Roadha Mihaaru
ޖެނީން ތަޅާލުމަށް ފަހު ގާޒާ އަށް ހަމަލާ ދޭން ފަށައިފި

ޖެނީން ތަޅާލުމަށް ފަހު ގާޒާ އަށް ހަމަލާ ދޭން ފަށައިފި

05 ޖުލައި 2023

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ފޭލިގެ އަވަށަށް އަރައިގަނެ، 48 ގަޑިއިރު ވަންދެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހުން ޝަހީދުކޮށްލުމަށް ފަހު، ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލު ސިފައިން މިއަދު ފަތިހު މިސައިލް ހަމަލާތަކެއް ދޭން ފަށައިފި އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ފޭލިގެ އަވަށަށް އަރައިގަނެ، 48 ގަޑިއިރު ވަންދެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހުން ޝަހީދުކޮށްލުމަށް ފަހު، ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލު ސިފައިން މިއަދު ފަތިހު މިސައިލް ހަމަލާތަކެއް ދޭން ފަށައިފި އެވެ.

ޖެނީން ރެފިއުޖީ ފޭލިގެ އަވަށުގައި އިޒްރޭލު ސިފައިން ހިންގި އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ އާންމުންނާއި ފަލަސްތީނުގެ ހަނގުރާމަވެރިން ވެސް ހިމެނެ އެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވެގެން ހޮސްޕިޓަލުތަކުގައި މީހުންގެ އަދަދު 120 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން 25 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މަރުވި 12 މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުދިން ހިމެނޭ ކަމަށް ޔުނިސެފުން ބުންޏެވެ. މި ހަމަލާތަކުގައި މަރުވި 12 މީހުންނަކީ ވެސް އުމުރުން 16 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ގާޒާގެ ބަޔަކު މިއަދު ހެނދުނު މަގަކުން ހިނގާފައި ދަނީ: ޖެނީންގައި އިޒްރޭލުން ހިންގި ލާ އިންސާނީ އަމަލުތަކަށް ރޭ ފަތިހު ވަނީ ގާޒާ އަށް ހަމަލާ ދޭން ފަށައިފައި -- ފޮޓޯ: އޭއެފްޕީ

ގާޒާގެ ބަޔަކު މިއަދު ހެނދުނު މަގަކުން ހިނގާފައި ދަނީ: ޖެނީންގައި އިޒްރޭލުން ހިންގި ލާ އިންސާނީ އަމަލުތަކަށް ރޭ ފަތިހު ވަނީ ގާޒާ އަށް ހަމަލާ ދޭން ފަށައިފައި -- ފޮޓޯ: އޭއެފްޕީ

އިޒްރޭލު ސިފައިން ހިންގި އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ފަލަސްތީނުގެ ޒުވާން ހަނގުރާމަވެރިން ދިން ރައްދު ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ތެރެއިން އެކަކު މަރުވިކަން އިޒްރޭލުގެ އަސްކަރިއްޔާ އިން ކަށަވަރުކޮށްދިނެވެ. ނަމަވެސް އެ ހަމަލާތަކުގައި ޒަޚަމްވީ ކިތައް ސިފައިން ކަމެއް ނުބުނެ އެވެ.

އެންމެ ބައި އަކަ ކިލޯމީޓަރުގެ ޖެނީނަށް އިޒްރޭލު ސިފައިން އަރައިގަނެ، ހިންގި އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ ޒުވާން ހަނގުރާމަވެރިންގެ ފަރާތުން ވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއް ކުރިމަތިވި ކަމަށް އިޒްރޭލުގެ ނޫސްތަކުން ބުނެ އެވެ. މި އަސްކަރީ ހަރަކާތްތަކުގެ އަމާޒަކީ، ޖެނީންގައި ހުރި ފަލަސްތީނު ހަނގުރާމަވެރިންގެ މަރުކަޒުތައް ހަލާކު ކޮށްލައި، އިޒްރޭލަށް ހަމަލާ ދިނުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުން ނުވަތަ މަރައިލުން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ.

ލަނޑުދަނޑި ހާސިލުވެއްޖެ ކަމަށް ބުނެ، މިއަދު ފަތިހު އިޒްރޭލު ސިފައިން ޖެނީން ފޭލިގެ އަވަށުން ފައިބަން ފެށީ މިއަދު ފަތިހު އެވެ. އެންމެ 14 ވަރަކަށް ހާސް މީހުންގެ އާބާދީއެއް އޮންނަ ޖެނީން އަވަށުން އިޒްރޭލު ސިފައިން ފައިބައިގެން ދިޔަ އިރު، އެ އަވަށަށް ވަނީ އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ރޭ ފަތިހު ހަމަލާދެނީ: ޖެނީން އަށް މިދިޔަ ދެތިން ދުވަހު ދިން ހަމަލާތަކށް ފަހު ގާޒާ އަށް ވަނީ ހަމަލާ ދޭން ފަށައިފައި -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ރޭ ފަތިހު ހަމަލާދެނީ: ޖެނީން އަށް މިދިޔަ ދެތިން ދުވަހު ދިން ހަމަލާތަކށް ފަހު ގާޒާ އަށް ވަނީ ހަމަލާ ދޭން ފަށައިފައި -- ފޮޓޯ: އޭއެފްޕީ

އިޒްރޭލު ސިފައިން އެ އަވަށަށް އަރައިގަނެ ހިންގި އަސްކަރީ އަދި ލާއިންސާނީ އަމަލުތަކާ ގުޅިގެން، އެ އަވަށުގައި ދިރިއުޅޭ 4000 އަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުވެފަ އެވެ.

އިޒްރޭލުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ، ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިޒްރޭލް (ޕީއެޗްއާރްއައި) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިޒްރޭލު ސިފައިން ހިންގި އަސްކަރީ ހަރަކާތުގައި ޖެނީންގެ ތިން ހޮސްޕިޓަލަކަށް ހަމަލާ ދިނެވެ. އަދި އެ ހަމަލާތަކުގައި އެ ތިން ހޮސްޕިޓަލް ވަނީ ޚިދުމަތް ނުދެވޭ ވަރަށް ހަލާކުވެފަ އެވެ.

އޭގެ ތެރެއިން ޖެނީންގައި ފަލަސްތީނު ސަރުކާރުން ހިންގާ ހޮސްޕިޓަލަކަށް އިޒްރޭލު ސިފައިން ވަދެގަނެ އެތަނުގެ ތެރެއަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑި ޖެހުމުގެ ސަބަބުން ފަސް މީހަކު ޒަޚަމްވި އެވެ. އޭގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އެ ހޮސްޕިޓަލުގެ ތެރެއަށް ކަރުނަ ގޭސް ވެސް ޖެހި ކަމަށް އެ ޖަމާއަތުން ބުންޏެވެ.

އިޒްރޭލު ސިފައިން ހޮސްޕިޓަލުތަކަށް ވަދެގަނެ ހަމަލާ ދިނީ، ޖެނީންގައި ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންތަކުން އެ ތިން ހޮސްޕިޓަލު ތޮއްޖެހިފައި ވަނިކޮށް ކަމަށް ވެސް ޕީއެޗްއާރްއައި އިން ނެރުނު ބަޔާނިގައި ބުނެފައިވެ އެވެ.

ޖެނީން ފޭލިގެ އަވަށުން ސިފައިން ފައިބަން ފެށިކަން އިޒްރޭލުގެ އަސްކަރިއްޔާ އިން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް، ފަލަސްތީނުގެ ގާޒާގެ ބައެއް ސަރަހައްދުތަކަށް އިޒްރޭލު ސިފައިން މިސައިލް ހަމަލާތަކެއް ދިނެވެ. މިއަދު ފަތިހު އިޒްރޭލު ސިފައިން އެންމެ ފުރަތަމަ މިސައިލުން ހަމަލާ ދިނީ ގާޒާގެ އުތުރުގައި އޮންނަ ބައިތު ލާހިޔާ ސަހަރަށެވެ.

އެ ހަމަލާތަކުގައި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު، މާ ގިނައިރުތަކެއް ނުވަނީސް ގާޒާގެ ދެކުނު ސަރަހައްދަށް ވެސް އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން މިސައިލް ހަމަލާތަކެއް ދިނެވެ.

އިޒްރޭލުން ބުނި ގޮތުގައި ގާޒާ އަށް މިސައިލް ހަމަލާތަކެއް ދިނީ، ރޭ ދަންވަރުގެ ވަގުތެއްގައި ގާޒާގެ ތެރެއިން އިޒްރޭލަށް ރޮކެޓްތަކެއް ފޮނުވައިލުމުންނެވެ. ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވައިލި ފަސް ރޮކެޓް ވެސް ވައިގެ ތެރެއަށް ގޮއްވާލައި ވައްޓައިލެވުނު ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ. ނަމަވެސް ގާޒާ އަށް ދިން ހަމަލާތަކުގައި މީހަކު މަރުވިކަމުގެ ނުވަތަ ޒަޚަމްވި ކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.

ޖެނީން ފޭލިގެ އަވަށުގައި އިޒްރޭލުން ހިންގި އުދުވާނީ އަމަލުތަކަށް ބަދަލު ހިފުމުގެ ގޮތުން، ފަލަސްތީނުގެ ޒުވާނަކު އިއްޔެ ވަނީ އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި، އިޒްރޭލުގެ އާންމުންގެ ބައެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފަ އެވެ. އެ ހަމަލާގައި ހަތް މީހަކު ޒަޚަމްކޮށްލައި އަށް ވަނަ މީހާ އަށް ހަމަލާ ދޭން އުޅެނިކޮށް އިޒްރޭލުގެ އާންމުންގެ މީހަކު ވަނީ ފިސްތޯލައިން ހަމަލާ ދީ ފަލަސްތީނުގެ ޒުވާނާ ޝަހީދުކޮށްލައިފަ އެވެ.