Roadha Mihaaru
މި ސަރުކާރާ ހަމައަށް ޖެމްސް އޮތީ އައިސީޔޫގައި: ޝައުނާ

މި ސަރުކާރާ ހަމައަށް ޖެމްސް އޮތީ އައިސީޔޫގައި: ޝައުނާ

10 ޖުލައި 2023

މި ވެރިކަމަށް އައި އިރު، ދައުލަތުގެ އިދާރާތަކުގެ މެދުގައި މުއާމަލާތްކުރަން ބޭނުންކުރާ ޖެމްސް ނިޒާމު އޮތީ އައިސީޔޫގައި ކަމަށް، ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ވެރިކަމަށް އައި އިރު، ދައުލަތުގެ އިދާރާތަކުގެ މެދުގައި މުއާމަލާތްކުރަން ބޭނުންކުރާ ޖެމްސް ނިޒާމު އޮތީ އައިސީޔޫގައި ކަމަށް، ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހުރިހާ އިދާރާއަކުން އާއްމުން ހިދުމަތް ހޯދުމަށް އޮންލައިން ޕޯޓަލް، "ވަންގަވް" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ ސަރުކާރުގެ އެއް އިދާރާއަކުން އަނެއް ތަނަކަށް ފޮނުވާ ސިޓީތައް ޑްރާފްޓްކޮށް ނުފޮނުވި ދެ ތިން ދުވަސް ފާއިތުވެދާނެ ކަމަށެވެ. އެކަމުގެ ޝަކުވާތައް އެކި ފަރާތްތަކުން ދިޔައީ ހިއްސާކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ 13 އަހަރު ކުރިން، 2010 ވަނަ އަހަރު ލޯންޗުކުރި ޖެމްސް އޮތީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރު އައިއިރު އައިސީޔޫގަ އެވެ. އެހެންވެ، އޭނާ ޓެކްނޮލޮޖީ މިނިސްޓަރުކަމަށް ވަޑައިގެން އެންމެ އިސްކަންދެއްވި އެއް ކަމަކީ ސަރުކާރަށް ފޮނުވާ ސިޓީތަކަށް އަވަހަށް ޖަވާބު ދިނުމުގައި ލުއި ފަސޭހަތަކެއް ހަމަޖައްސައިދިނުން ކަން ފާހަގަކުރެއްވި އެވެ.

ޝައުނާ ވިދާޅުވީ އިދާރާތަކަށް ފޮނުވާ ސިޓީތައް، މިނިސްޓަރުންނަށް ޖެމްސް އިން ފަސޭހައިން ފެންނާކަށް ނުހުރެ އެވެ. އެ ސިސްޓަމަށް އަލަށް ގެނައި ބަދަލަކީ، މިނިސްޓަރުން އަދި ތަންތަނުގެ ވެރިންނަށް، އެ މިނިސްޓްރީ ނުވަތަ އިދާރާއެއްގެ މުވައްޒަފުންނަށް ހަވާލުކޮށްފައި ހުންނަ މަސައްކަތްތައް އަދި ޖަވާބުދޭ މިންވަރު ބެލޭނެ ގޮތެކެވެ.

ފަސް މިނިސްޓްރީއަކާއެކު ޖެމްސްގެ ފަހުގެ އަޕްޑޭޓު އަންނަނީ ތަޖުރިބާކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ތަނުގެ އަމާޒަކީ ސަރުކާރުގެ 400 އެއްހާ އިދާރާ، ޖެމްސްގެ އާ ނިޒާމުގެ ތެރެއަށް ވެއްދުމެވެ.

ޖެމްސް އަދި އާއްމުންނަށް ހިދުމަތް ދޭ "ވަންގަވް" އާއެކު ޑިޖިޓަލް ރާއްޖެއަކަށް ދާއިރު މައުލޫމާތުގެ ރައްކާތެރިކަމަށް ވިސްނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ސައިބަ ސެކިއުރިޓީ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތްކުރާއިރު، ޑޭޓާ ޕްރައިވެސީ އަދި ޕްރޮޓެކްޝަން ބިލަށް އާއްމުންގެ ހިޔާލު ހޯދަން ވަނީ ފަށައިފަ އެވެ.

ޑިޖިޓަލް ރާއްޖެއަށް ހެދުމަށް ކުރާ މަސައްކަތް ފުރިހަމަވާނީ، ޝައުނާ ވިދާޅުވި ގޮތުގައި، އެ ގާނޫނުތަކާއެކުގަ އެވެ.

އައިޓީ ދާއިރާގެ މުވައްޒަފުން މަގާމުގައި ދެމެހެއްޓުމަށް އުނދަގޫ ކަމަށާއި އެންސީއައިޓީގައި ތިބީ އަތުން ގުނާލެވޭ ފަންނީ މުވައްޒަފުން ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. ނަމަވެސް، މުސާރަ ބޮޑުކޮށް، އެންއައިސީޓީގެ ބަޖެޓު 122 ޕަސެންޓަށް އިތުރުކޮށް މުވައްޒަފުންގެ އަދަދު 38 އަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.