Roadha Mihaaru
ނަޝީދަށް ހަމަލާދީފާނެ ކަމަށް ބުނެ ބައްދަލުވުން ކެންސަލް

ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން ދިވެހިންނާ ބައްދަލު ކުރުން ކެންސަލްކޮށްފި

22 ޑިސެމްބަރ 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން، ނަޝީދު ލަންކާގައި ދިވެހިންނާ އެކު ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން، ނަޝީދު ލަންކާގައި ދިވެހިންނާ އެކު ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކޮށްފި އެވެ.

މިވަގުތު ސްރީލަންކާގައި ހުންނެވި ނަޝީދު އެ ގައުމުގައި ތިބި ދިވެހިންނާ ބައްދަލު ކުރަން އަންނަ ބުދަ ދުވަހު ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައި އޮތުމަށް ފަހު އެ ބައްދަލުވުން ނުބާއްވާ ގޮތަށް ނިންމިކަން އިއުލާންކުރީ ރާއްޖެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމެވެ.

ނަޝީދުގެ ފަރާތުން ނަސީމް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވީ އެ ބައްދަލުވުން ބާއްވަން ނިންމުމުން ތަފާތު އިންޒާރުތައް ލިބިފައިވާ ކަމަށާއި އެ ބައްދަލުވުން ނުބާއްވަން ނިންމީ ނަޝީދުގެ ހަށިކޮޅަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން ހަމަނުޖެހުމެއް އުފެދިއްޖެ ނަމަ ލަންކާގެ ގާނޫނުތަކާ ޚިލާފް އަމަލުތަކެއް ހިނގާފާނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"ކިރިޔާ ވެސް ހަމަނުޖެހުމެއް އުފެދިއްޖެ ކަމަށް ވަނީވިއްޔާ މިކަން ވާނީ ދިވެހި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ގާނޫނުތަކާ ޚިލާފަށް ހިންގި އަމަލެއް ކަމުގައި. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ އަދި އެންމެ ބުއްދިވެރި ގޮތަކީ މިކަން މިވަގުތަށް ހުއްޓާލުން،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ކެންސަލް ކުރިޔަސް، ކުރިއަށް އޮތް ތަނުގައި ދިވެހިންނާ ނަޝީދު ބައްދަލު ކުރައްވާނެ އެވެ. އަދި ދިވެހިން އުޅޭ ކޮންމެ ތަނަކަށް ނަޝީދު ވަޑައިގަތަސް ދިވެހިންނާ ބައްދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ލަންކާއިން ރާއްޖެ ގެންނާނެ ކަމަށް، ރާއްޖެއިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މޮންދު) ވިދާޅުވެފައިވާތީ އެކަމަށް ވެސް އެ ބަޔާނުގައި ނަސީމް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭ ކަންކަން ކަމަށް ނަސީމް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުވުމުން ނަޝީދު ވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވައިފަ އެވެ. އެމަނިކުފާނު ލަންކާ އަށް ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގެ ހިމާޔަތުގަ އެވެ. ފަހަކަށް އައިސް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންގެ ބައްދަލުވުންތައް ބާއްވަނީ ވެސް ލަންކާގަ އެވެ.