Roadha Mihaaru
ދިއްދޫ މީހުން ކައުންސިލްގެ އިދާރާގައި އިހުތިޖާޖުކުރަނީ

ނެރުގެ މައްސަލަ ހައްލުކޮށް ނުދީގެން ދިއްދޫ މީހުން ކައުންސިލްގެ އިދާރާގައި އިހުތިޖާޖުކުރަނީ

06 ޖުލައި 2023

އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލު ނުވުމުން، އެ ރަށުގެ މީހުން މިއަދު އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލު ނުވުމުން، އެ ރަށުގެ މީހުން މިއަދު އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

ކައުންސިލްގެ މެމްބަރު އަނީސް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި މިއަދު ހެނދުނުން ފެށިގެން އާންމުން ކައުންސިލުގެ އިދާރާގައި ތިބެގެން އިހުތިޖާކުރަމުންދާ ކަމަށެވެ. އަދިވެސް އާންމުން އެތަނުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އަނީސް ވިދާޅުވި ގޮތުގައި، އާންމުންގެ ކަންބޮޑުވުމަކީ ބަނދަރުގެ ނެރު މިހާރު އޮތް ގޮތުން ގަދަ ދުވަސްވަރުގައި ފަޅު ތެރޭގައި އުޅަނދުފަހަރު އަޅާފައި ނުބޭއްވޭ ވަރަށް ފަޅު ތެރެ ވެސް ގަދަވުމެވެ. އޭގެ ސަބަބުން އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

މިހާރު ކުރާ ވިއްސާރާގައި އިއްޔެ ވެސް އެ ރަށު ފަޅުގައި އޮތް ލޯންޗެއް ބަންޑުން ޖަހާލައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އާންމުން މިއަދު އިހުތިޖާޖަށް ނުކުތީ ވެސް އެހެންވެ އެވެ.

މިހާރު ކުރާ ވިއްސާރާގައި ދިއްދޫ ބަނދަރުގައި އޮތް ލޯންޗެއް ބަންޑުންޖަހާލައިފައި.

މިހާރު ކުރާ ވިއްސާރާގައި ދިއްދޫ ބަނދަރުގައި އޮތް ލޯންޗެއް ބަންޑުންޖަހާލައިފައި.

ދިއްދޫ ބަނދަރަކީ ދައުލަތުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2021 ވަނަ އަހަރު ހެދި ބަނދަރެކެވެ.

އެ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ކައުންސިލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން އެ މަސައްކަތް ވެސް ކުރަން އޮތީ ޕްލޭންކޮށްފަ އެވެ. މިއަހަރުގެ ބަޖެޓުގައި ވެސް އެކަން ހިމެނިޔަސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ޔަގީންނުވާތީ އާންމުންގެ ކަންބޮޑުވުން އެކަމުގައި އޮތީ އެވެ.

"އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް ދެ ފަހަރަކު ދަންނަވައިފިން. އަޅުގަނޑުމެން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި އިރު، ދެ ފަހަރު ވެސް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި،" އަނީސް ވިދާޅުވި އެވެ.

ދިއްދޫ ބަނދަރުގެ ނެރުގެ މައްސަލަ ހައްލުނުވެގެން އާންމުން ކައުންސިލް އިދާރާގައި ތިބެގެން އިހުތިޖާޖުކުރަނީ.

ދިއްދޫ ބަނދަރުގެ ނެރުގެ މައްސަލަ ހައްލުނުވެގެން އާންމުން ކައުންސިލް އިދާރާގައި ތިބެގެން އިހުތިޖާޖުކުރަނީ.

"އެކަމަކު އެކަން ހައްލު ނުވެ އޮއްވާ އަނެއްކާވެސް ގަދަ ދުވަސްވަރު އައިސް ފަޅުގައި ހުރި އުޅަނދުފަހަރަށް އެ ދަނީ ގެއްލުން ވަމުން."

އޭނާ ވިދާޅުވީ، އެ މަސައްކަތް ފެށޭނެ ދުވަހެއްގެ ޔަގީންކަން ނުދެނީސް އާންމުން ކައުންސިލް އިދާރާއިން ނުކުންނަން ދެކޮޅު ހަދަމުން ދާ ކަމަށެވެ. އެހެންވެ، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނަޔަސް އަދިވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އާންމުން ކައުންސިލްގެ އިދާރާއިން ނުކުންނަން ދެކޮޅު ހަދާތީ ފުލުހުންގެ ޓީމެއް މިހާރު އެބަ އެ ރަށަށް ދެ އެވެ.