Roadha Mihaaru
ކުޅުދުއްފުށީގައި މި ފަހަރު ހަމަ އަސްލަށް ހަވާ އަރުވަނީ

ކުޅުދުއްފުށީގައި މި ފަހަރު ހަމަ އަސްލަށް ވެސް ހަވާ އަރުވަނީ

18 ޖުލައި 2023

މިދިޔަ ބޮޑު އީދުގައި ހދ. ކުޅުދުއްފުށީގައި "ހަވާ" އަރުވާނެ ކަމަށް ބުނެފައި ކުރި ސަމާސާ ވިހަވެ، ފާޑުކިޔުން އަމާޒުވެފައި ވިޔަސް މިނިވަން ދުވަހު ހަމަ އަސްލަށް ވެސް ހަވާ އަރުވަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ބޮޑު އީދުގައި ހދ. ކުޅުދުއްފުށީގައި "ހަވާ" އަރުވާނެ ކަމަށް ބުނެފައި ކުރި ސަމާސާ ވިހަވެ، ފާޑުކިޔުން އަމާޒުވެފައި ވިޔަސް މިނިވަން ދުވަހު ހަމަ އަސްލަށް ވެސް ހަވާ އަރުވަން ނިންމައިފި އެވެ.

އާބާދީގައި 10،000 މީހުން އުޅޭ ކުޅުދުއްފުށީގައި ބޮޑު އީދުގައި "ހަވާ" އަރުވާނެ ކަމަށް ބުނެ ދައުވަތު ދިން ގަޑި އަށް އެންމެން ދިޔައިރު ފެނުނީ ހަ ވަލެވެ. ފަހަރަކު ވަލެއް މައްޗަށް ނަގަމުން ހަ "ވައު" ނެގީ އެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ "މި ފަހަރު ހަމަ އަސްލު ހަވާ އަރުވަނެ" ކަމަށެވެ.

އާތިފް ވިދާޅުވީ ޖުލައި 26 ގައި މިނިވަން ދުވަސް ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީން ބަޖެޓެއް ދިނުމުން ކައުންސިލުން ޝޯއަކާ އެކު ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ.

ކުރިން "ހަ ވާ" އެރުވި ގޮތުން އަމާޒުވި ފާޑުކިޔުމާ ގުޅޭ ގޮތުން ވެސް މޭޔަރު ވާހަކަ ދެއްކެވި އެވެ.

"އަޅުގަނޑުމެން އޭރު ވެސް ލިޔެފައި ނޯންނާނެ ހަވާ އަރުވާ ވާހަކައެއް. އިންނާނީ ހުސްތަންކޮޅެއް ލާފައި، ހަ ވާ އަރުވާ ވާހަކަ. މި ފަހަރު ޖުލައި 26 އަށް ހަވާ އަރުވަން ކައުންސިލުން ނިންމާފައި ވަނީ ޝޯއަކާ އެއްކޮށް،" އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިނިވަން ދުވަސް ފާހަގަކުރާއިރު ހޯމް މިނިސްޓްރީން އަންނަނީ މާލޭގައި ވެސް ކުޅިވަރު ހަރަކާތްތައް ބާއްވަން ތައްޔާރުވަމުންނެވެ.