Roadha Mihaaru
މިލާން، އާސެނަލް އަދި ޗެލްސީ މޮޅުވެއްޖެ

މިލާން، އާސެނަލް އަދި ޗެލްސީ މޮޅުވެއްޖެ

05 އޮކްޓޯބަރ 2018

މިލާން (އޮކްޓޫބަރު 5) – ޔުއެފާ ޔުރޮޕާ ލީގުގައި ރޭ އިންގްލެންޑުގެ ޗެލްސީ އާއި އާސެނަލް އަދި އިޓަލީގެ އޭސީ މިލާން ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން (އޮކްޓޫބަރު 5) – ޔުއެފާ ޔުރޮޕާ ލީގުގައި ރޭ އިންގްލެންޑުގެ ޗެލްސީ އާއި އާސެނަލް އަދި އިޓަލީގެ އޭސީ މިލާން ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

އަޒަރުބައިޖާނުގެ ގަރަބަގް އެފްކޭގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް 3-0 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން މިލާން މޮޅުވީ 3-1 އިންނެވެ. ހަންގޭރީގެ ވިޑީ އެފްސީއާ އަތުން ޗެލްސީ އަށް ކުރި ހޯދުނީ 1-0 އިންނެވެ.

ރޭގެ މެޗުގައި އާސެނަލްގެ ލަނޑުތައް ކާމިޔާބުކުރީ ސޮކްރަޓިސް ޕަޕަސްތޮޕަލަސް އާއި ޒުވާން ކުޅުންތެރިއާ އެމީލް ސްމިތު އަދި މަޓެއޯ ގެންޑޫޒީ އެވެ. މީގެ ތެރެއިން ސްމިތު ޖެހި ގޯލު ހާއްސަ އެވެ. އޭނާ އަކީ 2000 ވަނަ އަހަރު އުފަންވި ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިން ކުޅުންތެރިއާ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ވޯސްކްލާ އަތުން 2-1 އިން ސްޕޯޓިން ވަނީ މޮޅުވެފަ އެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ އެމީލް ސްމިތުގެ ފަރާތުން ފެންނަނީ އޭނާގެ އުމުރަށް ވުރެން ވިސްނުން ތޫނު ކުޅުމެއް ކަމަށާއި ޓީމުން އޭނާ އަށް ފުރުސަތު ދޭން ޖެހޭ އެންމެ ބޮޑު ސަބަބަކީ ޓްރެއިނިންގައި އޭނާ ކުރާ ބުރަ މަސައްކަތް ކަމަށެވެ.

އަމިއްލަ ދަނޑުގައި ވިޑީއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީ އަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު މި މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ އަލްވާރޯ މޮރާޓާ އެވެ. ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މިއީ މޮރާޓާގެ ސީޒަން ފަށަން ވަރަށް ރަނގަޅު ވަގުތެއް ކަމަށެވެ.

"މިއީ މޮރާޓާ ވަރަށް މޮޅަށް ކުޅުނު މެޗެއް. ޓީމު މޮޅުކޮށްދިނީ އޭނަ. މި ކުޅުން މިސާލަކަށް ނަގައިގެން ކުރިއަށްދާން ވިސްނައިފިނަަމަ މޮރާޓާ އަށް ކުރިން ހުރި ލެވެލަށް ދެވިދާނެ. މީގެ އޮތީ މަސައްކަތްކުރުން،" ސްޕެއިނުގެ ފޯވާޑާ ބެހޭގޮތުން ސާރީ ބުންޏެވެ.

ގަރަބަގް ކުޅުންތެރިއަކު ކައިރިން އާސެނަލްގެ އެމީލް ސްމިތު (ވ) ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ގަރަބަގް ކުޅުންތެރިއަކު ކައިރިން އާސެނަލްގެ އެމީލް ސްމިތު (ވ) ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

މި ގްރޫޕުގެ އަނެއް މެޗުގައި ބެލަރޫސްގެ ބޭޓް ބޮރިސޯފް ދަނޑުގައި ގްރީސްގެ ޕީއޭއޯކޭ ވަނީ 4-1 އިން މޮޅުވެފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ ފަހަތުން އަރަ އެވެ. ފުރަތަމަ ހާފުގައި އޮލިމްޕިއާކޯސް އިން ގަރޭރޯގެ ގޯލުން ލީޑުނަގާފައި އޮއްވައި މިލާނުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ގާތްގާތުގައި ޖެހި ގޯލުތަކުންނެވެ. މިލާނުން ތިން ލަނޑު ޖެހީ ނުވަ މިނިޓް ތެރޭގަ އެވެ. ޒުވާން ފޯވާޑް ޕެޓްރިކް ކުޓްރޯނޭ ދެ ގޯލު ޖެހިއިރު އަނެއް ލަނޑު ޖެހީ ގޮންޒާލޯ ހިގައިން އެވެ.

މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު އޮސްޓްރިއާގެ ސަލްޒްބާގް އަތުން ސެލްޓިކް ވަނީ 3-1 އިން ބަލިވެފަ އެވެ. ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް އިން ފަހަތުން އަރައި 3-1 އިން ރެޕިޑް ވިއެން ބަލިކުރިއިރު، ސާޕާޓާ މޮސްކޯ އާއި ވިޔަރެއާލް ކުޅުނު ފޯރިގަދަ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ސައިޕްރަސްގެ އަޕޮލޯން އާއި ފްރާންސްގެ މާސޭ އެއްވަރުވިއިރު، ޖަރުމަނުގެ ފްރޭންކްފާޓް ވަނީ 4-1 އިން އިޓަލީގެ ލާޒިއޯ ބަލިކޮށްފަ އެވެ. ސްވިޑަންގެ މަލްމޯ އަތުން 2-0 އިން ތުރުކީގެ ބެސިކްޓާސް ބަލިވިއިރު، ރަޝިއާގެ ކްރަސްނޯޑާ ދަނޑުގައި ކުޅުނު މެޗުން މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ސްޕެއިންގެ ސެވިއްޔާ ވަނީ 2-1 އިން ބަލިވެފަ އެވެ.