Roadha Mihaaru
ޓެކްނޮލޮޖީ ފަހަތުން ނުދުވެ ބަލަނީ އިންގިލާބީ ބަދަލަކަށް

ޓެކްނޮލޮޖީގެ ފަހަތުން ދުވުމުގެ ބަދަލުގައި ބަލަނީ އިންގިލާބީ ބަދަލަކަށް: ޝައުނާ

14 ސެޕްޓެމްބަރ 2021

ޓެކްނޮލޮޖީގެ ފަހަތުން ދުވުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައި ޖަޒީރާ ރާއްޖޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެކްނޮލޮޖީގެ ފަހަތުން ދުވުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައި ޖަޒީރާ ރާއްޖޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އޮފީސްތަކަށް އެކި ކަންކަމާއި މައްސަލަތައް ހުށަހެޅުމަށް ތައާރަފްކުރި "ގަވް.އެމްވީ" ޕޯޓަލް ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ ޓެކްނޮލޮޖީއަކީ އިންޓަނެޓުގެ އަގު ހެޔޮވުން ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އޭގެ އަގު ހެޔޮވެ، ރަނގަޅު ފެންވަރުގެ ހިދުމަތް ލިބުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި އެ ޕޯޓަލްގެ ބޭނުން ހިފަން ފެށުމުން ހިދުމަތް ލިބިގަންނަ ގޮތާއި ސަރުކާރާ މުއާމަލާތް ކުރެވޭ ގޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އޭގައި އިދާރާތަކަށް ހުށަހަޅާ މައްސަލަތަކުގެ އަދަދު ވަކިން އެނގޭނެ ޑޭޝްބޯޑެއް ގާއިމްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ކޮވިޑުގެ ސަބަބުން ކުރި ތަޖުރިބާއަކީ ޓެކްނޮލޮޖީއާ ނުލައި ދިރިއުޅުމަކީ ވަރަށް ދަތިކަމަކަށް ވިޔަސް ޓެކްނޮލޮޖީން ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މުޅި ދުނިޔެ ބަންދުވެގެން ދިޔައިރު އެކަކަށް ހަމަ ހީވެސް ނުވޭ ދުނިޔެ ބަންދުވެފައި އޮތްކަން. އެއް ގައުމު އަނެއް ގައުމުގައިވާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް އަޅުގަނޑުމެންނަށް ވެސް އައީ ލިބެމުން. ލައިވްކޮށް ހަމަ ކޮންމެ ކަމެއް ވެސް ބެލިން. އަދި މައުލޫމާތު ބަދަލުކޮށް ވަޒީފާ އަދާކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ވެސް ގޭގައި ތިބެގެން ކުރަމުން އައިން،" މިނިސްޓަރު ވިދާޅުވި އެވެ.

"ގަވް.އެމްވީ" ޕޯޓަލަކީ ސަރުކާރުގެ ލިޔުންތައް ރަސްމީކޮށް ބަދަލުކުރާ ނިޒާމު، ޖެމްސްއާ ގުޅާލާފައިވާ ނިޒާމެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ މީހަކަށް ވެސް އެ ޕޯޓަލް މެދުވެރިކޮށް މައްސަލަތަކާއި ޝަކުވާތައް ހުށަހެޅޭނެ އެވެ.

ޝައުނާ ވިދާޅުވީ ޓެކްނޮލިޖީ ފުޅާކޮށް، ސަރުކާރުން ދޭ ހިދުމަތްތައް އެކަށީގެންވާ ގޮތަށް ދިނުމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ބަދަލުކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ. އެ ސެންޓަރަށް ބޭނުންވާ ތަރައްގީ ނުގެނެވި އެތައް އަހަރެއް ވެގެން ދިޔަ ކަމުގައި ވިޔަސް ސަރުކާރުގެ ޕްލޭނުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔެ ބަންދުވެގެން ދިޔައިރު އެކަކަށް ހަމަ ހީ ވެސް ނުވޭ ދުނިޔެ ބަންދުވެފައި އޮތްކަން. އެއް ގައުމު އަނެއް ގައުމުގައިވާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް އަޅުގަނޑުމެންނަށް ވެސް އައީ ލިބެމުން. ލައިވްކޮށް ހަމަ ކޮންމެ ކަމެއް ވެސް ބެލިން. އަދި މައުލޫމާތު ބަދަލުކޮށް ވަޒީފާ އަދާކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ވެސް ގޭގައި ތިބެގެން ކުރަމުން އައިން. --ޝައުނާ

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލްކުރަމުން އަންނައިރު، ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތައް ޑިޖިޓަލްކުރުން މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭރުން އެ މީހެއްގެ ސިއްހީ ރިކޯޑުތައް އަމިއްލައަށް ބަލައިލެވޭނެ އެވެ.