Roadha Mihaaru
ޗެލްސީގައި ފްލޮޕްވި ޕުލިސިޗް މިލާނަށް

ޗެލްސީގައި ފްލޮޕްވި ޕުލިސިޗް މިލާނަށް

14 ޖުލައި 2023

މިލާން (ޖުލައި 14) - އިނގިރޭސި ކްލަބް ޗެލްސީގައި ފްލޮޕްވި އެމެރިކާގެ ވިންގާ، ކްރިސްޓިއަން ޕުލިސިޗް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މިލާން (ޖުލައި 14) - އިނގިރޭސި ކްލަބް ޗެލްސީގައި ފްލޮޕްވި އެމެރިކާގެ ވިންގާ، ކްރިސްޓިއަން ޕުލިސިޗް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޕުލިސިޗް، 24، މިލާނަށް ބަދަލުވީ 26 މިލިއަން ޑޮލަރަށެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ޕުލިސިޗް 2019 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވީ 74 މިލިއަން ޑޮލަރަށެވެ. އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި ކުޅުނު 145 މެޗުގައި ޕުލިސިޗް 26 ގޯލު ޖެހި އެވެ. އަދި، 2021 ވަނަ އަހަރު ޗެލްސީއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.

ޗެލްސީގައި ފެންވަރު ސާބިތުނުކޮށްދެވުނު ޕުލިސިޗަށް މިދިޔަ ސީޒަނުގައި ޖެހުނީ އެންމެ ގޯލެކެވެ.

"ޗެލްސީގައި ހޭދަކުރި ފަހު އަހަރުތައް އަހަރެންނަށް އުނދަގޫވި. އަހަރެން ބޭނުންވި ވަރަށް ކުޅުމުގެ ފުރުސަތެއް ނުލިބުނު. އެހެންވެ އާ ފެށުމަކަށް ދާން މިއީ ވަރަށް ރަނގަޅު ފުރުސަތެއް" މިލާނަށް ބަދަލުވުމަށް ފަހު ޕުލިސިޗް ބުންޏެވެ.

ރަސްމީކޮށް ކްލަބް ބަދަލުކުރިކަން އިއްޔެ ހާމަކުރިޔަސް، ޕުލިސިޗް ވަނީ އޭގެކުރިން މިލާނަށް ދިރިއުޅުން ބަދަލުކޮށް ކްލަބުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވެފަ އެވެ.

އާ ސީޒަނާ ކުރިމަތިލާއިރު ޗެލްސީގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ސީޒަނާ ޗެލްސީ ކުރިމަތިލާނީ އޭނާ ބޭނުންވާ ފެންވަރުގެ ސްކޮޑަކާ އެކު ކަމަށެވެ.

ޕުލިސިޗްގެ ކުރިން ރުބެން ލޮފްޓަސް-ޗީކް ވެސް ވަނީ ޗެލްސީ ދޫކޮށް މިލާނަށް ބަދަލުވެފަ އެވެ. ދެން ޗެލްސީ ދޫކޮށްލި ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ކައި ހަވާޓްޒް އާއި މަޓެއޮ ކޮވަސިޗާއި މޭސަން މައުންޓުގެ އިތުރުން ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި ކަލިދޫ ކުލިބަލީ އަދި އެންގޯލޯ ކާންޓޭ އެވެ.

އިއްޔެ ހިނގި ޓްރާންސްފާތަކަށް ބަލާއިރު ތަޖުރިބާކާރު ޑިފެންޑަރު އޭޝްލީ ޔަންގް ވަނީ އެއް އަހަރުގެ އެއްބަސްވުމެއްގައި އެވަޓަން އަށް ބަދަލުވެފަ އެވެ. މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ލީޑްސް ޔުނައިޓެޑް ސްޕެއިން ފޯވާޑް ރޮޑްރީގޯ ބަދަލުވީ ގަތަރުގެ ކްލަބް އަލް ރައްޔާން އަށެވެ. އަދި، ފުލަމްގެ ވިލިއަން ނޮޓިންހަމް ފޮރެސްޓަށް ބަދަލުވުމާއި ގާތަށް ވަނީ ޖެހިލައިފަ އެވެ.