Roadha Mihaaru
ކަރަންޓު ބިލް ގުޑުވާލުން: ވުމަށްވުރެ ނުވުން ގާތް!

ކަރަންޓު ބިލް ގުޑުވާލުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއް!

08 ނޮވެމްބަރ 2023

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު، މާލޭގެ އެކި ގޭގެއަށް ވަޑައިގަތުމުން އިވި ވަޑައިގަތް އެންމެ ބޮޑު އެއް ޝަކުވާ އަކީ ކަރަންޓު ބިލް ބޮޑުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދެން އެމަނިކުފާނު ވައުދުވެ ވަޑައިގަތީ ކަރަންޓުގެ އަގު ކުޑަކޮށްދެއްވާނެ ކަމަށެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު، މާލޭގެ އެކި ގޭގެއަށް ވަޑައިގަތުމުން އިވި ވަޑައިގަތް އެންމެ ބޮޑު އެއް ޝަކުވާ އަކީ ކަރަންޓު ބިލް ބޮޑުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދެން އެމަނިކުފާނު ވައުދުވެ ވަޑައިގަތީ ކަރަންޓުގެ އަގު ކުޑަކޮށްދެއްވާނެ ކަމަށެވެ.

އިންތިހާބުން އެމަނިކުފާނަށް ލިބުނީ ނާކާމިޔާބެވެ؛ އެކަމަކު، އެހެންވިޔަސް ކަރަންޓުގެ އަގު ކުޑަކުރުމަކީ އެންމެންގެހެން ވެސް ދުއާ އެވެ. ދިރިއުޅުމުގެ އެހެން ހަރަދުތަކާ ކަރަންޓަށް ކުރާ ހޭދަ މިހާރު މި ވަނީ ނުބައްދަލުވެފަ އެވެ.

ކަރަންޓުގެ އަގު ހަގީގަތުގައި ވެސް ވަރަށް ބޮޑެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ އެހެން އެވަނީ ކަރަންޓަށް ސަރުކާރުން ކަނޑައަޅާފައިވާ ޓެރިފްތަކުގެ ސަބަބުން ކަމަށެވެ. އެކަމަކު، ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ދޭ ސްޓެލްކޯ އާއި ފެނަކަ އަށް ވެސް މިހާރު ވާ ވަރު އެ ވަނީ ވެސް އެ ޓެރިފް ރޭޓްތަކުން ކަރަންޓަށް ބިލް ކުރާތީ އެވެ. އެއާ ކުޅެލައިފި ނަމަ، އެ ދެ ކުންފުނި ވެސް އޮންނާނީ ކަރުތާފެނުގަ އެވެ.

ކަރަންޓުގެ ހިދުމަތް ސަރުކާރުން ފޯރުކޮށްދެނީ ދައުލަތުން މިހާރު ވެސް ވަރަށް ބޮޑު އަދަދަކަށް ސަބްސިޑީ ދީގެންނެވެ. މި އަހަރުގެ ބަޖެޓްގައި، ތެލަށް ދޭ ސަބްސިޑީ 1.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ، ދައުލަތުން ގައުމުގެ ހުރިހާ ރައްޔިތުންގެ ބޭސްފަރުވާ އަށް ކުރާ ހޭދައާ ދާދި އެއްވަރުގެ ހަރަދެކެވެ. ތެލުގެ ސަބްސިޑީގެ ތެރޭގައި ހިމެނެނީ ކަރަންޓާއި މަސްވެރިންނަށް ދޭ ތެލުގެ ބައެވެ. އޭގެ ތެރެއިން ކަރަންޓުގެ އަގުހެޔޮ ކުރުމަށް ސަބްސިޑީ ދިން ވަރު 1.1 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މައްސަލައަކީ، ތެލެވެ. ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވެސް ވިދާޅުވި ގޮތުގައި ކަރަންޓުގެ އަގު ހެޔޮ ކުރާ ނަމަ، އޮތް ހަމައެކަނި ގޮތަކީ ތެޔޮ ނޫން އެހެން ގޮތެއް ހޯދުމެވެ.

ކުންފުނިތަކަށް ގެއްލުން ނުވާނެ ގޮތަކަށް މިކަން ވާކަށް ނެތް!

"މިހާރު ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން މިދަނީ ގެއްލުމުގައި. އެ ގެއްލުން ފޫބައްދައި މިދެނީ ސަރުކާރުން. ސަރުކާރުން އެ ގެއްލުން ފޫބައްދައިދޭތީ ޔުޓިލިޓީ ކުންފުނިތައް މި ދެމިއޮންނަނީ."

ސްޓެލްކޯގެ މައި އޮފީސް: ޔުޓިލިޓީ ކުންފުނިތައް ހިނގަނީ ސަރުކާރުގެ ސަބްސިޑީއާ އެކު -- ފައިލް ފޮޓޯ: މިހާރު

ސްޓެލްކޯގެ މައި އޮފީސް: ޔުޓިލިޓީ ކުންފުނިތައް ހިނގަނީ ސަރުކާރުގެ ސަބްސިޑީއާ އެކު -- ފައިލް ފޮޓޯ: މިހާރު

އާންމުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ދެ ކުންފުންޏަކުންނެވެ. އެއީ މާލެ ސަރަހައްދާ އެކު ހަތަރު އަތޮޅެއްގައި ސްޓެލްކޯ (ގާތްގަނޑަކަށް 250،000 މީހުންގެ އާބާދީއަކަށް) އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ފެނަކަ އިންނެވެ. އެކަމަކު، އެ ދެ ކުންފުނީގެ ތެރެއިން ފެނަކަ އޮތީ ވަރަށް ހާލުގަ އެވެ. ކުންފުނި އޮތީ ސަލާމަތް ނުވެވޭ ވަރުގެ ބޮޑު އަޑިގަނޑެއްގަ އެވެ. އެކަމަކު ސްޓެލްކޯ ހިންގަނީ ޑައިރެކްޓް އެއްވެސް ސަބްސިޑީއެއް ސަރުކާރުން ނުދީ، ކުންފުންޏަށް ލިބޭ އާމްދަނީއަކުންނެވެ. އޭގެ އިތުރުން ސްޓެލްކޯގައި، އަމިއްލަ އަށް ލޯނަށް ޒިންމާވެގެން ތަރައްގީކުރެވޭ ވަރު ވެ އެވެ.

ސްޓެލްކޯ އަށް އަހަރަކު ފައިދާގެ ގޮތުގައި ނެރެވެނީ 100 ވަރަކަށް މިލިއަން ރުފިޔާ އެވެ. އެކަމަކު ފެނަކައިގެ ޖުމްލަ އާމްދަނީ އަހަރަކު ދެ ބިލިއަން ރުފިޔާގައި ހުރި އިރު، ފައިދާގެ ގޮތުގައި ނެރެވެނީ އެންމެ 12 މިލިއަން ރުފިޔާ އެވެ. މިއީ، ކަރަންޓުގެ އަގާ ކުޑަކޮށް ކުޅެލިޔަސް، ކުންފުނިތަކަށް އޮތް ވަރަށް ނުރައްކާތެރި އަދަދުތަކެކެވެ. ކަރަންޓް ޓެރިފްތަކާ ކުޅެވެން އޮތް އެއް ގޮތަކީ، ހަރަދު ކުޑަކުރުމެވެ. ނުވަތަ، ކަރަންޓް އުފައްދާ ގޮތް ބަދަލުކޮށްގެންނެވެ.

"ހިންގުމުގެ ހަރަދާއި މުވައްޒަފުންގެ މަދުކޮށްގެން ސްޓެލްކޯ އަށް ކޮންމެވެސް ވަރަކަށް ހަރަދު ކުޑަކުރެވިދާނެ. އެކަމަކު ޓެރިފްތަކާ ކުޅެވޭ ވަރުގެ ބަދަލެއް ނުފެންނާނެ،" ޝަރީފު ވިދާޅުވި އެވެ.

"ސާވިސް ފައިން ޓިއުންކޮށްގެން، ކަރަންޓުގެ ހަރަދު ޓެރިފާ ކުޅެވޭ ލެވެލްއަކަށް ނުދާނެ. ވަރަށް ބޮޑު ހަރަދެއް ކަޓްޑައުންކޮށްގެން ނޫނީ ނުވާނެ. އެހެންވިޔަސް ކުންފުނި އަންޑަ ސްޓާފެއް ނުކުރެވޭނެ. އޭރުން ހިދުމަތަށް މައްސަލަ ނުކުންނާނެ."

ބޮޑެތި ކަރަންޓް ބިލްތަކުގެ ހިތްހަމަނުޖެހުން

ޒަމާނަށް އަންނަ ބަދަލުތަކާއި ގޭތެރޭގައި ބޭނުންކުރަން ޖެހޭ އިލެކްޓްރިކް ސާމާނު ގިނަވި ވަރަކަށް އަނެއްކޮޅުން ކަރަންޓް ބިލް ދަނީ ހެސްކިޔާފައި މައްޗަށެވެ. އެއް ގުނައެއް ވެސް ނޫނެވެ؛ އެތައް ގުނައެކެވެ. އެއީ ޓެރިފް ރޭޓު އޮންނަ ގޮތުންނެވެ. ސަރުކާރުން ޓެރިފް ކަނޑައަޅާފައި ހުރީ ކަރަންޓް ބޭނުންކުރާލެއް ގިނަވާ ވަރަކަށް، ޓެރިފް ރޭޓުތައް އެތައް ގުނައެއް ބޮޑުވާ ގޮތަށެވެ.

ސްޓެލްކޯގެ އިންޖީނުތަކެއް: ތެލަށް ބޮޑު ހޭދައެއް ކުރަން ޖެހޭ -- ފައިލް ފޮޓޯ: މިހާރު

ސްޓެލްކޯގެ އިންޖީނުތަކެއް: ތެލަށް ބޮޑު ހޭދައެއް ކުރަން ޖެހޭ -- ފައިލް ފޮޓޯ: މިހާރު

ކަރަންޓް ބިލް ކުޑަކުރުމަށް ރައީސް ހުށަހެޅުއްވި ހައްލަކީ ފްލެޓް ރޭޓެއްގައި ކަރަންޓަށް ބިލް ކުރުމެވެ. އެކަމަކު ރައީސް ވައުދުވެ ވަޑައިގަތަސް، އެއީ އެއްވެސް މާނައެއްގައި، ސަރުކާރަށް ފައިސާގެ ބުރައެއް އުފުލަން ނުޖެހި ކުރެވެން އޮތް ކަމެއް ނޫނެވެ. ހަގީގަތަކީ ޓެރިފާ ކުޅެވެން ވެސް ނެތް ކަމެވެ. ސަބަބަކީ މިއީ އެވެ؛

"ސްޓެލްކޯ އަށް ތެޔޮ މި ދެނީ މާކެޓް ރޭޓަށް ވުރެ 40 ޕަސެންޓް ހެޔޮ އަގުގައި. ސްޓެލްކޯ އަށް މާލޭގައި އެއް ލީޓަރުން މި އުފެއްދެނީ ގިނަވެގެން ހަތަރު ޔުނިޓް. އެހެންވީމަ ކިލޯ ވޮޓެއްގެ ކަރަންޓަށް އެބަ ހަރަދުވޭ 4ރ. ގެ ތެޔޮ،" ނަން ނުޖަހަން އެދިވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

"މީގެ އިތުރުން ސްޓާފުންގެ މުސާރަ އާއި އިންޖީނުގެ އެހެން ތެލާއި މެއިންޓެއިން ކޮސްޓާއި އެޑްމިނިސްޓްރޭޝަން ކޮސްޓާ ހުރިހާ އެއްޗެއް ހިމެނީމަ ޔުނިޓެއްގެ އަގު އެބަ ޖެހޭ 5ރ. އަށް."

އޭނާ ވިދާޅުވި ގޮތުގައި ފްލެޓް ރޭޓެއް ކަނޑައަޅާ ނަމަ، އެންމެ ފުރަތަމަ ޖެހެނީ މިހާރު ކުރާ ހަރަދުތަކަށް ރިއާޔަތް ކުރާށެވެ.

"މިހާރު ވެސް ސްޓެލްކޯ އަށް [އެސްޓީއޯ މެދުވެރިކޮށް] އަހަރަކު ފިއުލް ސަބްސިޑީ އަށް ސަރުކާރުން އެބަދޭ ގާތްގަނޑަކަށް 450 ވަރަކަށް މިލިއަން ރުފިޔާ. ފްލެޓް ރޭޓަކަށް ދަންޏާ ސަރުކާރުން ވަރަށް ބޮޑު ބިޔަ ސަބްސިޑީއެއް ހަމައެކަނި ސްޓެލްކޯ އަށް އެކަނި ވެސް ދޭން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ހުޅުމާލޭގައި ހެދި ޕަވާ ހައުސްގައި ޝަރީފު -- ފައިލް ފޮޓޯ: މިހާރު

ސްޓެލްކޯ އިން ހުޅުމާލޭގައި ހެދި ޕަވާ ހައުސްގައި ޝަރީފު -- ފައިލް ފޮޓޯ: މިހާރު

ރައީސް އެގޮތަށް ވިދާޅުވީ ކޮން ފޯމިއުލާއަކަށް ނިސްބަތް ކުރައްވާތޯ ދެންނެވުމުން ޝަރީފު ވިދާޅުވީ ކަރަންޓުގެ ހަރަދު ކުޑަކުރެވިދާނެ އެހެން ގޮތެއް ވެސް އޮތް ކަމަށެވެ.

"މި ސަރުކާރުގައި އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮންނާނެ މާލެ ސަރަހައްދު އޭރިއާ އަށް ބޭނުންވާ 150 މެގަވޮޓްގެ ސޯލާ ޕްރޮޖެކްޓެއް. އޭރުން ޔުނިޓް ކޮސްޓެއް އެ އަންނަނީ 1.10ރ. އަށް. އޭރުން ވަރަށް ބޮޑުތަން ހަރަދު ކުޑަކުރެވޭނެ. އެނޫން ފޯމިއުލާއަކުން ނޫނީ، ކުންފުންޏަށް ގެއްލުން ނުވާ ގޮތަކަށް ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ނުފެނޭ،" ޝަރީފު ވިދާޅުވި އެވެ.

އެކަމަކު ރިނިއުބަލް އެނާޖީގެ މަޝްރޫއުތަކަކީ އެހާ ބޮޑަށް އެއްވެސް އިރަކު ހަގީގަތަކަށް ވި މަޝްރޫއުތަކެއް ނޫނެވެ. ޝަރީފު ވިދާޅުވީ އޭގައި މައްސަލަ އަކީ ރައްޔިތުން އަދިވެސް ހޭލުންތެރި ނުވާ މައްސަލަ ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި އެ މީހުން އަމިއްލަ އަށް ވެސް ސޯލާ އެނާޖީ ގޭގޭގައި ހަރުކޮށް އެބަ ހަދާ. ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އޮތް އެއް ހައްލު އެއީ. ދެވަނަ ހައްލަކީ ތެޔޮ ނޫން އެއްޗެއް ހޯދުން ކަރަންޓް އުފައްދަން. އެކަމަކު ރާއްޖޭގައި އެ ވިސްނުމެއް އޮތް ހެނެއް ހިޔެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ކަރަންޓް ބިލް އަދިވެސް ދާނީ ބޮޑުވަމުންނެވެ. ކަރަންޓުގެ އަގުހެޔޮ ކުރަން ސަރުކާރުން ކުރަން ޖެހޭ ހޭދަ ވެސް އަހަރުން އަހަރަށް ދާނީ ބޮޑުވަމުންނެވެ. އެކަމަށް ހައްލެއް ނެތެވެ.