Roadha Mihaaru
އޮޑިޓަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގުކުރަނީ

ދިއްދޫ ކައުންސިލްގެ ފައިނޭންޝަލް ކޮންސަލްޓަންޓް އޮޑިޓަށް ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

29 އޯގަސްޓް 2024

އދ. ދިއްދޫ ކައުންސިލްގެ ކުރީގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމުގައި ހުރި މީހާ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރި މައްސަލަ ފުލުހުން އިއްޔެ ތަހުގީގު ކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިއްދޫ ކައުންސިލްގެ ކުރީގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމުގައި ހުރި މީހާ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރި މައްސަލަ ފުލުހުން އިއްޔެ ތަހުގީގު ކުރަން ފަށައިފި އެވެ.

ދިއްދޫ ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓަކަށް ކުރިން ހުރި ފ. ނިލަންދޫ، އިގްބާލް ހަމީދުގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަން ފުލުހުން މިއަދު ކަށަވަރުކޮށްދިނެވެ.

ފުލުހުން ބުނީ ދިއްދޫ ކައުންސިލްގެ ކުރީގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެ ރަށު ކައުންސިލުން އިއްޔެ ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އޮޑިޓް އޮފީހުން ދާދިފަހުން އާންމުކުރި ދިއްދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން އެނގުނު ގޮތުގައި އެ ރަށު ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓް ވަނީ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ބަދަލުކޮށް، އޮޑިޓަރުންނަށް އޮޅުވާލަން މަސައްކަތްކޮށްފަ އެވެ. އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފަ އެވެ. އަދި އެ ކައުންސިލްގެ ކުރީގެ ސެކެޓްރީ ޖެނެރަލް ބެހެއްޓުމަށް ކައުންސިލުން ގެއެއް ކުއްޔަށް ހިފުމުގައި ހުރި މައްސަލަތަކެއް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދިއްދޫ ކައުންސިލްގެ ކުރީގެ ސެކެޓްރީ ޖެނެރަލާއި އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓަކީ ދެމަފިރިންނެވެ.

އެކަމާ ގުޅިގެން ދިއްދޫ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި އެކަން ކޮށްފައިވަނީ އޭރުގެ ސެކްރެޓަރީ ޖެނެރަލާއި އޭނާގެ ފިރިމީހާ އެވެ. އެ ހުރިހާ ކަމެއް ކުރީ ކައުންސިލަރުންނަށް ވެސް އޮޅުވާލައިގެންނެވެ. އަދި އޭނާގެ ފިރިމީހާ އެ ވަޒީފާއަށް ހަމަޖެއްސީ ވެސް އޮޅުވާލައިގެން ކަމަށާއި އެ ހުރިހާ ކަމަކަށް އެސްޖީ އެއްބަސްވި ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އޮޑިޓުން ބެލިބެލުމުގައި މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ގެ ނިޔަލަށް ކައުންސިލްގެ އެކައުންޓުން އެސްޖީގެ ފިރިމީހާގެ އަމިއްލަ އެކައުންޓަށް، ސަރުކާރުގެ އިމާރާތްތަކުގެ ކަރަންޓު ބިލު ދެއްކުމަށާއި ކައުންސިލަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް އެކިފަހަރު މަތިން 138،517.99ރ. ފޮނުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި، އޮޑިޓް އޮފީހަށް އެކަން ފަޅާއެރުމުން އެސްޖީ ވަނީ އިސްތިއުފާ ދިނުމަށް ފަހު އެ ރަށުން ފުރައިފަ އެވެ. އަދި އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމުގައި ހުރި އޭނާގެ ފިރިމީހާ ވެސް ވަނީ އެކަން ފަޅާއެރުމުން ވަޒީފާއިން ވަކިކޮށްފަ އެވެ.