Roadha Mihaaru
އީޕީއޭ އަށް ޖޫރިމަނާ ނުދައްކާ އަދަދު ބައި ބިލިއަނަށް!

އީޕީއޭ އަށް ޖޫރިމަނާ ނުދައްކާ ހުރި އަދަދު ބައި ބިލިއަނަށް ވުރެ ބޮޑު!

13 ޖުލައި 2023

ތިމާވެއްޓާ ގުޅޭ މައްސަލަތަކުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާ ކުރި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދު 600 މިލިއަނަށް ވުރެ ގިނަ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ތިމާވެއްޓާ ގުޅޭ މައްސަލަތަކުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާ ކުރި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދު 600 މިލިއަނަށް ވުރެ ގިނަ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު"ން އީޕީއޭ އަށް ހުށަހެޅުމުން އެ އިދާރާ އިން ހިއްސާ ކުރި މައުލޫމާތުން އެނގޭ ގޮތުގައި އީޕީއޭ އިން ޖޫރިމަނާ ކުރި ކުންފުންޏާއި ވަކިވަކި ފަރުދުންގެ ތެރެއިން މިހާތަނަށް 53 ފަރާތެއް އަދިވެސް ޖޫރިމަނާ ނުދައްކަ އެވެ.

އެ އަދަދު ޖުމްލަ 676.4 މިލިއަނަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި މީގެ 14 އަހަރު ކުރިން ކޮށްފައިވާ ޖޫރިމަނާތައް ވެސް ހިމެނެ އެވެ.

އެންމެ ގިނަ ދުވަސްވީ މައްސަލައަކީ އީޕީއޭ އިން ބުނާ ގޮތުން ގދ. ވަޓަވައްރެހާ ނަމަކަށް ކިޔާ ފަޅު ރަށެއް އީއައިއޭ ރިޕޯޓާ ހިލާފަށް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރި މައްސަލަ އެކެވެ. އެ މައްސަލާގައި މިހާރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާޒް މޯލްޑިވްސް ވަނީ 12.9 މިލިއަނުން ޖޫރިމަނާ ކޮށްފަ އެވެ.

ނަމަވެސް އެ ފައިސާ ލިބިފައި ނުވާތީ އީޕީއޭ އިން ބުނެފައި ވަނީ ފައިސާ ހޯދޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށެވެ.

ޖޫރިމަނާ ކޮށްފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި ވެލާ ހިފުމާއި ހިމާޔަތް ކޮށްފައިވާ ދޫނި ގެންގުޅުމުގެ 17 މައްސަލައެއް ހިމެނެ އެވެ. އަދި ފަރަށް އެރުމާއި ގެއްލުންވާ ގޮތަށް މަސައްކަތް ކުރި 10 މައްސަލައެއް ވެސް ހިމެނެ އެވެ.

މީގެ ތެރެއިން 24 މައްސަލައެއްގައި އީޕީއޭ އިން ބުނެފައި ވަނީ ފައިސާ ހޯދޭނެ ގޮތެއް އަދިވެސް ބަލަމުން އަންނަ ކަމަށެވެ. އަދި އިސްތިއުނާފް ކުރުމަށް އެންވާރަމަންޓް މިނިސްޓަރަށް ހަތަރު މައްސަލައެއް ފޮނުވާފައިވާ ކަމަށާއި އަދިވެސް އެ މައްސަލަތައް ނުނިމޭ ކަމަށް އެ އެޖަންސީން ބުންޏެވެ.

މީގެ އިތުރުން އެ ފަރާތްތަކަށް ދައުވާ ކުރުމަށް 10 މައްސަލައެއް ފޮނުވާފައިވާ އިރު އޭގެ ތެރެއިން ހަ މައްސަލައެއް އެ އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އަދި ހަތަރު މައްސަލައެއް އަދިވެސް އޮތީ އޭޖީ އޮފީހުގަ އެވެ.