Roadha Mihaaru
ފުއްގިރި މައްސަލަ: އަދީބު ދިން ދަބަހެއް މީޓިން ރޫމަށް

ފުއްގިރި މައްސަލަ: ބައްދަލުވުން އޮތް ތަނަށް އަދީބު ދިން ދަބަހެއް ގެންދިޔަ ކަމަށް ހެކިބަސް ދީފި

18 ޖުލައި 2023

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ދީ، މަނީ ލޯންޑާކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ހިމެނޭ ބައެއް މީހުން ބައްދަލުވުމެއްގައި ތިއްބާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަވާލުކުރި ދަބަހެއް އެތަނަށް ގެންގޮސްދިން ކަމަށް އޭނާގެ ބޮޑީގާޑް އަހުމަދު އާމިރު މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ދީ، މަނީ ލޯންޑާކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ހިމެނޭ ބައެއް މީހުން ބައްދަލުވުމެއްގައި ތިއްބާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަވާލުކުރި ދަބަހެއް އެތަނަށް ގެންގޮސްދިން ކަމަށް އޭނާގެ ބޮޑީގާޑް އަހުމަދު އާމިރު މިއަދު ބުނެފި އެވެ.

އޭނާ މިހެން ބުނީ، ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި، ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާގައި ހެކި ބަސް ދެމުންނެވެ. މި މައްސަލާގައި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. ފުއްގިރި މައްސަލާގައި ސަންގެ ދެ ކުންފުންޏަށް މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެހެން ފަރާތަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ޔާމީން ގަބޫލުކުރި އެއް މިލިއަން ޑޮލަރު ސަން އިންވެސްޓްމަންޓް ކުންފުނިން ލޯންޑާ ކޮށްދިން ކަމަށް ބުނެ އެވެ. މިއަދު ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި އާމިރު ހެކިބަސް ދިނީ މެލޭޝިއާގައި ހުރެ، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ހާޒިރުވެގެންނެވެ. އާމިރަކީ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް ފަހު ހައްޔަރުކޮށް ދައުވާ ލިބުނު މީހެކެވެ.

އާމިރު ހެކިބަސް ދިނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެމްޕީއާރްސީގައި އޮތް ބައްދަލުވުމަކާ ބެހޭ ގޮތުންނެވެ. އޭނާ ބުނި ގޮތުގައި، އެ ބައްދަލުވުމުގައި އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ޔާމީނަށް ރިޝްވަތު ހުށަހެޅުމުގައި މެދުވެރިއަކަށްވި ކަމަށް ބުނާ އަހުމަދު ކްރިކް ރިޒާ ބައިވެރިވި އެވެ.

ދެން އެ ބައްދަލުވުމުގައި ތިބީ ސަން ކުންފުނީގެ ވެރިޔާ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކޮއްކޮއެއް ކަމަށްވާ ސާލިމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފެވެ. މި ބައްދަލުވުމުގައި މައުރޫފް ބައިވެރިވެވަޑައިގަތް ކަމަށް އާމިރު މިއަދު ބުނީ އަލަށެވެ. މީގެކުރިން ތަހުގީގަށް ދިން ބަޔާނުގައި އެކަން ފާހަގަކޮށްފައެއް ނެތެވެ.

އެކަމާ ގުޅިގެން ސަންގެ ވަކީލުން ސުވާލު ކުރުމުން އާމިރު ބުނީ ތަހުގީގަށް ބަޔާންދިންއިރު ބައްދަލުވުމުގެ ކަންކަން މާބޮޑަށް ހަނދާން ނެތް ކަމަށެވެ. ނަމަވެސް، ފަހުން އެކަމާ ވިސްނައި ފިކުރު ކުރުމުން ބައްދަލުވުމުގައި އަލީ މައުރޫފް ވެސް އިންނެވިކަން ހަނދާން އާވި ކަމަށް ބުންޏެވެ.

އެމްއެމްޕީއާރްސީގެ މީޓިން ރޫމްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެއްކި އެއްވެސް ވާހަކައެއް އާމިރަކަށް ނޭނގެ އެވެ.

ނަމަވެސް، އާމިރު ބުނި ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން އޭނާއަށް އެނގުނީ އަދީބު އަންގަވައިގެން ދަބަހެއް އެ މީޓިން ރޫމަށް ގެންގޮސްދޭން ޖެހުމުންނެވެ. މީޓިން ރޫމްގެ ދޮރު ހުޅުވުމުން އެ ދަބަހާ ހަވާލުވީ އެމްއެމްޕީއާރްސީގެ މުވައްޒަފެއް ކަމަށާއި ބައްދަލުވުމުގައި އެހެން ބޭފުޅުން އޭރު ތިއްބެވީ މޭޒު ކައިރީ އިށީނދެގެން ކަމަށް އާމިރު ބުންޏެވެ.

އެ ދަބަހުގައި ހުރި އެއްޗަކާ ބެހޭ ގޮތުން އާމިރާ ސުވާލެއް ނުކުރެ އެވެ.

ފުއްގިރި މައްސަލާގައި ކުރިން ބޭއްވި އަޑުއެހުމެއް

ފުއްގިރި މައްސަލާގައި ކުރިން ބޭއްވި އަޑުއެހުމެއް

މި ބައްދަލުވުގައި ބައިވެރި ސާލިމްއާ ގުޅޭ ގޮތުން ވެސް ސަން ކުންފުނީގެ ވަކީލުން ގިނަ ސުވާލުތަކެއް އަމާޒުކުރި އެވެ. ހެކިވެރިޔާއަށް ސާލިމް އެނގޭ ގޮތާއި އޭނާގެ ސިފަތައް ކިޔައިދޭން ވެސް އެދުނެވެ. ސާލިމްގެ ސިފަތަކާ ގުޅޭ ގޮތުން އާމިރާ ކުރި ސުވާލުތަކަށް އޭނާއަށް ސާފުކޮށް ޖަވާބު ނުދެވުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ކަމަށް ބުނާ މައުރޫފަކީ މި މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ވެސް ހުށަހަޅާފައިވާ ބޭފުޅެކެވެ. ނަމަވެސް، ދައުލަތުން މިހާރު ވަނީ އޭނާގެ ހެކިބަސް ނަގަން ބޭނުން ނުވާނެ ކަމަށް ބުނެފަ އެވެ.

މީގެއިތުރުން އެހެން ދެ ހެއްކަކު ވަނީ މައްސަލާގައި ހެކިބަސް ދޭން ހާޒިރުވާން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ، އެ ދެ ހެކިވެރިންގެ ހެކިބަސް ވެސް ދެން ނަގަން ބޭނުން ނުވާ ކަމަށް ދައުލަތުން މިއަދު ބުންޏެވެ.

މި މައްސަލާގައި މިހާރު ހެކި ބަސް ނުނެގި އޮތް ދައުލަތުގެ ދެ ހެކިވެރިންގެ ހެކިބަސް އަންނަ ބުރާސްފަތި ދުވަހު ނަގަން ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

ކުރިން މި ޝަރީއަތް ހިންގީ މި ފަރާތްތަކުގެ އިތުރުން ރިޝްވަތު ދިން ކަމަށް ތުހުމަތުވާ ކްރިކް ރިޒާއަށް ކުރާ ދައުވާއާ ވެސް އެކުގަ އެވެ. ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުން ޝަރީއަތުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން މި ޝަރީއަތް ކުރިއަށް ނުގެންދެވި އޮތުމަށް ފަހު މިހާރު ކުރިއަށް ގެންދަނީ ރިޒާގެ ދައުވާ އަނބުރާ ގެންދިއުމާ އެކުގަ އެވެ. އެއީ ދިފާއުގައި ރިޒާ ހުށަހަޅާފައިވާ ބައެއް ކަންކަން އިތުރަށް ބެލުމަށް ކަމަށް ބުނެ އެވެ.