Roadha Mihaaru
އިންޑިއާގެ ކޮލެޖަކުން މޮބައިލް ފޯނު މަނާކޮށްފި

އިންޑިއާގެ ކޮލެޖަކުން ދަރިވަރުން މޮބައިލް ފޯން ބޭނުންކުރުން މަނާކޮށްފި

02 ފެބުރުއަރީ 2020

ދަރިވަރުން ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ އަންހެނުންގެ ކޮލެޖަކުން މޮބައިލް ފޯން ބޭނުންކުރުން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިވަރުން ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ އަންހެނުންގެ ކޮލެޖަކުން މޮބައިލް ފޯން ބޭނުންކުރުން މަނާކޮށްފި އެވެ.

ކޮލެޖްގެ އެއްވެސް ކެމްޕަހެއްގައި މޮބައިލް ފޯނު ބޭނުންކުރުން މަނާކުރީ އައުރަންގަބާދު ސިޓީގައި ހިންގާ ޑރ. ރަފީގް ޒަކަރިއާ ވިމެންސް ކޮލެޖްގަ އެވެ. ތިން ސަތޭކަ އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އެ ކޮލެޖަކީ އަންޑަގްރެޖްޓާއި ޕޯސްޓް ގްރެޖްއޭޓް ފެންވަރުގެ ކޯސްތައް ހިންގާ ތަނެކެވެ.

ކޮލެޖުން ބުނެފައިވާ ގޮތުގައި ގިނަ ދަރިވަރުންތަކެއް ކޮލެޖްގައި ހޭދަކުރާ ވަގުތުތަކުގައި މޮބައިލް ފޯނު ބޭނުންކުރާތީ ކިޔެވުމަށް އަސަރުކޮށް، ނަތީޖާ ދަށްވަމުންދާކަން ފާހަގަކުރެވިފައިވެ އެވެ. އެހެންވެ ފޯނު މަނާކުރަން ނިންމީ އެވެ.

މިކަމާ ބެހޭ ގޮތުން ކޮލެޖްގެ ޕްރިންސިޕަލް ޑރ. މަގްދޫމް ފާރޫގީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ވިދާޅުވީ ގިނަ ދަރިވަރުން މިހާރު ގެންގުޅޭ ސްމާޓްފޯނުތަކާ ހެދި ކިޔެވުމަށް ދެވޭ ސަމާލުކަން ކުޑަވުމުގެ އިތުރަށް ދޭދޭ ދަރިވަރުންގެ މެދުގައި އޮންނަން ޖެހޭ ގުޅުމަށް ވެސް ބުރޫ އަރަމުންދާ ކަމަށެވެ.

"އެހެންވެ މިހާރު އެކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކޮލެޖްގެ އެއްވެސް ކެމްޕަހެއްގެ ކުލާސްރޫމަކަށް ފޯނު ވެއްދުން ވަނީ މަނާކޮށްފައި،" އޭނާ ވިދާޅުވި އެވެ. "ފޯނާ އެކު ކޮލެޖަށް އަންނަ ދަރިވަރުން ޖެހޭނެ ކުލާސްރޫމްތަކަށް ވަނުމުގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ކޮލެޖްގެ ޔުނިޓާ ހަވާލުކުރަން. އަދި އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭނެ ފޯނުތަކެއް ކޮލެޖްގެ ރީޑިން ރޫމްގައި ބަހައްޓާފައި ހުންނާނެ."

މިކަމާ ބެހޭ ގޮތުން ކޮލެޖްގެ ޕޮލިޓިކަލް ސައިންސް ޑިޕާޓްމަންޓްގެ ހެޑް ޕްރޮފެސަރު ޑރ. ޓީއޭ ޕައިތަންކަރު ވިދާޅުވީ ކޮލެޖްގައި ފޯނު ބޭނުންކުރުމަކީ ތަންކޮޅެއް ހަރުކަށި ފިޔަވަޅެއް ކަމަށް ކުރިން ބެލެވުނަސް، މީގެ 15 ދުވަސްކުރިން ފޯނު ބޭނުންކުރުން މަނާކުރުމާ ގުޅިގެން ދަރިވަރުންގެ ފަރާތުން މިހާރު ހެޔޮ ބަދަލުތަކެއް ފެންނަމުން އަންނަ ކަމަށެވެ.

"މިހާރު ދަރިވަރުން ކިޔެވުމަށް ކޮންސެންޓްރޭޓްކުރާ މިންވަރު އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވެން ފަށާފައިި. އެހެންވީމާ މި ނިންމުމަކީ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް ގަބޫލުރެވެނީ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އިންޑިއާގެ ބައެއް ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފައިވެ އެވެ.