Roadha Mihaaru
ރައްޔިތުންގެ ކުންފުނީގެ ނާކާމިޔާބު އުލިގަމު ވަލުތެރޭން!

ރައްޔިތުންގެ ކުންފުނީގެ ނާކާމިޔާބު އުލިގަމު ވަލުތެރެއިން!

05 ފެބުރުއަރީ 2017

ބޭނުންނުކޮށް ގިނަ ދުވަސް ވުމުން ހަލާކުވަމުން ދާ ކެރޭނެވެ. ރީތިކޮށް ކަފާ، މަށާފައި ހުރި އެތައް ބައިވަރު ލަކުޑިތަކެވެ. ދަބަަރަށް ވެ، ފުނޑެމުންދާ ދަގަނޑުތަކެވެ. ޑީސެލިނޭޓް ޕްލާންޓަށް ބޭނުންވާ ހޮޅިތަކެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރޭގައި، ޓްރެކްޓަރަކާއި ބުލްޑޯޒަރާއި ޑަމްޕަރެވެ. ތަންކޮޅެއް ދުރުގައި، އަޅާލާނެ މީހަކު ނެތި، އޮތް ހައިމާކެވެ.

ބޭނުންނުކޮށް ގިނަ ދުވަސް ވުމުން ހަލާކުވަމުން ދާ ކެރޭނެވެ. ރީތިކޮށް ކަފާ، މަށާފައި ހުރި އެތައް ބައިވަރު ލަކުޑިތަކެވެ. ދަބަަރަށް ވެ، ފުނޑެމުންދާ ދަގަނޑުތަކެވެ. ޑީސެލިނޭޓް ޕްލާންޓަށް ބޭނުންވާ ހޮޅިތަކެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރޭގައި، ޓްރެކްޓަރަކާއި ބުލްޑޯޒަރާއި ޑަމްޕަރެވެ. ތަންކޮޅެއް ދުރުގައި، އަޅާލާނެ މީހަކު ނެތި، އޮތް ހައިމާކެވެ.

ޓޫރިޒަމްގެ ފައިދާ ދިވެހި ގިނަ ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި 2007 ގައި އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ހއ. އުލިގަމުގައި ހަދަން ފެށި ސިޓީ ހޮޓަލަށް މަރުހަބާ އެވެ. އަޅުގަނޑު މިހިރީ އެތަނުގަ އެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮތް އުލިގަމުން ދޫކުރި 36 ހެކްޓަރުގެ ބޮޑު ބިމުގަ އެވެ.

އެކަމަކު ސިޓީ ހޮޓަލުގެ ބިން މިވަނީ ބޯކޮށް ވާ ހެދި، ދިރުން ގެއްލި، ފަޅުވެފަ އެވެ.

މިއީ އެމްޓީޑީސީގެ ތަރައްގީ އަށް މުޅި ރާއްޖެ އިން ދޫކުރި ބިންތަކުގެ ތެރެއިން އެއް ތަނެވެ. ތަރަައްގީކުރެވުނު މަދު ރިސޯޓެއް ވިއްޔާ ވިއްކަމުން، ހެދޭނެ ގޮތެއް ނެތް ރަށްތަކުގެ ބުރަ އުފުލަމުން ދާ ރައްޔިތުންގެ ކުންފުންޏަށް ނޭވާލާނެ ފުރުސަތު ނުލިބި، ފުރަތަމަ ވެސް ނާކާމިޔާބު ވެއްޖެކަމުގެ ހެކި ލޮލު ކުރިމަތިން މިހިރީ ފެންނާށެވެ. މިއީ، އާންމުންގެ ތެރެއިން އެއް ބަޔަކު ބުނާ ގޮތުގައި، ރާއްޖޭގެ ބޮޑެތި މަހުޖަނުން ބޭނުންވި ގޮތެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ނަފާ މިލިއަން ޑޮލަރުން ހޯދަމުން އަންނަ މަދު ބަޔަކު، ފުރަތަމަ ދުވަހު ވެސް އުއްމީދުކުރި ގޮތެވެ. (އެމްޓީޑީސީ އެންމެ ފުރަތަމަ އުފެއްދި އިރު ޗެއާމަން ޗަމްޕާ ހުސެން އަފީފާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ސޯލިހު (ޑިމްސް) ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި އެވެ. ހެރެތެރަ ރިސޯޓް ތަރައްގީކުރައްވަން ދެ ބޭފުޅުން އުފުއްލެވި ބުރަ އޭރު ވަރަށް ގިނަ ބަޔަކު ފާހަގަކުރި އެވެ.)

އުލިގަމު ސިޓީ ހޮޓަލުގައި ހިމެނޭ ބައެއް އިމާރާތްތައް: މިތަންތަން މިހާރު ވަނީ ވީރާނާވާން ދޫކޮށްލާފައި --ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

އުލިގަމު ސިޓީ ހޮޓަލުގައި ހިމެނޭ ބައެއް އިމާރާތްތައް: މިތަންތަން މިހާރު ވަނީ ވީރާނާވާން ދޫކޮށްލާފައި --ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ރައްޔިތުންގެ ހިއްސާވާ ކުންފުންޏަކުން ޓޫރިޒަމްގެ ތެރެއަށް ވަދެގެންނުވާނެ ކަމަށް ޓޫރިޒަމްގެ ބައެއް އިންވެސްޓަރުން ގަބޫލުކުރެ އެވެ. ވަދެއްޖެ ނަމަ، ކޮންމެވެސް ގޮތަކުން އެ ކުންފުނި ޖެހޭނީ ބަނގުރޫޓްކޮށްލާށެވެ. މިއީ އެ މުއްސަނދިންގެ ވިސްނުން ހުންނާނެ ގޮތޭ، އުލިގަމު ވަލުތެރެއަށް ވަންނަން ހިނގަމުން ދިޔަ އިރު، ބައެއް އާންމުންނެކޭ އެއްގޮތަށް، އަޅުގަނޑުގެ ވެސް ހިތަށްއެރި އެވެ.

ސައިޓަށް ވަންނަ ހިސާބުގައި ހުރި އެތައް ބައިވަރު ސާމާނަކީ 100 ކޮޓަރީގެ ސިޓީ ހޮޓާ ތަރައްގީކުރަން ރޭވި ވަރަށް ބޮޑު މަސައްކަތެއްގެ ފެށުމެވެ. ހޮޓަލަކަށް ބޭނުންވާ އެންމެ ފުރަތަމަ ބައިތައް ކަމަށްވާ މުވައްޒަފުން ތިބޭ އިމާރާތްތަކުގެ ބޮޑު ބައި ހުރީ ނިންމާފަ އެވެ. އެކަމަކު އެ ތަންތަނަށް ދާން އޮންނަ މަގުތައް، ހަތަރު ފޫޓަށް ވުރެ މައްޗަށް ހެދިފައި ހުރި ދިގު ހުއިތަކާއި ގަސްތަކުން އޮތީ ބެދިފަ އެވެ. އެކި ހިސާބުތަކުގައި ނިންމާފައި ހުރި އިމާރާތްތައް އެގޮތަށް ހުއްޓެވެ. ބިއްލޫރި ދޮރުތަކެވެ. ފަންކާތަކެވެ.

އެތައް މިލިއަން ރުފިޔާއެއްގެ ބޭކާރު ހޭދަ އެވެ.

މުވައްޒަފުންގެ އިމާރާތްތަކުގެ އިތުރުން އުލިގަމު ސިޓީ ހޮޓަލުގެ ގެސްޓް ކޮޓަރިތައް ހުންނާނެ ގޮތަށް ނަމޫނާ އެއް ކޮޓަރި ނިންމާފައި ހުއްޓެވެ. އެކަމަކު އެތަން މިހާރު ހުރީ ފަސޭހައިން ވަދެވޭ ގޮތަށް ވުރެ ގަސްތައް ބޯ ހިސާބެއްގަ އެވެ. ފުރާޅުގައި ބޭނުންކޮށްފައި ހުރި ފަންތައް ނެއްޓުނު ނަމަވެސް، ތަނަށް މާ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަކަށް ނުފެނެ އެވެ.

ސިޓީ ހޮޓާ އަޅަން ޚާއްސަ ކުރި ސަރަހައްދުން ފެންނަނީ މުޅިން ވެސް މި ކަހަލަ މަންޒަރުތައް --ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ސިޓީ ހޮޓާ އަޅަން ޚާއްސަ ކުރި ސަރަހައްދުން ފެންނަނީ މުޅިން ވެސް މި ކަހަލަ މަންޒަރުތައް --ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

އުލިގަމު ސިޓީ ހޮޓަލުގެ މަސައްކަތް ފެށީއްސުރެ ކުރިމަތިވަމުން ދިޔައީ ތަފާތު މައްސަލަތަކެވެ. ދިވެހި ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮތް ކުންފުންޏަކަށް ވިޔަސް އެތަަން ވަރުގަދަކޮށް، ތަރައްގީކޮށްލާނެ ފުރުސަތެއް އެއްވެސް ސަރުކާރަކަށް ފަހިކޮށެއް ނުދެވުނެވެ. އެކި ފަހަރު މަތިން ހަމަޖެއްސި މެނޭޖިން ޑިރެކްޓަރުންނާއި ބޯޑުގެ އެހެން މެމްބަރުންނާ ޚިޔާލު ތަފާތުވުމާއި، މިއިން ކޮންމެ ބައެއްގެ މެދުގައި އޮތް އަމިއްލަ މަސްލަހަތާ ހެދި އެމްޓީޑީސީ ބަދަލުވީ ބައެއް މުއްސަނދިން ކުޅެން ގެންގުޅޭ ބޯޅައަކަށެވެ.

ފުރަތަމަ ވެސް ހިއްސާއެެއް ވިއްކި އަގު!

ދިވެހި އާދައިގެ ރައްޔިތުންނަށް ޓޫރިޒަމްގެ ސީދާ ފައިދާ ލިބެން ޓޫރިޒަމްގެ ދިވެހި ބައެއް އިންވެސްޓަރުން ބޭނުންނުވާކަން އެނގޭ އެއް ހެއްކަކީ، ކުންފުނި ރަހީނުކުރަން ގެންގުޅުނު އުސޫލުތަކެވެ. އެކި މީހުންގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއްގެ ހިއްސާ ގަނެ، ކުންފުނީގެ އާންމު ހިއްސާގެ ކޮންޓްރޯލް ނަގަން، ބައެއް މަހުޖަނުން ހިންގި ގާނޫނާ ޚިލާފު އަމަލްތަކުގެ ވާހަކަ، ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ އޮޑިޓް ރިޕޯޓްގައި، ވަރަށް ސާފުކޮށް، ބަޔާންކޮށްފައި އޮތެވެ. އެއް ބައެއްގެ ނަޒަރުގައި އެއީ "ސިޔާސީ ރިޕޯޓެއް" ނަމަވެސް އޭގައި ފާހަގަކޮށްފައި ހުރި އެމްޓީޑީސީއާ ގުޅޭ ކަންކަމާ މެދު އެހެން ބުނެވޭކަށެއް ނެތެވެ.

އެމްޓީޑީސީ ފުނޑުކޮށްލުމުގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ވީ، އިގުތިސާދީ ބައެއް ތަޖުރިބާކާރުން ވެސް ގަބޫލުކުރާ ގޮތުގައި، ފުރަތަމަ ފަހަރު ވެސް، ޑިިވިޑެންޓްގެ ގޮތުގައި ބެހި މަތީ މިންވަރެވެ. ހިއްސާއެއް 100ރ އަށް ވިއްކި އިރު އެ އަހަރު ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް 90ރ ދޫކުރި އެވެ. އެހެންކަމުން ގާނޫނާ ޚިލާފަށް ހިއްސާ ގަނެ، ކުންފުނި އަތްދަށުލީ މީހުން، އެމީހުން ކުރި އިންވެސްޓްމަންޓް ގާތްގަނޑަކަށް ސަލާމަތްކުރީ އެވެ. އެކަމަކު އާންމު ދިވެހި ރަައްޔިތު މީހާ 25 ނުވަތަ 50 ހިއްސާ އިން ހިއްސާ ގަތީ ގިނަ ދުވަހަށް އޭގެ ފައިދާ ލިބޭނެކަމުގެ އުއްމީދުގަ އެވެ.

އުލިގަމަށް ގެންދިޔަ މަސައްކަތު ވެހިކަލެއް ގަސްތަކުގެ ތެރެއަށް ދޫކޮށްލާފައި --ފޮޓޯ:އަބްދުﷲ އައުރާފް/މިހާރު

އުލިގަމަށް ގެންދިޔަ މަސައްކަތު ވެހިކަލެއް ގަސްތަކުގެ ތެރެއަށް ދޫކޮށްލާފައި --ފޮޓޯ:އަބްދުﷲ އައުރާފް/މިހާރު

އެމްޓީޑީސީ ކުރު ގޮތަކަށް

އާންމުންގެ ހިއްސާ: 184 މިލިއަން ރުފިޔާ (53 ޕަސެންޓް)

ސަރުކާރުގެ ހިއްސާ: 156 މިލިއަން ރުފިޔާ (47 ޕަސެންޓް)

މި ވަގުތު ހިއްސާއެއް ވިއްކޭ އަގު: 10ރ

ހިއްސާއެއްގެ މޫނުމަތީ އަގު: 100ރ

އެވަރުގެ ޑިވިޑެންޓެއް ބަހައިގެން ކުންފުނީގެ ކުރިމަގު ބަންދުވުން ނޫން އެހެން ނުބަައެއް ނެތްކަން އޭރުގެ ސަރުކާރުގެ އިސް ވެރިންނާއި ކުންފުނީގެ ބޯޑަށް ވެސް އެނގޭނެ އެވެ. އެކަމަކު އެ މަގުން ހިނގީ ކުންފުނި ތަރައްގީވިޔަ ނުދިނުމުގެ ނިޔަތް ކޮންމެވެސް ބައެއްގެ ތެރޭގައި އޮވެގެންނޭ ބުނާ މީހުން މަދެއް ނޫނެވެ. ރައްޔިތުން ޖެހޭނީ ތިބޭށެވެ.

"އެންމެ ފުރަތަމަ ވެސް އެމްޓީޑީސީ އޮތީ ހަލާކުވެފައި،" ވަގަށް ހިއްސާ ގަންނަން ބައެއް މަހުޖަނުން ކުރި މަސައްކަތަށް އިޝާރަތްކޮށް، އޭރުގެ ކަންކަން ގާތުން ބަލަމުން ދިޔަ ވިޔަފާރިވެރިޔަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"އެމްޓީޑީސީ ނަގާ ކޮޅަށް ޖެހުމުގެ ވިސްނުމެއް އެއްވެސް ސަރުކާރަކު ނެތް. އެ ނިޔަތް ނެތީ ބާރުގަދަ މީހުންގެ ނުޒޫފާ ހެދި. އެ މީހުންގެ ނުފޫޒު އޮންނާނެ ސަރުކާރުގައި ވެސް، ކުންފުނިތަކުގެ ބޯޑުގައި ވެސް، ކޯޓުތަކުގައި ވެސް."

އެއީ ވަރަށް ބޮޑު ތެދެކެވެ. ރާއްޖޭގެ ވިޔަފާރީގައި އެތައް ބަޔަކު ހަރަކާތްތެރިވިޔަސް ރާއްޖޭގެ އިގުތިސާދުގެ މައި ބާރުތައް އޮތީ ވަރަށް މަދު ބައެއްގެ އަތްމަތީގަ އެވެ. އެ މީހުންގެ ވިޔަފާރިތަކުގެ ހިމާޔަތުގައި ނަމަ، ގާނޫނުތަކަށް ބަދަލު ގެންނާނެ އެވެ. އެކި ސަރަހައްދުތަކުން ރަށްރަށް ލިބޭނެ އެވެ. ހިއްސާ ވިއްކާފައިވާ ކުންފުންޏެއް ނަމަ އޭގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް، އެ މީހުންގެ ހިޔަނިތަކެއްގެ ގޮތުގައި ޑިރެކްޓަރުންގެ ބޯޑުގައި ބަޔަކު ބައިތިއްބާނެ އެވެ. މި ހިޔަނިތަކުގެ ބޭނުމަކީ އެ ކުންފުނިތައް ހިސޯރުކުރުމެވެ. އެކަމަކު ނުސީދާކޮށް އެ ހިސޯރުކުރަނީ ދިވެހި ރައްޔިތުންނެވެ.

ހައްލެއް ފެންނާކަށް ނެތް

އަޅުގަނޑު މިހިރީ ރާއްޖޭގެ ނިސްބަތުން ބިޔަ ރަށްތަކެއް ހިމެނޭ ހއ. އަތޮޅުގައި ފަސް ވަނަ އަށް އެންމެ ބޮޑު ރަށުގެ ވަލުތެރޭގަ އެވެ. ހިނގަމުން ދާ ވަރަކަށް ބައެއް އިމާރާތްތައް ފެނެ އެވެ. މި މަޝްރޫއު ކާމިޔާބުވި ނަމަ އަޅުގަނޑު ހުންނާނީ ރީތި ހޮޓަލެއް (ރިސޯޓެއް)ގެ މެދުގަ އެވެ. ހިތްގައިމުކޮށް، ތަރުތީބުކޮށް، ހައްދާފައިވާ ބަގީޗާތަކުގެ ތެރޭގަ އެވެ. ހަރަކާތްތެރި މުވައްޒަފުން އެކި ކޮޅުކޮޅަށް ގޮސް އުޅޭނެތެވެ. އަތޮޅުގައި ތިބެގެން އެތައް ބަޔަކު ވަޒީފާ އަދާކުރަމުން ގެންދާނެ މެއެވެ. ކޮން ކަހަލަ ބޮޑު ފުރުސަތެއް ހެއްޔެވެ؟ ރަށްރަށް ފަޅުކޮށް، އެހެން ހިސާބުތަކުގެ ވަޒީފާތަކަށް ނުގޮސް އެތައް ޒުވާނުންނަކަށް ފަރުޖެއްސުނީހެވެ.

އުލިގަމު ސިޓީ ހޮޓަލުގައި މުވަައްޒަފުންނަށް ޚާއްސަކޮށްގެން ހެދި އިމާރާތެއް --ފޮޓޯ:އަބްދުﷲ އައުރާފް/މިހާރު

އުލިގަމު ސިޓީ ހޮޓަލުގައި މުވަައްޒަފުންނަށް ޚާއްސަކޮށްގެން ހެދި އިމާރާތެއް --ފޮޓޯ:އަބްދުﷲ އައުރާފް/މިހާރު

އެކަމަކު މިއީ، ވަށައިގެން ބެދިފައި އޮތް ގަސްތަކުގެ ތެރޭގައި ހުރެ، ވިސްނަމުން ދިޔަ އަޅުގަނޑުގެ ހިތަށް ސިފަވި ކަންކަމެވެ. އެ ހުރިހާ އެއްޗެއް ހިތަށްއަރައި ފައިބައިގެން ދިޔައީ ދިވެހި ރައްޔިތުންގެ ހައްގުގައި ފެށި މަސައްކަތްތަކެއްގެ ފޮނިކަން ނުލިބި މިގޮތަށް ނާކާމިޔާބުވިތަން ފެނުމުންނެވެ. އެއްވެސް ސަރުކާރަކަށް އެ ފޮނިކަން ގެނެސްދޭނެ ގާބިލް ބަޔަކު ނުހޯދުނެވެ. އެހެން ވިއްޔާ ސިޔާސީ ލީޑަރުންނަށް މިވަނީ ކޮން ކަމެއް މޮޅުވެގެން ހެއްޔެވެ؟ ފޮނި ވާހަކަތަކެއް ދައްކައި، ހައްގޭ، އަނިޔާއޭ، ޖަލޭ، ޖީލޭ، ގައުމޭ، ދީނޭ، އިގުތިސާދޭ، ދަރަންޏޭ، މިކަހަލަ ބަސްތައް އަމުނާލެވުނީމާ އެވީ ވަރުގަދަ ސިޔާސީ ވެރިޔަކަށް ހެއްޔެވެ؟ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ.

ކުޑަ މިސާލެއް ނަގަމާ ހެއްޔެވެ؟ ރާއްޖޭގެ އެތައް ރިސޯޓެއްގެ ސީއީއޯ ނުވަތަ މެނޭޖަރުންނަށް ތިބީ ބޭރު މީހުންނެވެ. ފައިދާގެ ވަކި މިންވަރެއް ލިބޭ ގޮތަށާއި ކުންފުނީގެ ހިއްސާ އިން ވެސް ބައެއް އެޅޭ ގޮތަށެވެ. ރާއްޖޭގެ މައި އެއާޕޯޓް ވިޔަފާރީގެ ކާމިޔާބު މޮޑަލަކަށް ބަދަލުކޮށްލި ޖީއެމްއާރުން އެ މަސްއޫލިއްޔަތު ހަވާލުކުރީ ވެސް ބޭރުގެ ހިންގުންތެރިޔަކާ އެވެ. އެ މީހުން އެ ވިޔަފާރިތައް ކޮޅަށް ޖަހާލަ އެވެ. އެކަހަލަ ކިތައްމެ ހިންގުންތެރިންނެއް ދުނިޔެއިން ލިބެން އެބަ ހުއްޓެވެ. އެހެންކަމުން ޓޫރިޒަމްގެ ގޮތުން މުޅި ދުނިޔެ އިން ވެސް ފާހަގަކޮށްލެވޭ ރާއްޖޭގައި އެމްޓީޑީސީ ކާމިޔާބު ކުންފުންޏަކަށް ނުހެދުނީ، ސިޔާސީ ވެރިންނަށް އެކަމާ އަޅާނުލެވިގެންނެވެ. ނުވަތަ ހަމަ ގަސްދުގައި އެކަން ނުކޮށް ބޭއްވީ އެވެ. ސިޔާސީ ވަޒީފާ ދީ، ސިޔާސީ ކުޅިގަނޑު ވެސް ހިމެނޭ ގޮތަށް ހިންގާ ތަނެއްގެ ސިފަ އެ ކުންފުނިން ފިލުވާނުލެވިގެން މި އުޅެނީ އެހެންވެގެންނެވެ.

އެމްޓީޑީސީ އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވީ ޓޫރިޒަމްގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ކަމަށް، އެއް ބަޔަކު ވާހަކަ ދައްކާ އިރު، ތެދުވެރި ނިޔަތެއް އޮތް ސަރުކާރުތަކެއް ނަމަ، ރައްޔިތުންގެ 53 ޕަސެންޓް ހިއްސާ އޮތް ކުންފުންޏަކަށް، ގާނޫނުތަކުގެ ތެރެއިން ދެވޭނެ ލުއިތަކެއް ހުންނާނެ އެވެ. ވެރިކަން ހިމާޔަތްކުރުމުގެ ގަސްދު އޮވެގެން ގާނޫނުތަކަށް ގެންނަ، ތާކުންތާކު ނުޖެހޭ ބަދަލުތައް އަޅުގަނޑުމެން މިދަނީ ދެކެމުންނެވެ. އެހެންކަމުން ރައްޔިތުންގެ ތަނަވަސްކަމަށް އިތުރު ބާރެއް ލިބިދާނެ ކުންފުންޏެއް ނަގާ ކޮޅަށް ޖަހާ، މި ވަލުތެރެއިން ނެރެވޭނެ ގޮތެއް ސިޔާސީ ވެރިންނަށް ނުހޯދެންވީ ސަބަބެއް ނެތެވެ.

ވަލު ތެރެއިން ނުކުމެ، ރަށުގެ އަތިރިމައްޗަށް ޖެހިލީމެވެ. ހިތްގައިމު މޫދަކާއި ބޮޑު ތުނޑިއެއްގެ ނަލަ މަންޒަރު، އެ އޮތީ ދިމާއަށް ފެންނާށެވެ. ގެސްޓް ކޮޓަރިތައް އަޅަން އޮތީ ރަށުގެ ދެކުނު ކޮޅުން ދިން މި ބިމުގެ ދެ ފަރާތު ގޮނޑުދޮށުގަ އެވެ. ދެ މޫސުމަށް ދެ ފަރާތަށް ބަދަލު ވާ ބޮޑު ތުނޑީގެ މަޑު ދޮންވެލިގަނޑުގައި ފައި ބީއްސާލެވުމާ އެކު، ހުއިތަކުގެ ތެރޭގައި ހިނގުމުން ލިބުނު ލޮޑުކަން ފިލާދިޔަ އެވެ.

މި ވެލިގަނޑުގައި އަޅާ ކޮޓަރިތަކުން ހޯދެން އޮތް އާމްދަނީ އާންމު ހިއްސާދާރުންގެ ޖީބަށް ވެސް ވަނީހެވެ. އެކަމަކު އެއީ އެގޮތަށް ކަންތައް ކުރި ނަމަ އެވެ. ހިއްސާގެ ބާޒާރުގައި މިއަދު އެމްޓީޑީސީގެ ހިއްސާއެއްގެ އަގު އުޅެނީ އެންމެ 10ރ ގަ އެވެ. ހިއްސާދާރުންނަށް ފައިދާއަށް ދޭނެ އެއްޗެއް ނެތެވެ. ފައިދާ އަށް ބަހާނެ އެއްޗެއް ވެސް ނުލިބެ އެވެ. ހަދާ ރިސޯޓެއް ވިއްޔާ ވިއްކަމުން، ކުންފުނި ކިރިޔާ މެނޭޖްކުރެވި ނުކުރެވި އެކަހަލަ ހާލެއްގައި އެ އޮތް ތެޅެނީ އެވެ.

ހަގީގަތުގައި ފުރަތަމަ ޑިވިޑެންޓާ އެކު ރައްޔިތުންގެ ޓޫރިޒަމް ކުންފުނީގެ ވާހަކަ އެ އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.

އުލިގަމުން ފެންނަން މި އޮތީ އެ ވާހަކައިގެ އެއް ބަ އެވެ.