Roadha Mihaaru
އެމްޑީޕީ ގައުމުން ބޭރުގައި، ބަދަލެއް ފެންނާނެތަ؟

އެމްޑީޕީ ގައުމުން ބޭރުގައި، މިފަހަރު ބަދަލެއް ފެންނާނެތަ؟

31 ޖެނުއަރީ 2017

އެމްޑީޕީ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އެވެ؛ ޖަލްސާތަކާއި އެއްވުންތަކާއި މުޒާހަރާތަކަށް އެތައް ހާސް ބަޔަކު އެ ޕާޓީން ނެރެފައިވެ އެވެ. ކެމްޕޭންތަކުގެ ފޯރިގަދަ އެވެ. ރާއްޖޭގައި ބޭއްވި އިންތިހާބެއްގައި މިހާތަނަށް، އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އެ ޕާޓީގެ ހުރިހާ ވެސް ރޫހަކީ އާއްމު މެމްބަރުންނެވެ. އެކަމަކު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް، އެމްޑީޕީގެ ދުވެލި މިހާރު މަޑުވެއްޖެ އެވެ. ހަރަކާތްތައް ވަޅުޖެހި މުޅި ޕާޓީ މިހާރު އޮތީ ބަދަލަކަށް ބޭނުންވެފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އެވެ؛ ޖަލްސާތަކާއި އެއްވުންތަކާއި މުޒާހަރާތަކަށް އެތައް ހާސް ބަޔަކު އެ ޕާޓީން ނެރެފައިވެ އެވެ. ކެމްޕޭންތަކުގެ ފޯރިގަދަ އެވެ. ރާއްޖޭގައި ބޭއްވި އިންތިހާބެއްގައި މިހާތަނަށް، އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އެ ޕާޓީގެ ހުރިހާ ވެސް ރޫހަކީ އާއްމު މެމްބަރުންނެވެ. އެކަމަކު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް، އެމްޑީޕީގެ ދުވެލި މިހާރު މަޑުވެއްޖެ އެވެ. ހަރަކާތްތައް ވަޅުޖެހި މުޅި ޕާޓީ މިހާރު އޮތީ ބަދަލަކަށް ބޭނުންވެފަ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ސަރުކާރުން ކެމްޕޭން ފެށިއިރު، އެމްޑީޕީ އަދިވެސް "ވަނދުކޮށް" އޮތުމަކީ އާއްމު މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވާނީ ކާކު ކަމެއް ނޭނގެ އެވެ. ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެ ޕާޓީގެ ގިނަ ބަޔަކު ގަބޫލުކުރާ، ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތުތަކެއް ވަނީ ބަންދުވެފަ އެވެ. އެހެންވެ ދެން އޮތް ގޮތަކީ، ޕްރައިމަރީ ބާއްވައި އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދިނުންތޯ، އެއީ ވެސް އާއްމު މެމްބަރުންގެ ހިތުގައި އޮތް ސުވާލެކެވެ.

އިދިކޮޅު ޕާޓީތަކުގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރުކުރުވުމެވެ. އެކަމުގައި ވެސް އެމްޑީޕީ އަށް ނަތީޖާ ނެރެދެވިފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ހިސާބުން ޕާޓީގެ މުޅި މިސްރާބު ބަދަލުކޮށްލާފައި ވަނީ އެމަނިކުފާނު މިނިވަންކުރުމަށެވެ. އެ މަސައްކަތުގައި އެމްޑީޕީ ގަބޫލުކުރާ އުސޫލްތަކުން ބޭރުވެ، ސަރުކާރާ އެކު "ޑީލް" ހެދި ކަމުގެ ހިތްހަމަނުޖެހުން އާއްމު މެމްބަރުންގެ ހިތުން ފިލައެއް ނުދެ އެވެ.

ޕާޓީ ތެރޭގައި ހުރި މި ހުރިހާ ކަންކަން ހައްލުކޮށް، ޕާޓީ އަލުން ވަރުގަދަކުރަން ޖެހޭ ކަމަށް ލީޑަޝިޕުން ވެސް ގަބޫލުކުރެ އެވެ. އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދާ އެކު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން، އެ މަސައްކަތުގައި، މިހާރު ވަނީ ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ. ގައުމުން ބޭރުގައި މި ބާއްވާ ސިއްރު ބައްދަލުވުންތަކުގައި ޕާޓީ އަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށް ވެ އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ސްރީ ލަންކާގައި. --ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ސްރީ ލަންކާގައި. --ފޮޓޯ: އެމްޑީޕީ

އާ ލީޑަޝިޕަކަށް ޖާގަ ދޭން ޖެހޭ؟

އެމްޑީޕީގައި ކުރިން އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީ މިހާރު ހިންގަމުން ދަނީ އަސާސީ ގަވާއިދާ އެއްގޮތަކަށް ނޫނެވެ. ޕާޓީ އެނބުރެނީ ވަކި މީހެއްގެ ވަށައިގެންނެވެ. ޕާޓީގައި ސައްހަ ލީޑަޝިޕެއް މިހާރަކު ނެތެވެ.

އެމްޑީޕީ ހިންގަމުންދާ ގޮތަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީ އިސްލާހު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އާ ލީޑަޝިޕަކަށް ޖާގަ ދިނުން ކަމަށެވެ. ނަޝީދު ބޭނުންފުޅުވާ ހުރިހާ ގޮތަކަށް ޕާޓީ ހިންގެވުން ހުއްޓާލައްވައި، މިނިވަން އިންތިހާބުތަކަކުން ޕާޓީގެ މަގާމްތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ރައީސް ނަޝީދު ޕާޓީގެ ހަރަކާތްތަކުން ދުރަށް ޖެހިގެން ނޫން ގޮތަކަށް އެމްޑީޕީ ދެމިއެއް ނޯންނާނެ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި އަލީ ވަހީދު ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ އެ ޕާޓީގައި އިސްކޮށް އުޅުއްވި އެއްވެސް ބަޔަކު އެ ޕާޓީގެ ލީޑަޝިޕުން މިހާރު ނުފެންނަ ކަމަށެވެ. މިއީ، އެ ޕާޓީ ޑިމޮކްރެޓިކް އުސޫލްތަކުން ބޭރުން ހިންގާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ބޭނުންފުޅު ނުވާ މީހަކަށް އެ ޕާޓީގައި ފުރުސަތެއް ނެތެވެ. އެކަމަކު މޫސައާ މެދު އެމްޑީޕީގެ އިޚުލާސްތެރި މެމްބަރުން ކުރާ ތުހުމަތުތައް ވެސް ކުޑައެއް ނޫނެވެ. އެ މީހުން ބުނާ ގޮތުގައި މޫސަ އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީނާ ބައިއަތު ހިއްޕަވައިގެން، އެމްޑީޕީ ހަލާކުކޮށްލައްވާށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އެ މީހުން ދައްކަނީ ސަރުކާރުގެ ސިޔާސަތުތަކަށް އޭނާ ކުރައްވާ ތާއީދެވެ.

"ޕާޓީ ފަނޑުކޮށެއް ނުލެވޭނެ"

އެމްޑީޕީ އަށް އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެ ޕާޓީ މިހާރު ވެސް ކުރިއަށް ގެންދަނީ ޕާޓީގެ އަސާސީ ގަވާއިދާއި ޑިމޮކްރެޓިކް އުސޫލްތަކާ އެއްގޮތަށެވެ. އޭގެ ބޭރުން ކަންކަން ކުރަމުންދާ ކަމަށް، ބައެއް ބޭފުޅުން ފާޑުވިދާޅުވިއަސް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ޕާޓީ ހިންގާނެ މީހެއްގެ އަތްމައްޗަށް އާއްމު މެމްބަރުން ޕާޓީ ދޫކޮށްނުލާނެ އޭނާ ވިދާޅުވި އެވެ.

އޭގެ މާނައަކީ އެ ޕާޓީ ތެރެއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ނެތުން ނޫން ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ކުރިއާ އަޅާބަލާއިރު، އެމްޑީޕީގެ ހަރަކާތްތައް މަދު ކަމަށް ޝިފާޒް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެކަމަކު އޭގެ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ގައުމާއި ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ހާލަތެވެ. އަސާސީ ހައްގުތައް ނިގުޅައިގެންފައިވުމެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އާއްމު މެމްބަރު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އާއްމު މެމްބަރު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްޑީޕީ

"ސިޔާސީ ހަރަކާތެއް ހިންގަން ކުޑަ ވެސް ޖާގައެއް ނެތް. ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަން އެއްވެވޭނެ ގޮތެއް ނެތް. މީހުން ހިފައި ހައްޔަރުކުރަނީ. ގާނޫނުތަކުން ރައްޔިތުންނަށް ދީފައިވާ ހައްގުތައް އެކޮޅުކޮޅުން ޖަހައި ހުރިހާ ހައްގުތަކެއް ވެސް މިވަނީ ނިގުޅައިގެންފައި،" ޝިފާޒް ވިދާޅުވި އެވެ.

މި ހާލަތުގައި ވެސް ދޫ ނުދީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން ހަރަކާތްތައް ހިންގަ އެވެ. މިހާރު އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް ކާމިޔާބު ކުރުން ކަމަށާއި އިންތިހާބުގެ ކެންޑިޑޭޓުންނާއި އެހެން އިންތިޒާމްތަކަށް ސަރުކާރުން ކުރިމަތިކޮށްފައިވާ ދަތިތަކާ އެކު ވެސް އެކަން އެ ޕާޓީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބަށް އަދި ދެ އަހަރު އެބަ އޮތް. ކެމްޕޭންތައް ފަށާނީ ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓް އިއުލާންކުރާ ހިސާބުން،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް ނަޝީދާ އެކު އާއްމު މެމްބަރުން ތިބީ އެމަނިކުފާނަކީ އެ މެމްބަރުން ބޭނުންވާ ލީޑަރަށް ވާތީ އެވެ. ޕާޓީގެ ކަންކަމުގައި ވެސް މަޝްވަރާ ކުރަން ކުޑަ ވެސް ފުރުސަތެއް ލިބިއްޖެ ނަމަ އެމަނިކުފާނު އެކަން ކުރައްވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ސިލޯނުގައި ރައީސް ނަޝީދު މިހާރު ވެސް އެ ކުރައްވަނީ އެ މަސައްކަތް ދެއްތޯ؟ އެހެންވީމަ މި ޕާޓީ ހިންގަނީ އަސާސީ ގަވާއިދާއި ޑިމޮކްރެޓިކް އުސޫލްތަކާ އެކު އާއްމު މެމްބަރުންގެ ބޭނުންވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ބޭނުންވާ ގޮތަށް އެމްޑީޕީ ހިންގާނެ މީހެއްގެ އަތްމައްޗަށް މި ޕާޓީ ދޫކޮށެއް ނުލެވޭނެ."

ލަންކާގައި އެމްޑީޕީން ކުރިއށް ގެންދާ ހަރަކާތްތަކުގެ މާ ބޮޑު ތަފްސީލެއް ނުދެއްވައި ޝިފާޒް ވިދާޅުވީ އެ ތަފްސީލުތައް ޕާޓީން ފަހުން ހާމަކުރާނެ ކަމަށެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުންތަކާ އެކު އެމްޑީޕީން ބަދަލެއް ފެނިދާނެތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އެކަން ސާފުވާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ ބައްދަލުވުންތައް ނިމުމުންނެވެ. އެކަމަކު ނަޝީދު ރާއްޖެ އިން ބޭރުގައި ހުންނެވުމާއި، އެމަނިކުފާނަށް އަދި އަލި މަގެއް ފެނިވަޑައިނުގަންނަވާތީ، އެމްޑީޕީގެ ހަރަކާތްތަކަށް ރާއްޖޭގައި މާ ބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް ނުފެނެ އެވެ.