Roadha Mihaaru
ބޭރުގެ މަޝްވަރާ ހޯދަނީ އިންތިހާބު މިނިވަންކުރަން: އީސީ

ބޭރުގެ ފަރާތްތަކާ އެކު މަޝްވަރަކާ ކުރަނީ އިންތިހާބުގެ މިނިވަންކަން ޔަގީންކުރަން: އީސީ

17 ޖުލައި 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރަހުމަތްތެރި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކާ އެކު މަޝްވަރާކޮށް، ލަފާ ހޯދަނީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ދެފުށް ފެންނަ އިންތިހާބެއް ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރަހުމަތްތެރި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކާ އެކު މަޝްވަރާކޮށް، ލަފާ ހޯދަނީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ދެފުށް ފެންނަ އިންތިހާބެއް ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވީ، އިންޑިއާ އިން އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭގޮތުން، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު މުނޫ މަހާވަރު އާ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއްޔެ ބައްދަލުކުރެއްވުމުން ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އެ ބައްދަލުވުމަށް ފަހު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިންޑިއާ ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ތަފާތު އެކި ތުހުމަތުތައް ހާއްސަކޮށް ސޯޝަލް މީޑިޔާގައި ދަނީ އީސީ އަށް އަމާޒު ކުރަމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓުއްގައި ވިދާޅުވީ، އިންތިހާބު އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވާލި ފުރުސަތާ ގުޅިގެން، ދުނިޔޭގެ އެކި ޖަމާއާތްތަކާއި ގައުމުތަކުން މިދިޔަ ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތެރޭގައި އީސީގެ މެމްބަރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އދ. އާއި އީޔޫ އާއި ކޮމަންވެލްތާއި ޔޫއެސް އެއިޑާއި އައިއެފްއީއެސް އާއި އޮސްޓްރޭލިއާ އާއި ކެނެޑާ އާއި ޖަޕާނާއި އިނގިރޭސި ވިލާތް އަދި އިންޑިޔާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރުން ކޮމިޝަނާ ބައްދަލުކުރައްވައި، އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުންނާއި އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.

"އަދި ބައެއް ޖަމާއަތްތަކުންނާއި ގައުމުތަކުން އިންތިޚާބުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައިވޭ،" އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި، ޔޫއެންޑީޕީގެ އިތުރުން އީޔޫގެ ޑެލިގޭޝަނުންނާއި ކޮމަންވެލްތުގެ ޕްރީ އެސެސްމެންޓް މިޝަންގެ ބޭފުޅުން ވެސް އިންތިހާބު އިންތިޒާމުތައް ރާވަމުން އަންނަ ގޮތާއި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ވަރަށް ގާތުން ބަލަމުން ގެންދެ އެވެ. ކޮމަންވެލްތުގެ ޓީމުން "އުންމީދު އޮތް" ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގައި އޮތް ފުރުސަތާ ބެހޭ ގޮތުން ވެސް މައުލޫމާތު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުގެ ވީހާ ވެސް ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރުމަކީ ހަބީބް ވިދާޅުވި ގޮތުގައި، އިންސާފުވެރި ކަމާއެކީގައި އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ހިތްވަރެކެވެ.

"މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ދެފުށް ފެންނަ ގޮތަށް، ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ މައްޗަށް ނޫން ގޮތަކަށް، ބޭރުގެ އަދި އެތެރޭގެ އެއްވެސް ފަރާތަކުން ވެސް އެއްވެސް މަޝްވަރާއެއް ކޮމިޝަނަށް ދެއްވާފައި ނުވޭ،" ހަބީބް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލާ ގޮތަށް އޮތީ މި މަހުގެ 23 އިން އަންނަ މަހުގެ ފަހަކަށެވެ.

މި އިންތިހާބުގައި 278,000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.