16 ޖުލައި 2023
އއ. މަތިވެރި ފިނޮޅުގެ ބަދަލުގައި މާލެ އަތޮޅުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް ސަރުކާރުން ދޫކުރި ފަޅުގައި ރާއްޖެ އިން ބޭރުގެ ބަޔަކާ ގުޅިގެން ރިސޯޓެއް ހެދުމާ ގުޅޭ ކަންކަން ފަށާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރި ފިނޮޅުގެ ބަދަލުގައި މާލެ އަތޮޅުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް ސަރުކާރުން ދޫކުރި ފަޅުގައި ރާއްޖެ އިން ބޭރުގެ ބަޔަކާ ގުޅިގެން ރިސޯޓެއް ހެދުމާ ގުޅޭ ކަންކަން ފަށާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ޖާބިރުގެ ހިއްސާ އޮންނަ އިންޓަނޭޝަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުންޏަށް މާލެ އަތޮޅުން ފަޅެއް ދޫކުރީ، އެ ކުންފުންޏަށް ދޫކޮށްފައި އޮތް މަތިވެރި ފިނޮޅުގެ ބަދަލުގަ އެވެ. މަތިވެރި ފިނޮޅު ވަނީ ސަރުކާރުގެ ބޭނުމަށް އެ ކުންފުނި އަތުން ނަގައިފަ އެވެ. އެހެންވެ، އޭގެ ބަދަލުގައި ޖާބިރުގެ ކުންފުންޏަށް އެހެން ފަޅެއް ސަރުކާރުން ދޫކުރީ އެވެ.
މަތިވެރި ފިނޮޅު ސަރުކާރުން ނެގިއިރު، އެ ތަނުގައި 100 އެނދުގެ ރިސޯޓެއް ހެދުމުގެ މަޝްރޫއު ޖާބިރު އޮތީ އިއުލާން ކުރައްވާފަ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ކުރުމުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ޖާބިރު "މިހާރު" އަށް ވިދާޅުވި ގޮތުގައި މާލެ އަތޮޅު ގާފަރު ކައިރީގެ އެ ފަޅުގައި އެންމެ މަތީ ފެންވަރުގެ ރިސޯޓެއް ހެދުމާ ގުޅޭ މަޝްވަރާތައް ބޭރުގެ ކުންފުންޏަކާ ގުޅިގެން މިހާރު ވަނީ ފަށައިފަ އެވެ. ނަމަވެސް، އެއީ ކޮން ގައުމެއްގެ ކުންފުންޏެއް ކަމާއި މަޝްރޫއުގެ އަގު ޖާބިރު ވިދާޅެއް ނުވި އެވެ.
"މާލެ އަތޮޅު ފަޅަށް އިންވެސްޓަރުން ހަމަޖެހި، މިހާރު ދަނީ އެ މަސައްކަތް ކުރިއަށް. ދުނިޔޭގެ ފެންވަރުގެ ރިސޯޓެއް އެ ތަނުގައި ހަދާނީ،" މީގެ ކުރިން ވެސް މިފަދަ ބޮޑެތި އިންވެސްޓްތައް ރާއްޖޭގައި ކުރައްވާފައިވަ ޖާބިރު ވިދާޅުވި އެވެ.
"ފުދޭވަރަކަށް ބޮޑު އިންވެސްޓްމަންޓެއް. ގާތްގަނޑަކަށް އެ ތަނުގެ އެކި ޑިޕާޓްމަންޓް ވައިސް ކޮށްދާއިރު 200-300 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްގެ ވާހަކަ މިއީ."
ޖާބިރު އެހެން ވިދާޅުވިއިރު، އެ ފަޅު ވިއްކާލަން އޭނާ އުޅުއްވާ ކަމުގެ އަޑު އޮތީ ފެތުރިފަ އެވެ. އެކަމަކު، މިއަދު ވިދާޅުވީ، ފަޅު ވިއްކާ ނުލައްވާނެ ކަމަށާއި އެ ތަން ތަރައްގީ ކުރާނީ އޭނާގެ ކުންފުނި ހިއްސާވާ ގޮތަށް ކަމަށެވެ. އެފަދަ ބޮޑު މަޝްރޫއެއް ހިންގޭނީ ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ތަނެއް ވިއްކައެއް ނުލަން. އަޅުގަނޑުމެންނަކީ ކުންފުންޏެއް. އެހެންވީމާ ބައިވަރު ޑީލްތައް ހަދަމުން ދާނީ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރުގެ އިތުރުން އިންޓަނޭޝަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުނީގެ ހިއްސާދާރަކީ އޭނާގެ ދަރިކަލުން މުހައްމަދު ޖާބިރެވެ. އެއީ ޖާބިރު ބައްލަވައިގެންފައިވާ ކުންފުންޏެކެވެ.
ކުންފުނީގެ މުދަލެއްގެ ގޮތުގައި އޮތް މަތިވެރި ފިނޮޅަކީ މަތިވެރި ފަޅު ތެރޭ އޮންނަ ކުޑަ ފިނޮޅެކެވެ. މަތިވެރި ކައުންސިލުން ވަނީ އެ ފިނޮޅު، ރަށުގެ އިހުތިސޯސް ތެރޭގައި ހިމަނައިދިނުމަށް އެދިފަ އެވެ.
"އަޅުގަނޑަށް މި ސަރުކާރުން އެއްޗެއް ނުދެއޭ. އަޅުގަނޑުގެ އަތުގައި އޮތް އެއްޗެއް ސަރުކާރުން ނަގަން ބޭނުންވެގެން ރައްޔިތުން އެދިގެން މި ފަޅު މި ހަމަޖެއްސީ،" ޖާބިރު ވިދާޅުވި އެވެ.
މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް ދޫކުރި ފަޅުގެ ނަމެއް ވެސް އޭނާ ވިދާޅެއް ނުވި އެވެ. މަތިވެރި ފިނޮޅަށް ސްޕީޑް ލޯންޗެއްގައި މާލެއިން ގާތްގަނޑަކަށް 45 މިނެޓުން ދެވާއިރު، ގާފަރު ކައިރި ފަޅަށް ދެވެނީ 50 ވަރަކަށް މިނެޓް ތެރޭގަ އެވެ.
މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް ފަޅެއް ދީފި
ގައުމީ ޓޫރިޒަމް ދުވަހަކަށް އޮކްޓޯބަރު 3 ކަނޑައަޅައިފި
ޓޫރިޒަމް މިނިސްޓްރީގެ އީ-މެގަޒިން ނެރެފި
"އެވޯޑް ލިބުނީ ޓޫރިޒަމް ދާއިރާގެ ބުރަ މަސައްކަތުން"
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ފަހުން ހަގީގަތް ހާމަވާނެ: އަލީ ވަހީދު
ޓޫރިޒަމް ފަށާ ދުވަސް ރައީސް މިއަދު އިއުލާން ކުރައްވަނީ
ޓޫރިސްޓުން ގެނައުމުގެ ގައިޑްލައިނަށް ބަދަލު ގެންނަނީ
ބޮޑުމޮހޮރާއަށް 42.3 މިލިއަން ރުފިޔާ ދޭން ޖެހޭ
ޖާބިރަށް ބޮޑުމޮހޮރާ ދޭތީ އަތޮޅު ރައްޔިތުން ދެކޮޅުހަދަނީ