Roadha Mihaaru
މިނިވަން ދުވަހު މާލޭގައި ގިނަ ހަރަކާތްތަކެއް!

ފުޅަނދުބުރާ އެކު މިނިވަން ދުވަހު މާލޭގައި ގިނަ ހަރަކާތްތަކެއް!

13 ޖުލައި 2023

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ގިނަ ކުޅިވަރު ހަރަކާތްތައް ބާއްވަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ގިނަ ކުޅިވަރު ހަރަކާތްތައް ބާއްވަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ރައީސް އޮފީހާއި މިނިސްޓްރީތަކާ އަދި ސަރުކާރު ކުންފުނިތައް ގުޅިގެން، މި މަހު 26 ގައި ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެ އާއި ރަށްރަށުގައި ގިނަ ހަރަކާތްތައް ބާއްވަން ރާވާފައިވާ ކަމަށެވެ. މި މަހު 25 އިން ފެށިގެން އަންނަ މަހު ހަތަރެއްގެ ނިޔަލަށް މިނިވަން ދުވަހުގެ ހަރަކާތްތައް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ބޭއްވި ޕެރޭޑްގައި ސިފައިންގެ ލަސްކަރު ހަތިޔާރާއެކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ބޭއްވި ޕެރޭޑްގައި ސިފައިންގެ ލަސްކަރު ހަތިޔާރާއެކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިނިސްޓްރީން ބުނި ގޮތުގައި މިނިވަން ދުވަހު އޮންނާނެ މުހިންމު ހަރަކާތްތަކަކީ؛

• 26 ވަނަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތާއި ރަސްމީ ޖަލްސާ (އެ ޖަލްސާގައި ގައުމީ އިނާމު ދިނުން އޮންނާނެ).

• ރާއްޖޭގެ އެކި ރަށްރަށުގައި މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ދެއްކުމަށް ޓީވީ ކަވަރޭޖެއް.

• 26 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ސްކޫލް ކުދިންގެ އައިޓަމްތަކާއި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް.

• 27 ވަނަ ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑު.

• 27 ވަނަ ދުވަހުގެ ރޭ މަޖީދީ މަގާއި ސޯސަން މަގާއި މެދުޒިޔާރަތް މަގުގައި އަދި ހުޅުމާލޭގައި ފުޅަނދުބުރު.

• 28 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން.

• މި މަހު 28 އިން އަންނަ މަހު 4 އަށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ހުޅުމާލޭގައި ކާނިވަލެއް.

މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

މާލެ: ޖުލައި 27، 2019: މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ފުޅަނދުބުރު.-- ފޮޓޯ: މިހާރު

މާލެ: ޖުލައި 27، 2019: މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ފުޅަނދުބުރު.-- ފޮޓޯ: މިހާރު

މިނިވަން ދުވަހު ބާއްވާ ފުޅަނދުބުރާއި ދަނޑު ކުޅިވަރާއި ޕެރޭޑަކީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުތަކެވެ. ނަމަވެސް، ކޮވިޑްއާ ގުޅިގެން މިދިޔަ ތިން އަހަރު މިނިވަން ދުވަސް ފާހަގަކުރުމަށް ބޮޑެތި ހަރަކާތްތައް ނުބާއްވަ އެވެ. މިދިޔަ އަހަރު ބޭއްވީ ޕެރޭޑު އެކަންޏެވެ.

މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ދިމާކޮށް 2019 ގަ އެވެ. އެ އަހަރު ވެސް ފުޅަނދުބުރު ބޭއްވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. އެ އަހަރުގެ ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ. މިއަހަރުގެ ފުޅަނދުބުރުގައި ވެސް ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތައް ބައިވެރިވެ އެވެ.