންޖީނުގެއެއްގައި ހުރި އިންޖީނެއް: ކަރަންޓުގެ އަގު ހެޔޮ ކުރަން އާ ގޮތްތައް ހޯދަން ޖެހޭ-- ފޮޓޯ: މިހާރު

"ވަރަށް ބައިވަރު ކަންކަމަށް ވިސްނަން ޖެހޭނެ ޓެރިފަށް ބަދަލެއް ގެންނަންޏާ. ފުލް ޓެރިފް ރިވިޝަނަކަށް ދާން ޖެހިފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ، ޓެރިފްގެ ބޭންޑްތަކުގެ ރޭޓުތަކަށް ބަދަލު ގެނައުމުގެ އިތުރުން، އެއް ރޭޓެއް ކަނޑައެޅުމަކީ ވެސް ބައެއް ފަރާތްތަކުގެ ވިސްނުމެއް ކަމަށެވެ. އެހެން ނަމަވެސް މި ގެންނަ ކޮންމެ ބަދަލަކުން ވެސް ކޮންމެވެސް އެއް ބަޔަކަށް ލުއިތަކެއް ލިބޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަރަށް ބައިވަރު ކަންކަމެއް ހާސިލު ކުރަން އުޅެގެން މިކަމެއް ނުވާނެ. ކަސްޓަމާ ބޭނުންވާ ގޮތަށް ހަމައެކަނި ވިސްނައިގެން މިކަން ކޮށްފިއްޔާ ރިކަރަންޓް ހަރަދު ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓެރިފް ރޭޓަށް ބަދަލު ގެނައުމުގެ ބަދަލުގައި ކަރަންޓު ބިލްތައް ދެއްކުމުގައި އުނދަގޫވާ ފަރާތްތަކަށް ސަބްސިޑީއެއް ދިނުމަކީ ވެސް މި ދާއިރާގެ ބައެއް ފަރާތްތަކުން ގަބޫލުކުރައްވާ ގޮތެއް ކަމަށެވެ.

ދާއިމީ ހައްލު ގުޅެނީ އިޔާދަކުރަނިވި ހަކަތައާ

ސްޓެލްކޯގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅަކު ވިދާޅުވީ، ޓެރިފްގެ ބޭންޑުތަކުގެ ރޭޓަށް ބަދަލު ގެނަޔަސް މުޅި މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އާންމުންނަށް ފަސޭހަވި ނަމަވެސް، ބޭންޑުތަކުގެ އަގުތައް ކުޑަކޮށްފި ސަރުކާރުން ހޭދަ ކުރަން ޖެހޭ ހަރަދު ބޮޑުވާނެ ކަމަށެވެ.

"މީގަ ޓެރިފް ކުޑަކޮށްގެން ވެސް ހައްލެއް ނެތް. އާންމުންނަށް ލުއި ކުރަން ކަރަންޓުގެ އަގަށް ބަދަލު ގެނައި ނަމަވެސް، އެ ކޮސްޓް ބެއާ ކުރަން ޖެހޭނީ ސަރުކާރުން. އެކަން ސަރުކާރުން ކުރާނީ ކޮންމެވެސް ލޯނެއް ނޫނީ، އެހެން ކަމަކަށް ބޭނުން ކުރަން ހުރި އާމްދަނީއަކުން. އެހެންވީމަ، މުޅި ކަރަންޓުގެ ހަރަދު ކުޑަ ކުރާނެ ގޮތްތަކެއް ހޯދަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދުރު މުސްތަގްބަލުގެ ހައްލަކީ އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ވަރު އިތުރުން ކަމަށާއި އެ ހިސާބަށް ދިއުމުގެ ކުރިން ސަރުކާރަށް ތެޔޮ ހެޔޮ އަގުގައި ގަނެވޭނެ ގޮތްތައް ވެސް ހޯދިދާނެ ކަމަށެވެ.

"މިހާރަށް ވުރެ ހެޔޮ އަގުގައި ތެޔޮ ހޯދަން ބައިލެޓްރަލް އެގްރީމެންޓްތައް ހެދިދާނެ. އޭރުން ވެސް ކަރަންޓުގެ އަގު ކުޑަ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މީގެ 14 ވަރަކަށް އަހަރު ކުރިން ކަރަންޓުގެ އަގުތަކުގެ ރޭޓުތަކަށް ބަދަލު ގެނެސްފައި ވަނީ، އޭރުގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެންނެވެ. ދެން ވެސް އެފަދަ ބޮޑު ބަދަލެއް ގެންނަ ނަމަ އާންމު ދިރިއުޅުމުގެ ހާލަތު ދެނެގަނެ، ލިބޭ އާމްދަނީ އަށް ބަލަން ޖެހެ އެވެ. މިއީ ހީކުރާހާ ފަސޭހައިން ގެނެވޭނެ ބަދަލަކަށް ނުވާ އިރު، މިކަމަށް ހައްލެއް ގެނެވޭނީ، އިދާރާތަކުން އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިގެންނެވެ.