Roadha Mihaaru
މަންމައަށް މަރުގެ އިންޒާރުދިން މީހަކު ހަ މަހަށް ޖަލަށް

މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށް

16 ޖުލައި 2023

މަންމަ އަށް މަރުގެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަންމަ އަށް މަރުގެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މާލޭގައި ޑިސެމްބަރު 2021 ގައި މީހަކު އޭނާގެ މަންމަ އަށް މަރުގެ އިންޒާރު ދީ އަދި ކަތިލާނެ ކަމަށް ބުނެ އެކި ފަހަރު މަތިން އިންޒާރު ދިނީ ގޭގެ ތަކެއްޗަށް އޭނާ ގެއްލުން ދޭން ފެށުމުން އެކަން އެގޮތަށް ނުކުރަން މަންމަ ބުނުމުންނެވެ. އެ މީހާގެ މައްޗަށް ކުރީ ބިރުދެއްކުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އެ މީހާ ދައުވާ އަށް އިންކާރު ކުރިޔަސް، އޭނާ މަންމަ އަށް އިންޒާރު ދިންކަން ހެކިންގެ ބަހުން ފުށުއެރުމެއް ނެތި އެނގޭ ކަމަށެވެ. އަދި ބުނެ އިންޒާރު ދިނީ ބިރުދެއްކުމުގެ ނިޔަތުގައި ނޫން ކަން އެނގޭނެ ހެއްކެއް އޭނާ އަށް ނުދެއްކޭ ކަމަށް ހުކުމުގައިވެ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކޯޓުން އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ތިން މަހާއި 25 ދުވަހުގެ އަދަބެކެވެ.

މަންމަ އަށް ބިރު ދެއްކުމުގެ އިތުރުން ބިއްލޫރި ފުޅިއެއް ތަޅާލައިގެން ގޮސް މަންމައަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ އިތުރު ދައުވާ އަކާއި ގޭގައި ގެންގުޅޭ އިންޑިއާގެ މީހެއްގެ ކަރުގައި ވަޅިއެއް ޖައްސައި، ބިރު ދެއްކި ކަމަށް ބުނެ އިތުރު ދައުވާއެއް ވެސް އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ.

ނަމަވެސް ކޯޓުން ނިންމީ އެ ދެ ދައުވާ ސާބިތު ނުވާ ކަމަށެވެ.