ނެދަލޭންޑްގެ ސްކޫލްތަކުގެ ދަރިވަރުން މޮބައިލް ފޯނު ފަދަ ތަކެތި ސްކޫލުގައި ބޭނުންކުރުން މަނާ ކުރުމަށް، އެ ގައުމުގެ ސަރުކާރުން ނިންމައި، އެކަމަށް ބެލެނިވެރިން ތައްޔާރުވުމަށް މުހުލަތެއް ދީ ސްކޫލްތަކަށް އެކަން އަންގައިފި އެވެ.
ނެދަލޭންޑްގެ ސްކޫލްތަކުގެ ދަރިވަރުން މޮބައިލް ފޯނު ފަދަ ތަކެތި ސްކޫލުގައި ބޭނުންކުރުން މަނާ ކުރުމަށް، އެ ގައުމުގެ ސަރުކާރުން ނިންމައި، އެކަމަށް ބެލެނިވެރިން ތައްޔާރުވުމަށް މުހުލަތެއް ދީ ސްކޫލްތަކަށް އެކަން އަންގައިފި އެވެ.
ސަރުކާރުން ބުނި ގޮތުގައި ދަރިވަރުން ސްކޫލްތަކަށް ދާއިރު، މޮބައިލް ފޯނާއި ސްމާޓް ފޯނާއި ސްމާޓް ގަޑި އާއި ޓެބްލެޓް އަދި އައިޕެޑް ފަދަ ތަކެތި ގެންދިއުން މަނާކުރަން ނިންމީ، އެފަދަ ތަކެތި ހިފައިގެން ސްކޫލަށް ދިއުމުން ކުދިންގެ ކިޔެވުމަށް ހުރަސްއެޅޭތީ އެވެ. ސްކޫލްތަކުގެ ވެސް އެދުމުގެ މަތިން ސަރުކާރުން މި ނިންމި ނިންމުމަށް އަމަލު ކުރަން ފަށާނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ އެކު އެވެ.
ނެދަލޭންޑްގެ އާންމު ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދިރާސީ އަހަރު ފެށޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ދީން (ކްރިސްޓިއަން، ޔަހޫދީ އަދި މުސްލިމް) ކިޔަވައިދިނުމަށް ޚާއްސަ ސްކޫލްތަކުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ދަރިވަރުން ސްކޫލްތަކަށް މޮބައިލް ފޯން ގެންދިއުން މަނާކުރި ނަމަވެސް، ސިއްހީ ބޭނުންތަކަށާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ވަކި ފަންނުތަކަކާ ގުޅޭ ގޮތުން ކިޔަވާ ކުދިން، ކޮންމެހެން ގެންދަންޖެހޭ ސްމާޓް އާލާތްތައް ގެންދިއުން ހުއްދަ ވާނެ އެވެ. އޭގެ ތެރޭގައި އައިޓީ އާއި ކޮމްޕިއުޓިން އަދި ގްރެފިކްސް ޑިޒައިން ކިޔަވާ ކުދިން ހިމެނެ އެވެ.
މޮބައިލް ފޯން ގެންދިއުން ނެދަލޭންޑްސްގައި މި މަނާކުރަނީ ގާނޫނަކުން ނޫން ނަމަވެސް، މި ކަމާ ގުޅޭ ގާނޫނެއް ފާސްކޮށް ވަރަށް އަވަހަށް އަމަލުކުރަން ފެށުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ މި ނިންމުމާ އެއްގޮތަށް އަމަލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކަށް އޮންނާނެ އެވެ.
"މޮބައިލް ފޯނަކީ ވަރަށް ބޭނުންތެރި ވަސީލަތަކަށް ވާތީ އަހަރެމެންގެ މުޅި ދިރިއުޅުމާ އޮތީ ގުޅިފައި. އެހެން ނަމަވެސް، އެއީ ކްލާސް މާހައުލާ އެކަށީގެންވާ އާލާތެއް ނޫން،" ނެދަލޭންޑްސްގެ ތައުލީމާ ބެހޭ ވަޒީރު ރޮބަޓް ޖިގްރާފް ވިދާޅުވި އެވެ.
"ކްލާސް ތެރޭގައި ކުދިންގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުންނަންޖެހޭނީ ކްލާސްރޫމްގައި ކިޔަވައިދީ އުނގަންނައިދޭ އެއްޗަކަށް. އަދި ކްލާސް ތެރޭގައި ކިޔަވައިދޭ އެއްޗެއްސާއި ކަންކަން އުނގެނި ދަސްކުރުމުގެ ފުރުސަތު އެ ކުދިންނަށް ތަނަވަސްވެފައި އޮންނަންވާނެ. ސައެންޓިފިކް ދިރާސާތަކުން އަހަރެމެންނަށް މިހާރު ކަށަވަރު ވެފައި އޮތީ، މި ކަންކަމަށް މޮބައިލް ފޯނުތަކުން ހުރަސް އެޅޭ ކަމަށް."
އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް ސްކްރީންގެ ތެރެއަށް ކުދިންގެ ނަޒަރު ހުއްޓައިގެން ތިބޭ ވަގުތު މަދުކުރި ވަރަކަށް، އެ ކުދިންގެ ވިސްނުމުގެ ފެންވަރު ރަނގަޅުވެ، ކަންކަމަށް ސިކުނޑިން ދޭ ސަމާލުކަން އިތުރުވާ ކަން ދިރާސާތަކުން ކަށަވަރުވެ އެވެ.
ނެދަލޭންޑްގެ ސްކޫލްތަކުގައި މިކަން މަނާކުރި އިރު، މިދިޔަ ޖޫން މަހުގެ ފަހުކޮޅު ފިންލޭންޑުން ވެސް ވަނީ އެ ގައުމުގެ ސްކޫލްތަކުގައި ދަރިވަރުން ސްމާޓް އާލާތްތައް ބޭނުންކުރުން މަނާކޮށްފަ އެވެ. އޭގެ އިތުރުން، އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުގައި ވެސް ސްކޫލްތަކުގައި ދަރިވަރުން ސްމާޓް އާލާތްތައް ބޭނުންކުރުން މަނާ ކުރުމާ ބެހޭ ގޮތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އިންޑިއާގެ ކޮލެޖަކުން މޮބައިލް ފޯނު މަނާކޮށްފި
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ތިން ތަނުން ފަށްޖެހޭ ފޯނެއް ސެމްސަންގުން ނެރެފި
ސިންގަޕޫރު ސުކޫލްތަކުގައި ފޯނު މަނާކުރުން ހަރުކަށިކޮށްފި
އަމިއްލަ ރަށުގެ ތައުލީމު ބަދަލުކޮށްލި ޕްރިންސިޕަލް
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
ސްކޫލްތަކުން ވޭޕް ސްޓިކް ނުފެނެއޭ ބުނާވަރަށް މަދުވެއްޖެ
ޑޮލަރު ލިމިޓްގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓްރީއަށް
ހާއްސައެހީ ބޭނުންވާ ކުދިންގެ ތައުލީމަށް ބޮޑު މަޝްރޫއެއް