Roadha Mihaaru
މައިނާ ހޮޓެލްސް އިން ރާއްޖޭގެ އިތުރު ރިސޯޓެއް ގަނެފި

މައިނާ ހޮޓެލްސް އިން ރާއްޖޭގެ އިތުރު ރިސޯޓެއް ގަނެފި

12 ޖުލައި 2023

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގާ ތައިލެންޑްގެ މައިނާ ހޮޓެލްސް އިން ރާއްޖޭގެ އިތުރު ރިސޯޓެއް ގަނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގާ ތައިލެންޑްގެ މައިނާ ހޮޓެލްސް އިން ރާއްޖޭގެ އިތުރު ރިސޯޓެއް ގަނެފި އެވެ.

މައިނާ ހޮޓެލްސް އިން ގަތީ ގދ. އަތޮޅުގައި މީގެ ހަތް އަހަރު ކުރިން ހުޅުވި އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓެވެ. އެ ރިސޯޓު ވިއްކުމުގެ މުއާމަލާތް ހިންގާފައި ވަނީ ރިއަލް އެސްޓޭޓް އޭޖެންޓް ޖޭއެލްއެލް މެދުވެރިކޮށެވެ. މިއީ ޖޭއެލްއެލް އިން މި އަހަރު ރާއްޖެއިން ވިއްކި ފުރަތަމަ ރިސޯޓެވެ.

އަމާރީ ހަވޮއްޑާ ގަތުމުން މިއީ މައިނާ އިން ރާއްޖޭގައި ހިންގާ ހަތް ވަނަ ރިސޯޓެވެ. އެއީ އަނަންތާރާ ކިހާވައް، އަނަންތާރާ ވެލި، އަނަންތާރާ ދިގު، ނަލަދޫ ޕްރައިވެޓް ލިމިޓެޑާއި ނިޔާމަ ފްރައިވެޓް އައިލެންޑުގެ އިތުރުން މި އަހަރު ހުޅުވި އަވާނީ ފަރެސް މޯލްޑިވްސް އެވެ.

އަމާރީ ހަވޮއްޑާގެ ކޮޓަރިއެއް: އެ ރިސޯޓުގައި 120 ވިލާ ހުރޭ-- ފޮޓޯ: އަމާރީ ހަވޮއްޑާ

އަމާރީ ހަވޮއްޑާގެ ކޮޓަރިއެއް: އެ ރިސޯޓުގައި 120 ވިލާ ހުރޭ-- ފޮޓޯ: އަމާރީ ހަވޮއްޑާ

ޖޭއެލްއެލް އިން ބުނީ މައިނާ ހޮޓެލްސް އަށް ރިސޯޓު ވިއްކާ ވިއްކާލުމުގައި އެ ކުންފުނީގެ ފައިނޭންޝަލް ޕާޓްނަރު އަބޫ ދާބީ ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ބައިވެރިވި ކަމަށެވެ.

އަމާރީ ހަވޮއްޑާ އަކީ 120 ވިލާ ހިމެނޭ ރިސޯޓެކެވެ. އެ ރިސޯޓު ޑިޒައިން ކޮށްފައި ވަނީ ފްރާންސްގެ މަޝްހޫރު އިންޓީރިއާ ޑިޒައިނާ އިޒަބެލް މިއާޖާ އެވެ.

ޖޭއެލްއެލް އިން ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓުތައް ވިއްކާ އިރު މިދިޔަ އަހަރު ވެސް އެ ކުންފުނިން ވަނީ 200 މިލިއަން ޑޮލަރަށް ވުރެ އިތުރު ވިޔަފާރީގެ މުއާމަލާތް ހިންގައިފަ އެވެ. އެ ކުންފުނިން 2012 ވަނަ އަހަރުން ފެށިގެން 15 ރިސޯޓަށް ވުރެ ގިނަ ރިސޯޓު ވިއްކުމުގައި ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.