Roadha Mihaaru
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް

ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް

06 ނޮވެމްބަރ 2023

އިޒްރޭލުގެ އުދުވާނާ ކުރިމަތިލާން ފެށުމާ މެދު ގޮތެއް ނިންމުމަށް، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ސަލާމަތީ ބާރުތަކުގެ ބައެއް މެމްބަރުންގެ ފަރާތުން، ރައީސް މަހުމޫދު އައްބާސް އަށް 24 ގަޑިއިރުގެ މުހުލަތެއް ރޭ ދީފި އެވެ.

އިޒްރޭލުގެ އުދުވާނާ ކުރިމަތިލާން ފެށުމާ މެދު ގޮތެއް ނިންމުމަށް، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ސަލާމަތީ ބާރުތަކުގެ ބައެއް މެމްބަރުންގެ ފަރާތުން، ރައީސް މަހުމޫދު އައްބާސް އަށް 24 ގަޑިއިރުގެ މުހުލަތެއް ރޭ ދީފި އެވެ.

ފަލަސްތީނު ފުލުހުންގެ ތެރެއިން ބަޔަކު ހިމެނޭ ގޮތަށް "އަބްނާއު އަބޫ ޖުންދަލް"ގެ ނަމުގައި އެކުލަވާލާފައިވާ ފައުޖަކުން އެކްސް (ކުރީގެ ޓްވިޓާ)ގައި އާންމުކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމާ މެދު ރައީސް މަހްމޫދު އައްބާސަށް އޮތީ ދެ އިޚްތިޔާރެކެވެ. އެއް ގޮތަކީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކަމަށް ހުއްދަ ދެއްވުމެވެ.

އެ މުހުލަތުގައި އިޒްރޭލު ސިފައިންނާ ކުރިމަތިލުމުގެ އަމުރެއް ނުދެއްވައިފި ނަމަ، ފުލުހުންގެ ތެރޭގައި ހިމެނޭ ވަކި ބަޔަކު ހޯމަ ދުވަހު (މިއަދު)، ސަލާމަތީ އިދާރާއާ ދެކޮޅަށް ތެދުވެ، އިޒްރޭލާ ކުރިމަތިލުން އިއުލާން ކުރާނެ އެވެ. އަދި ފުލުހުންގެ ތެރެއިން އިޒްރޭލާ ދެކޮޅަށް ނުކުންނަން ތިބި މީހުންގެ ނަންތައް ވެސް މިއަދު އާންމުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގެ ކުރިމަތީގައި މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ޣައްޒާގައި އޮހޮރަމުންދާ ލޭތަކުގެ ކުރިމަތީގައި މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ޣައްޒާގައި އަހަރެމެންގެ ކުޑަކުދިންނާއި އަންހެނުންތައް ގަތުލުކުރަމުން ދާއިރު މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ހުޅަނގު އައްސޭރީގައި އަހަރެމެންގެ ޒުވާނުން ގަތުލުކުރަމުން ދާއިރު މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް،" އަބްނާއު އަބޫ ޖުންދަލްގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.

"އިސްތިއުމާރީންގެ ޖަރީމާތަކަށް ވަރަށް ބޮޑަށް ކެތްކޮށްފިން. އަހަރެމެންގެ ބާރެއް ނެތްކަމުގެ މައްޗަށާއި އަހަރެމެންގެ ހަނުހުރުމުގެ މައްޗަށް ވަރަށް ބޮޑަށް ކެތްކޮށްފިން. ކޮންމެ ދުވަހެއްގެ ކޮންމެ މިނެޓެއްގައި ކުޑަކުދިންނާއި އަންހެނުންގެ މުޅަމަސްތައް ފެންނަމުންދާ އިރު ވެސް، ސަލާމަތީ އިދާރާގެ އަމުރުތަކަށް ތަބާވުމުގައި ވަރަށް ބޮޑަށް ކެތްކޮށްފިން."

އެހެން ނަމަވެސް، މިކަންކަމާ މެދު ގޮތެއް ނިންމައި އިސްތިއުމާރީ ސިފައިންނާ ކުރިމަތިލުމުގެ އަމުރަކަށް އެދި އަބޫ މާޒިން (މަހްމޫދު އައްބާސް) އަށް، މިހިނދުން ފެށިގެން 24 ގަޑިއިރުގެ މުހުލަތެއް ދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ލިބިހިރު ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި އިސްތިއުމާރީންނާ ކުރިމަތިލުމަށް، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އަޚް އަބޫ މާޒިންގެ ފަރާތުން ފާޅުގައި އިއުލާން ނުކުރައްވައިފި ނަމަ، އަހަރެމެންގެ އެއްވެސް މީހަކަށް ކިޔަމަންގަތުމެއް އެއްވެސް އަމުރެއް ތަންފީޒުކުރުމެއް އަދި އެއްވެސް އިދާރާއަކަށް ބޯލަނބައި ކިޔަމަންގަތުމެއް ވެސް ނޯންނާނެ،" އަބްނާއު އަބޫ ޖުންދަލްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން އަބްނާއު އަބޫ ޖުންދަލްގެ ފައުޖުގައި ގިނަ އަދަދެއްގެ މެމްބަރުން މިހާރު ވެސް އެބަ ތިއްބެވެ. އަދި ރައީސް މަހްމޫދު އައްބާސް އަށް ދީފައިވާ މުހުލަތު ހަމަވުމަށް ފަހު، އަބްނާއު އަބޫ ޖުންދަލްގެ މެމްބަރުންގެ ނަންތައް ވަކިވަކިން އިއުލާން ކުރާނެ ކަމަށާއި، ރައްޔިތުންނަށް ޚިޔާނާތްތެރި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހަމާސް ނައްތައިލުމުގެ ނަމުގައި އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 9700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމުގެ އިތުރުން، ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށް އިޒްރޭލު ސިފައިން އަރައި 150 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 2080 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ. އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ވަދެ އެ ހުރިހާ ޖަރީމާއެއް ހިންގާއިރު، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ފުލުހުންގެ ޚިދުމަތެއް ގާއިމުކޮށްފަ އޮންނަ އިރު ވެސް އެކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅަ އެވެ.

އޭގެ އިތުރުން، އެމެރިކާގެ ފުރިހަމަ ތާއީދާއެކު އިޒްރޭލުން އެ ހުރިހާ ޖަރީމާތަކެއް ހިންގަމުން ދާއިރު، ރައީސް މަހްމޫދު އައްބާސް އިއްޔެ ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ބްލިންކެން ވިދާޅުވީ ހުޅަނގު އައްސޭރީގެ ރައްޔިތުން މައިތިރި ކުރުމުގައި މަހްމޫދު އައްބާސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތައް ދެ ވަނަ މަހަށް ފެށިގެން ދިޔައިރު، ފަލަސްތީނުގެ 9700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 24000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2600 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2200 އަށް ވުރެ މަތިވެފަ އެވެ.

އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 345 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5400 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 345 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.